މިއީ ކައިވެންޏެއްގެ އާދަޔާހިލާފު ފޮޓޯތަކެކެވެ. މި ފޮޓޯތަކަށް ބަލާލައިފައި ބައެއް މީހުން ފާޑުކިޔަސް، ސޯޝަލް މީޑިއާގައި މި ފޮޓޯތައް މި ދަނީ ތަރުހީބާ އެކު ފަތުއަޑު ކިޔާފައި ހިނގަމުންނެވެ. މިއީ އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް ޒުވާން އަންހެން ކުއްޖަކު ދެކެމުން އައި ހުވަފެނެއްގެ ނިމުމެވެ.

ރާއްޖޭގައި މޫނު ބުރުގާ އަޅާ މީހުންގެ ކައިވެނީގެ ފޮޓޯ މިހެން ހުއްޓާއެއް ވަރަށް ނުފެނެ އެވެ. ހެދުން އެޅުމުގެ ވައްޓަފާޅީގެ ތަފާތު ކަމާއި އަދި ފޮޓޯތައް ވެސް މާ ބޮޑަށް ތަފާތީ އެވެ.

ކައިވެނީގެ ދުވަހަކީ އެންމެން ވެސް ފާހަގަކުރާ ދުވަހެއް ކަމުން، ރީތި ހުދު ހެދުމެއްގައި ފެނިލުމަކީ ގިނަ އަންހެން ކުދިންގެ ވެސް އުންމީދެވެ. މިއީ މަރިޔަމް ޝަޒްލާ ވެސް (ޝަޒް) ދެކެމުން އައި، އަދި ސީދާ ކުރި ހުވަފެނެވެ. އޭނާ މޫނު ބުރުގާ އެޅުމަކުން، އެ އުންމީދު ހާސިލް ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.

ޝަޒް އޭނާގެ ފިރިމީހާ އާ އެކު ފޮޓޯ ޝޫޓިންގައި -- ފޮޓޯ: ވިންކް އަ ޕިކް
ޝަޒް އޭނާގެ ފިރިމީހާ އާ އެކު ފޮޓޯ ޝޫޓިންގައި -- ފޮޓޯ: ވިންކް އަ ޕިކް

އެންމެ ލޯބިވާ މީހާ އާ ކައިވެނި ކުރާ ދުވަހު މޫނު ބުރުގާ އަޅައި، ކުލަގަދަ ވެޑިންގެއް ބާއްވާލަން ޝަޒް ބޭނުންވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ އަށް ނޭނގުނީ އެކަން ކުރާނެ ގޮތެކެވެ. އެކަމަކު އޭގެ މަޝްވަރާ އަށް މާ ދުރަށް ދާކަށް ވެސް ނުޖެހުނެވެ. ދައްތަ އަދި ޑިޒައިނަރު ޝިފް ވަނީ ޝަޒްގެ "ޑްރީމް ވެޑިންޑްރެސް" އެންމެ ފުރިހަމަ އަށް ތައްޔާރުކޮށްދީފަ އެވެ.

"ކުރިން ބުރުގާއެއް ނާޅަން. އެކަމަކު މެރީކުރި ދުވަހު މޫނު ބުރުގާ އަޅަން ބޭނުންވީ. އެ ދުވަހުން ފެށިގެން މި އުޅެނީ މޫނުބުރުގާ އަޅައިގެން،" ލަންކާގައި ކުލަގަދަކޮށް ވެޑިން ޕާޓީއެއް ބާއްވައި، އާންމުން ސިއްސުވާލި ޝަޒް ބުންޏެވެ. "ކޮންމެ ކުއްޖެއްވެސް ބޭނުންވާނެ ބިގް ވައިޓް ވެޑިންއެއް ބާއްވާލަން."

އޮފް ވައިޓް ކުލައިގެ ލޭސް ފޮތިން ތައްޔާރުކޮށްފައި މިވާ ސިމްޕަލް އޭލައިން ހެދުމާ އެކު އޭނާ ވަނީ ތުނި ޝިފޯން ފޮތިން ސާދާ ގޮތަކަށް ނިގާބް އަޅައިފަ އެވެ. އެއާ ގުޅުވާލައިގެން މޭކަޕް އާޓިސްޓް ރީޝް ވަނީ ހިތްގައިމު އަރަބި ސްޓައިލަކަށް ދާ ސްމޯކީ އައި މޭކަޕެއް ކޮށްފަ އެވެ. ގްރޫމް ހުރީ ފަގުޑިއަކާ އެކު ރަންކުލައިގެ މިނައިން ޖަރީކޮށްފައި ހުރި އިންޑިއަން ޝޭރްވާނީއެއް ލައިފަ އެވެ.

ޝަޒް ފޮޓޯ ޝޫޓިންގައި -- ފޮޓޯ: ވިންކް އަ ޕިކް
ޝަޒް ފޮޓޯ ޝޫޓިންގައި -- ފޮޓޯ: ވިންކް އަ ޕިކް

މިއާ އެކު ދެމަފިރިންގެ ލޯބި ރަމްޒުކޮށްދޭ ފޮޓޯ ޝޫޓިންއެއް ވެސް ވަނީ ބާއްވައިފަ އެވެެ. މި ފޮޓޯތައް ނަގާފައި ވަނީ ސްރީލަންކާގަ އެވެ. ކެމެރާގެ ފަހަތުގައިވާ އާޓިސްޓަކީ ވިންކް އަ ޕިކް އެވެ.