އިސްކަންދަރު ސްކޫލުން އެއް ވަނަ ލަޔާލް އަށް

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލަޔާލް އަލީ ހޯދައިފި އެެވެ.


އެ ސްކޫލުގައި ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ލަޔާލް އަށް އިނާމުތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ.

ލަޔާލް ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ހެދި އަށް މާއްދާ އިން އޭ ހޯދައިގެން ރާއްޖޭގެ ގަދަ 10 އަކުން ވެސް އެއް ވަނަ ހޯދައިފަ އެވެ. އަދި ބަޔޮލޮޖީން ދުނިޔެ އިން ދެ ވަނަ ހޯދާފައި ވެ އެވެ.

އިސްކަންދަރު ސުކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި އޯ ލެވެލް އިން ކާމިޔާބު ހޯދި ދަރިވަރުން އެވޯޑާއެކު ފޮޓާއަކަށް ހުއްޓިގެން---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިސްކަންދަރު ސްކޫލުން މިިދިޔަ އަހަރުގެ ދެ ވަނަ ދަރިވަރަކީ އަމާން އަލީ ޝަރީފް އެވެ. ތިން ވަނަ ހޯދީ ލީން އަހުމަދު އެވެ. އެ ތިން ދަރިވަރުން ވެސް ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިން އެއް ވަނަ ހޯދައިފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން އިސްކަންދަރުގެ ވައިސް ކެެޕްޓަންކަން ވެސް ކުރި ލަޔާލް ބުނީ ކިޔަވާއިރު ތަފާތު ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް ފަހަތަށް ނުޖެހި، ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ބުންޏެވެ.

ލަޔާލް މިހާރު އަންނަނީ އިންޑިއާގައި އޭ ލެެވެލް އަށް ކިޔަވަމުންނެވެ. އަދި އޭ ލެވެލް އަށް ފަހު ކުރިއަށް ދިއުމުގެ ވިސްނުން ހުރީ ސިއްހީ ދާއިރާއިންނެވެ.

އިސްކަންދަރު ސުކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި، އެ ސްކޫލުގެ ދަރިވަރުންތަކެއް ބޭންޑް އައިޓަމެއް ހުށަަޅައިދެނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ވައިސް ކެޕްޓަންގެ ހައިސިއްޔަތުން ސްކޫލުގައި ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ކަމުގައި ވިޔަސް އެކަމުން ލަޔާލްގެ ކިޔެވުމަކަށް އަސަރެއް ނުކުރެ އެވެ. ވަގުތު ބަހާލައިގެން ކިޔެވުމާއި ސްކޫލުގައި ހިންގި ހަރަކާތްތަކުގައި ވެސް ބައިވެރިވެ އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ރޭގެ ޖަލްސާގައި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވި ގޮތުގައި އޯ ލެވެލް އިމްތިހާނުން ދަރިވަރުން ހޯދާ ނަތީޖާ އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުރިއަރަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު 48 ދަރިވަރުން އޯ ލެވެލްގެ ގަދަ 10 ގައިި ހިމެނުނުއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 49 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން އިސްކަންދަރުގެ 11 ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ.

އިސްކަންދަރު ސުކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި، މިދިޔަ އަހަރު ހުރިހާ ގޮތަކުން ދެ ވަނަ ހޯދި އައިމަން އަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަފީއު އެވޯޑު ހަވާލުކޮށްދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހުސެއިން ވިދާޅުވީ އިސްކަންދަރު ސްކޫލުން އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކުދިން ރާއްޖޭގެ ގަދަ 10 ގައި ހިމެނޭ ކަމަށެވެ. އެއީ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ އޯ ލެެވެލް އިމްތިހާނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް އިސްކަންދަރުން ކުރަމުން އަންނަކަން ވެސް ޕްރިންސިޕަލް ފާހަގަކުރި އެވެ. އެގޮތުން ދަރިވަރުން މިހާރު ހުރި ފެންވަރަށް ވުރެ އިތުރަށް ރަނގަޅު ކުރުމަށް ސްޓަޑީ ކޭމްޕުތަކާއި އިތުރު ކްލާސްތައް ނަގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިސްކަންދަރު ސުކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި، މިދިޔަ އަހަރު ހުރިހާ ގޮތަކުން އެއް ވަނަ ހޯދި ލަޔާލް ވާހަކަ ދައްކަނީ.--މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރޭ ބޭއްވި ހަފުލާގައި ވަނީ ގްރޭޑް އަށަކުން ފެށިގެން މަތީގެ 145 ދަރިވަރުންނަށް އިނާމު ދީފަ އެވެ