ޔާމީނަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން އޭނާ ދިރިއުޅޭ ގޭގެ ލިފްޓް ގޮޅި ކައިރީގައި މަޑުކޮށްލައިގެން: މި މައްސަލައާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި.
09 އޯގަސްޓް 2017 - 20:02
މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު ރަހުމްކުޑަ ގޮތަކަށް މަރާލުމުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނަކީ އިސްލާމް ދީނަށް ފުރައްސާކުރުމާ ދެކޮޅު ހަދާ ބައެއް ކަމަށް ބުނެ، އޭނާ މަރާލުމުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ދޭހަވާ ގޮތަށް ފުލުހުން މިއަދު ވާހަކަދައްކައިފި އެވެ.
ޔާމީންގެ މަރުގެ މައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކުރާތާ ގިނަ ދުވަސްތަކަކަށް ފަހު، ބޭއްވި ޕްރެސް ބްރީފިންއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ބައިވެރިވީ، އެކަށީގެންވާ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ކަމަށް ވިޔަސް އެއީ ދީނީ ގޮތުން ބަސް ބުނުމުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އެ މީހުންގެ ވިސްނުމުގައި، ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ޔާމީން މަރާލަން ޖެހުނު ސަބަބު ކަމަށް ފުލުހުންނަށް ހާމަކުރެވެން އޮތް އެންމެ ބޮޑު މިންވަރެވެ.
"... އަޅުގަނޑުމެން ފާހަގަކުރަނީ، ޔާމީން ރަޝީދު މަރާލުމުގައި ހަރަކާތްތެރިވި މީހުންނަކީ އުމުރުގެ ގޮތުން ވެސް އެހާ ދޮށީ ބައެއް ނޫނޭ. ވަރަށް ޅައުމުރުގެ ބައެއް. ފަންސަވީސް އަހަރުން ދަށުގެ މީހުން އުޅެނީ. އެހެންވީމަ މި މީހުން ގަބޫލުކުރާ ގޮތުގައި ދީނަށް ފުރައްސާރަކުރާ މީހުންނާ ޚިޔާލު ތަފާތުވޭ. އެގޮތުން މި މީހުން ގަބޫލުކުރަނީ ޔާމީން ރަޝީދަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި،" ޔާމީން މަރާލި މައްސަލާގައި ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ޕްރެޒެންޓޭޝަނަށް އިޝާރާތް ކުރައްވަމުން ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީން މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބި ބައެއްގެ މައުލޫމާތު ލިބިފައިވާކަން ކުރިން ހާމަކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަކިން ކުރިއަށް އެބަގެންދޭ. އިރާދަކުރެއްވިއްޔާ އެ މީހުންނާ ގުޅޭ ގޮތުން ލިބިފައިހުރި މައުލޫމާތުތަކާއި އޭގެ ހަގީގަތްތައް ބަލައި އެނަލައިޒްކުރުމުގެ މަސައްކަތް މޭޖާ ކްރައިމް ސެންޓަރުން ކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ބްލޮގާ ޔާމީން ރަޝީދު މަރާލި ރޭ ދަންވަރު އޭނާ އޮފީހުން ނުކުންނަނީ. ފޮޓޯ: ޕޮލިސް
ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތު އާއްމުކުރުން ލަސްވީ ކީއްވެތޯ އެހުމުން ޝަމީމް ވިދާޅުވީ އެ ތަހުގީގާ ގުޅޭ ގޮތުން ޔާމީންގެ އާއިލާ އިންނާއި ބައިނަލްއަގުމީ ޖަމިއްޔާތަކުންނާއި އެކި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މިއަދު ޔާމީން ރަޝީދުގެ އާއިލާއިން ގަބޫލުކުރައްވާނެކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަރަށް ތެދުނިޔަތުގައި ވަރަށް އިހުލާސްތެރިކަމާ އެކު މިކަމުގެ އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީން މަރާލި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ކުރިމަތިކުރަމުން ގެންދިޔަ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީ އަށް އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަމުންގެންދިޔަ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ވެރިންނާ ބައްދަލުކުރައްވައި ސުވާލުކުރި ފަރާތްތަކަށް ވެސް މައުލޫމާތު ހިއްސާކުރި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"މިކަމުގައި ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތް ބައިނަލް އަގުވާމީ ކޮމިއުނިޓީގައި ބަލައިގަތްކަން ފާހަގަކުރަން،" ފުލުހުންނަށް ކުރިމަތިވަމުންދިޔަ ޝަކުވާތަކާ ގުޅިގެން އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަގުތު ގޭގެ ބޭރުގައި ފާރައަށް ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދެއްކި ޕްރެޒެންޓޭޝަނެއްގައި ބުނީ އެ ތިން މީހުންގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ސިންދުބާންގޭ މުހައްމަދު އިފްރާން އާއި މ. ކުދެހި ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހުމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދު އަދި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދު ކަމަށެވެ.
ޔާމީން ދިރިއުޅޭ މ.ސްޕެޓިއުލާގޭގެ ތިރީ ސިޑި ކައިރީގައި އޭނާ މަރާލާފައި އޮއްވައި ފެނުނީ، މިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭގަ އެވެ.
މި މައްސަލާގައި އަށް މީހަކު ހައްޔަރުކޮށް، ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި އެކަކު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
11 August 2017
މި ޒުވާނުންގެ ފަހަހތުގައި ތިބީ ކޮން ބައެއްތޯ ބަލާ، އިސްާމް ދީންުގެ ނަމުގައި މިފަދަ ޖަރީނާ ހިްނގުމަށް ހިތްވަރު ދެ ފަރާތްތައް ހައްޔަރު ކުރުން މުހިްނމު
ވަތަނަބޭ
10 August 2017
އެހެންވީމާ މިގައުމުގެ ރައްޔިތުން ޤަބޫލުކުރާ ފިކުރަށް ހަޖޫޖަހައި، ގޮންޖަހާ މައްސަލަތައް ވަރަށް ރަނގަޅަށް ބަލައި ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން އެއީ މުސްތަގުބަލުގައި ވެސް މިްައުމުގައި މިފަދަ ހިތާމަވެރި މަރުގެ ޙަދިސާތަށް ހިނގުން ހުއްޓުވުމަށް! ދައުލަތުގެ ވެރިން ކަންމަތީ ގްރޫޕްތަކާއި ދެމެދު އޮންނަ ގުޅުން ވެސް ވަރަށް ރަނގަޅަށް ބެލެހެއްޓުމަށް ގޮވާލަން! އެއީ އެފަރާތްތަކުގެ ރީތިނަން ބޭކަރުގޮތުގައި ކިލަނބު ކުރުމުން ސަލާމަތް ކުރުމަށް!
ނިމް
10 August 2017
ފުލުހުންނަށް ތި ކޮންކުލޫޝަނަށް އާދެވުނީ ކިހިނެތްބާ؟ ތިކަންކުރި މީހުން ކުށަށް އިއުތިރާވެ ކަންކުރި ގޮތާއި ސަބަބުތައް ހާމަކުރީތޯ؟ ތި ބުނާ ބަޔަކު ޔާމީން ސެލެކްޓް ކުރީ ކިހިނެތްތޯ؟ ޔާމީން ކަހަލަ އިތުރު މީހުން މި މުޖުތަމަޢުގައި އުޅޭކަމަށް ޤަބޫލުކުރެވޭ! އެމީހުން މަރަން ތިކަން ކުރިމީހުން މަސައްކަތް ނުކުރޭތޯ؟
ރޯނުއެދުރު
10 August 2017
ފުލުހުންނަށް މި ކަމުގެ ކޮންކުލޫޝަނަށް އާދެވުނީ ކުރެވުނު ތަހުޤީގާއި ތަހލީލުތަކުން، ފުލުހުންގެ ތެރޭގައި އުޅެނީ ނުކިޔަވާތިބި ބައެއްކަމަށް ވަކިބަޔަކު ވަކާލާތު ކުރަމުންއައި ނަމަވެސް ފުލުހުންގެ ތެރޭގައި ތިބީ ކަމާގުޅުންހުރި ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެންގޮސް މާސްޓަރސް އަދި ޕީއެޗްޑީ ހަދާފަ ތިބި ހުނަރުވެރިން. ރާއްޖޭންބޭރަށް އިންޑިއާ، ސިންގަޕޯ، ތައިލެންޑް އޮސްޓްރޭލިއާ، ޔޫކޭ ފަދަ ގައުމުތަކަށް ކޯސްތަކުގަ ކިޔަވަންދާ ފުލުހުން އނބުރާ ގައުމަށް އެއަންނަނީ ކޯހުން 1ވަނަ ހޯދައިގެން. ރުހުމުގެ ލޮލަކުން ބެލައިގެން ނޫނީ މިކަންކަން ނުފެންނާނެ
ސސ
10 August 2017
އިސްލާމް ދިނަށް ކުރެވޭނެ އެންމެ ބޮޑު ފުރައްސާރަޔަކީ ހައްޤަކާއި ނުލައި ދީނުގެ ނަމުގައި އިންސާނުން މެރުން!
ހަޑިގިއްލާ
10 August 2017
ސިޔާސީވެރިން ބޭނުންވާ ޖަރީމާތަށް ހިންގުމަށް 'ދީނީ ހަރުކަށި ވިސްނުން' ކިޔާ ހިޔާލީ ބަޔަކު އުފައްދައެވެ. އުސާމާ ބިންލާދިން އުފައްދައި މުސްލިމުން ޓެރަރިސްޓުންނަށް ހެދިގޮތަށެވެ. އައިސިސް އުފައްދާ މުސްލިމުންނަކީ އަނިޔާވެރި ރަހުމުކުޑަބައެއްކަން ދައްކާ ގޮތަށެވެ. މިހާރު ސަލާމަތުން އޮތް އިސްލާމީ ޤައުމެއް އެބައޮތްތޯއެވެ. އެމީހުންގެ ނަމުގައި ހުރިހާ ޖަރީމައެއްވެސް ހިންގަނީ އެހެންބަޔެކެވެ. ރާއްޖޭގައިވެސް ކަންތައްތައް ހިނގަނީ މިފަދަގޮތަކަށްކަން މިހާރު ޤަބޫލްކުރަންޖެހޭ ހިސާބަށް މިއައީއެވެ.
އިސްމާއިލް
10 August 2017
ހަގީގަތަކީ މިއީ. ހުރިހާއެންމެންނެއް ދީނެއް ގަބޫލެއް ނުކުރޭ. އެކަމަކު އެކަކުވެސް މިކަން މިހެންވެދާނެ ކަމަކައް ގަބޫލު ކުރަން ބޭނުމެއް ނުވޭ. ނުކެރޭ. ޔާމިން ކަހަލަ ކެރޭ ކުއްޖަކު އޭނަގެ ހިޔާލު ފާޅު ކުރީމަ، ބައެއް މީހުންނައް އަޑުއަހަން ދަތީ. ފިރިހެން ވަންތަކަން ދައްކަން ބޭނުން ވާ، ޅަކުދިންކޮޅުގެ ބޯކާލާއިގެން މިފަދަ ގަތުލް މިހިންގަނީ، އަޑީގައި ބަޔަކު ލާރިދީގެން ތިބި، ނުރައްކާ ބަޔަކު!
އަރަފާތު
10 August 2017
ޔަހޫދީ ޒަކަބާރޖ ގެ ފޭސްބުކުގައި "ޝޭހް" ޖަހައިގެން ޕޭޖްތައް ހަދައިގެން އުޅޭ ގިން ދިވެހިން ޔާމީން ރަޝީދު މަރާލުން ދެއްކިވާހަކަތައް އެ އޮތީ ފެންނަން، 2017 ގެ އޭޕްރިލް މަހު ފަހު ކޮޅު އެ މީހުން ލިޔެފަ ހުރި އެއްޗެހިތައް ދިރާސާ ކޮށްލަބަލަ. އެކަކުވެސް ނެތް އިންސާނަކު ޝަރީއަތެއް ނެތި މެރީތީ އެކަން ކުެއްވެރި ކޮށްފަކާ! ލިޔެފަ ހުރީ ޔާމީން ރަޝީދު މަރާލިމީހުނަށް ހިއްވަރުލިބޭ ފަދަ ވާހަކަތައް.
ޙުވާ
10 August 2017
މީހުންގެ ދަރިން މަރާފަ އަރާމުގަ ގޭބަންދުގަ މިބަހައްތާނީ، މިކަހަލަ ގާތިލުން ޖުޖަމައުގަ ގޭގޭގަ ބަހައްޓަން ވާނެތަ. ދެންނޭގެ ކާކުކަމެއް ގަތުލުކުރާނީ. ތިމީހާ ގެޔަގޮސް އަހަންވީ ޔާމިން މަރާލީ ކާކުބުނެގެންތޯ.
ޝައްކު
10 August 2017
މައުމޫން ވެރިކަމުގަ ފުރުސަތު ނެތީ ދީނީ ގޮތުން ހަރުކަށި ވާން އެކަންޏެއްނޫން.
މަޖީދު
10 August 2017
ދީނީ ހަރުކަށިމީހުން ގޭނގްތަކުގައި އުޅޭކުދިންގެ ބޮލަށް ވަސްވާސް ދީގެން ކުރުވާކަމެއްމީ. ސިޔާސީ ވެރިން މިކުދިންގެ ނާޖާއިޒްފައިދާ ލާރިދީގެން. ކާރޓެލްސް މަސައްކަތްކުރާގޮތަށް ކުރިޔަށްދާކަމެއް މީ މިހާރު ރާއްޖެގައި.