މާދަމާއަށް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކީ ގާނޫނާ ޚިލާފް ޖަލްސާއެއް ކަމަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓަށް ވުރެ ކުރިން އެހެން އެއްވެސް ކަމެއް އެޖެންޑާކުރެވިގެން ނުވާނެ ކަމަށެވެ.
މަހްލޫފު ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަށް މެންބަރުންނަށް މާދަމާގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވެން ޖެހޭނެ ކަމަށާއި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ޖަލްސާއަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 22 ދުވަސް ފަހުން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ މައްސަލަ އާއި އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަހްމަދު ނަސީރު އައްޔަންކުރައްވަން ފޮނުއްވާފައިވާ މައްސަލަ އާއި ބައިނަލްއަގުވާމީ މުއާހަދާއެއްގައި ބައިވެރިވުމުގެ މައްސަލަ އެވެ.
މި ޖަލްސާ މި ބާއްވަނީ މަޖިލީހުގެ މެންބަރުކަން ގެއްލޭ އާ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އަށް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މަޖިލިސް މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް އެ ބާރު ނޯންނާނެ ކަމަށެވެ. އެހެންވެ ކޯޓުން ގޮތެއް ނިންމަންދެން އެއީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައެއް ބޭފުޅުން މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވަން ކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވަނީ މަޖިލީހުގެ ރައީސް މަސީހަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ސޮއިކުރެއްވި ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބަލައި އެ ބޭފުޅުންގެ ސޮއި އުނިވުމުން، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ނެތް ކަމަށް ބުނެ އެވެ.