ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ބައްދަލު ކުރުމުގެ ފުރުސަތު މިދިޔަ ހަފުތާ އިން ފެށިގެން ނުލިބޭ ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފާރިސްއާ ބައްދަލު ކުރުމަށް މިދިޔަ ހަފުތާގައި އެދިވަޑައިގެންފައި ވިޔަސް އެ ފުރުސަތު އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.
މާފުށީ ޖަލުގައި ފާރިސް ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް އެކަމާ ގުޅިގެން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލަ ކޯޓަށް ފޮނުވިއިރު ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލައި، ޝަރީއަތް ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.
ފާރިސް ހައްޔަރުކޮށް، ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މިހާރު އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.