ޖަމާލުއްދީނާއި އިސްކަންދަރު ސްކޫލްގެ ޖާގަ ހޯދަން އޮޅުވާލައިގެން ލިޔުން ހުށަހަޅާ

ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ގްރޭޭޑް އެކަކުން ޖާގަ ހޯދުމުގެ ބޭނުމުގައި އޮޅުވާލައިގެން ލިޔުން ހުށަހަޅާތީ، އެ ދެ ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.


މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި، މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އެންމެ ބޮޑު އިސްކަމެއް ދިނުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއްބަޔަކު ބުނާގޮތުން ޖާގަ ދިނުމުގައި މާލޭގެ ދަރިވަރުންނަށް އިސްކަންދިނުމަކީ ސަރުކާރުން ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ހެއްކެއް ކަމަށެވެ.

އެ ފާޑުކިޔުންތަކާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އުސޫލުގައި ފާހަގަކުރި ކަންތައްތައް ތަފްސީލްކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ޖާގަ ދިނުމުގެ އުސޫލެއް ހެދީ އެ ސްކޫލު ހިމެނޭ ސަރަހައްދު (ކެޗްމަންޓް އޭރިއާ) އިން ވީހާ ވެސް ގިނަ ދަރިވަރުންނަށް ޖާގަ ދިނުމަށް ކަމަށެވެ. އެހެންވެ، އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސްކޫލަކުން ވީހާ ވެސް ގިނަ ދަރިވަރުންނަށް ޖާގަ ކަށަވަރުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ޖާގަ ދިނުމުގެ އުސޫލެއް ކަނޑައަޅަން ޖެހުނީ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ގްރޭޑް އެކަކަށް އަލަށް ވަންނަ ކުދިންނަށް ދެވެން ހުރި ޖާގަ އަށް ވުރެ، އެ ދެ ސްކޫލް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވުމުންނެވެ.

އިސްކަންދަރު ސްކޫލްގެ ގްރޭޑް އެކަކުން ޖާގަދެވެނީ 90 ދަރިވަރުންނަށް ކަމަށް ވިޔަސް އެ ސްކޫލް ހިމެނޭ ސަރަހައްދުގައި 288 އަށް ވުރެ ގިނަ ކުދިން އުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އެކަކުން ޖާގަ ދެވެނީ 120 ދަރިވަރުންނަށެވެ. އެކަމަކު، އެ ސްކޫލް ހިމެނޭ ސަރަހައްދުގައި 396 އަށްވުރެ ގިނަ ދަރިވަރުން އުޅޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބައެއް ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ދިރިނޫޅޭ މީހުން، އެ ސަރަހައްދުގައި އުޅޭކަން ދައްކަން ލިޔުން ހުށަހަޅައި ސްކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެހެންވެ އެ ސްކޫލެއް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން، ޖަމާލުއްދީނާއި އިސްކަންދަރު ސްކޫލު ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ގޭގޭ ގައި ގްރޭޑް އެކަކަށް ވަންނަ އުމުރުގެ 40-50 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން ދިރިއުޅޭ ކަމަށް ބުނެ ސިޓީ ހުށަހަޅާފައިވާ ކަމަށާއި މިނިސްޓްރީން ބެލިބެލުމުން އެ ގެތަކުގައި އެ އަދަދަށް ދަރިވަރުން ނޫޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

"މި އުސޫލުގެ ދަށުން އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލު ހިމެނޭ ސަރަހައްދުން ސްކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް އިންސާފުވެރިކަމާ އެކު ފުރުސަތު ދެވިގެންދާނެ އެވެ. ހަމަ އެއާ އެކު މާލެ ސަރަހައްދުގައި ހިމެނޭ އެހެން ހުރިހާ ސްކޫލުތަކުން، އެ ސްކޫލު ހިމެނޭ ސަރަހައްދުތަކުން ސްކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށ ޖާގަ ދެވޭނެ އެވެ،" ބަޔާނުގައި ބުންޏެވެ.

"މިނިސްޓްރީން އަބަދު ވެސް މަސައްކަތް ކުރާނީ ދަރިވަރުންނާއި ބެލެނިވެރިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުން ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ."

މީގެ ކުރިން، މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދީފައިވަނީ، ކޮންމެ ރަށެއްގެ ދަރިވަރަކަށް ވިޔަސް އެ ދަރިވަރަކު ދިރިއުޅޭ އެޑްރަހަށް ބެލުމަށް ފަހު އެވެ.