ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ގާނޫނާ ޚިލާފު ކަންކަން ކުރުވުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ޚިދުމަތްތަކުން ހުރަސް އަޅަމުން ދަނިކޮށް ގަދަކަމުން އިދިކޮޅު މެމްބަރުން މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލާގައި ޝާހިދު މިރޭ ފުލުހަށް ހާޒިރު ކުރުމުން ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ މީހުން ލައްވައި، ގާނޫނާ ޚިލާފަށް ސަރުކާރަށް ކަންކަން ކުރެވޭނީ ވަކި މިންވަރަކަށެވެ. ގާނޫނާ ޚިލާފު ކަންކަން މުއައްސަސާތަކުގެ މީހުން ލައްވައި ކުރުވުން ނިމުމަކަށް އަންނާނެ ކަމަށާއި އެ މަންޒަރު މިހާރު ފެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަލާމަތީ ޚިދުމަތްތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވާނެ ތިމަންނަމެން ތިކަމެއް ނުކުރާނަމޭ. އަޅުގަނޑުމެންނަށް މާ ކައިރިން ފެންނަން ހުރީ ގާނޫނާ ޚިލާފަށް ކަންކަން ކުރުވާފައި އެ މީހުންނާ ދޭތެރޭގައި ކަންކަން ވެފައި ހުރިގޮތް،" މި ސަރުކާރުގައި ބައެއް މުއައްސަސާތަކުގެ ވެރިންނާއި ދައުލަތުގެ ބައެއް އިސްވެރިން ދައުލަތުގެ ބާރުވެރިކަމާ ދުރަށް ޖައްސަމުންދާ ދިއުމަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ސިފައިންގެ އެހީއާ އެކު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ބާއްވާފައިވާތީ، ޝާހިދު ވިދާޅުވީ އެކަމުން ދޭހަވަނީ ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމަ އިއުލާން ކޮށްގެން ކަމަށެވެ. މައްސަލަތަކަށް ހައްލު ހޯދަން ބޭނުން ނަމަ ރައީސް އަބްދުﷲ ޔާމީނަށް އޮންނާނެ ގޮތަކީ އިދިކޮޅު ލީޑަރުންނާ އެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށާއި މިވަގުތު އެމަނިކުފާނު މަގާމުގައި ހުންނަވައިގެން ނުވާނެ ކަމަށެވެ.
ޝާހިދުގެ އިތުރުން އިދިކޮޅު އެހެން ތިން މެމްބަރަކު ވެސް މަޖިލިހުގެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލާގައި މީގެ ކުރިން ފުލުހަށް ހާޒިރު ކޮށްފައިވާއިރު، އިތުރު ފަސް މެމްބަރަކު މާދަމާ ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އެ މެމްބަރުން ވެސް ހާޒިރުކުރަނީ ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ފުލުހުން ސަފެއް ފަޅާލި ކަމުގެ ތުހުުމަތުގަ އެވެ.