ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް އިހުތިރާމް ކުރަން ރާއްޖެ އަށް ކެނެޑާ އިން ގޮވާލައިފި

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އިހުތިރާމްކުރުމަށް ރާއްޖެ އަށް ކެނެޑާ އިން ގޮވާލައިފި އެވެ.


އެ ގައުމުން ރާއްޖެއަށާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަ އެމްބަސީން ކުރި ޓްވީޓެއްގައި ވަނީ ރައްޔިިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ މުއައްސަސާތަކުގެ މިނިވަން ކަން ޔަގީން ކުރުމަށް ގޮވާލައިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް ކެނެޑާއިން މިހެން ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އެމެރިކާ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް ބޭނުންވާ ކަމަށެވެ.

މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް މަޖިލީހުގައި ގާއިމުކުރުމަށް ވެސް ކެނެޑާ އިން އިން ވަނީ ގޮވާލައިފަ އެވެ.

"މިނިވަންކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް މަޖިލީހުގައި އޮންނަން ޖެހޭ. އަދި ފުރައްސާރަކުރުން ފަދަ ކަންތައްތަކުން އެއްކިބާ ވުމަކީ ފައްކާވެފައިވާ ޑިމޮކްރަސީއަަކަށް މުހިއްމު ކަންތައް. އެއީ ދިވެހީން އުއްމީދުކުރާ އަދި ހައްގު ކަންތައްތަކަކީ،" ލަންކާގައި ހުންނަ ކެނެޑާގެ އެމްބަސީން ބުންޏެވެ.

އިދިކޮޅު ގިނަ މެމްބަރުންތަކަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެ ކޯޓުން ވަނީ ޖުމްހޫރީ ޕާޓީގެ ؛ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ޖަލްސާއަށް ހުރަސް އަޅަމުންދާއިރު، އެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ދެމެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.

މަސީހްގެ ރިޔާސަތުގައި އިންނަވައިގެން ޖަލްސާއެއް ކުރިއަށް ގެންދަން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އޭނާގެ އިތުބާރު ނެތްކަމަށް 45 މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ވެއްދި މައްސަލަ ބޭރުކޮށްލުމުންނެވެ. އެ މައްސަލަ ބޭރުކޮށްލި ސަބަބެއް ކަމަށް މަޖިލީހުގެ އިދާރާ އިން ބުނަނީ އޭގައި ސޮއިކުރެއްވި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ މަޖިލީހުގެ އިދާރީ އެ ނިންމުން ސައްހަ ނޫން ކަމަށާއި ފުރަތަމަ އެޖެންޑާ ކުރަންޖެހޭނީ މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.