ރައީސް ޔާމީން (ކ) ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
29 އޯގަސްޓް 2017 - 11:15
މިހާރު އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނަށް "ޚާއްސަ އެދިވަޑައިގަތުމެއް" ދަންނަވަން ވިދާޅުވި ކަމަށް ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް ވަޑައިގެންނެވި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރީ، އެ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން ކުށް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ގާސިމް ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ.
ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާތާ ހަތަރު ދުވަސް ފަހުން، ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ގާސިމްގެ އަރިހަށް ވަޑައިގަތުމަށް ފަހު، އަޒްލީން "މިހާރު" އަށް މިއަދު ވިދާޅުވީ ގާސިމްގެ "ޚާއްސަ އެދިވަޑައިގަތުމެއް" ރައީސަށް ދަންނަވަން ވިދާޅުވި ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އަޒްލީން ނުދެއްވި އެވެ.
އެއީ ސިޔާސީ މެސެޖެއްތޯ ދެންނެވުމުން އަޒްލީން ވިދާޅުވީ އެއީ ސިޔާސީ ވާހަކައަކަށް ވުރެ ބޮޑަށް، އާލާސްކަންފުޅާ އުޅުއްވާ ބޭފުޅަކު ބޭނުންވާ ފަދަ އެދިވަޑައިގަތުމެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އާންމު ރައްޔިތަކު އެދިވަޑައިގަންނަވަން ބޭނުންވާ ކަހަކަ އެދިވަޑައިގަތުމެއް އެއީ،" ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ އެކު، ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް ވަޑައިގަތުމަށް ފަހު އަޒްލީން ވިދާޅުވި އެވެ.
ގާސިމް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިންނަވަނިކޮށް، އަނބުރައިގަނެގެން ވެއްޓިގެން މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލަް ގެންދަން އެމްބިއުލާންސަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްގެ މަންދޫބުންތަކެއް ގާސިމްގެ އަރިހަށް ފޮނުއްވި މައިގަނޑު ބޭނުމަކީ އޭނާގެ ސިއްހީ ހާލަތު ވަޒަން ކުރުމެވެ. ޚާއްސަކޮށް ގާސިމްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދައްކާތީ އެކަން ބައްލަވަން ރައީސް ޔާމީން ބޭނުންފުޅުވީ ކަމަށް އަޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް އޮންނެވީ ހެޔޮހާލުގައި ކަމަށާއި ގާސިމް ބޭނުންވަނީ ވީ އެންމެ އަވަހަކަށް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. އަދި އެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ގާސިމް ބޭރަށް ފޮނުވުމާ ގުޅޭ ވަރަށް ގިނަ ކަންކަން މިހާރު ފުރިހަމަ ވެއްޖެ. ދެން ހުރީ ވަރަށް މަދު ކަންތައްތަކެއް. ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވުމަށްޓަކައި ފެސިލިޓޭޓް ކޮށްދޭންޖެހޭ ކަންކަން ވެސް ކޮށްދެމުން މި އަންނަނީ. އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުން ލަސްވަނީ ކީއްވެތޯ ދެންނެވުމުން ވިދާޅުވީ އޭގެ ކުރިން ވަރަށް ގިނަ ކަންކަން ނިންމަންޖެހޭތީ ލަސްވީ ކަމަށެވެ.
އަޒްލީން ވިދާޅުވި ގޮތުގައި، ގާސިމް ފުރުވާލުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނުދީ ލަސްވަނީ ކޯރަމް ހަމަނުވެގެންނެވެ. އެކަމަކު އެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމް ވެސް އެންމެ ބޮޑަށް ބިރު ގަންނަނީ އެމަނިކުފާނުގެ [ސިއްހަތާ ގުޅޭ] ކަމެއް ގޯސްވެދާނެތީ. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގާސިމް ވީހާ ވެސް އަވަހަކަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް،" އަޒްލީން ވިދާޅުވި އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ޑޮކްޓަރުން ލަފާދެއްވައި، އެކަން އެގޮތަށް ކުރުމަށް ކޯޓު ހުކުމުގައި ވެސް ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިމް
30 August 2017
އޮން. ގާސިމް ދެއްވި މެސަޖަކީ ކަލޭ އަވަހައް އިސްތިއުފާދޭށޭ
ޖޮބަޖޮބަ
30 August 2017
ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް ޤާސިމް ހުރަހަކަށް ވެދާނެތީ، އެ ފަދަ ކަން ފުރިހަމަ ކުރުމަށް ވަގުތު ނަގާތީ ޤާސިމް ބޭރަށް ފުރުމުގެ ހުއްދަ ނުދީގެން އުޅެނީ! އެއީ ވެގެން އުޅޭ ގޮތަކީ!
ބެއްޔާ
29 August 2017
ޔިމާގެ ގަޑިވެސް މިއަށްވުރެ ހާލުދެރަކޮން ޖެހިދާނެކަން ހަނދުމަކުރޭ....
އަންމަޑޭ
29 August 2017
އޭނާ ވިދާޅުވީ ގާސިމް އޮންނެވީ ހެޔޮހާލުގައި ކަމަށާއި ގާސިމް ބޭނުންވަނީ ވީ އެންމެ އަވަހަކަށް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. ދައްކާ ވާހަކަ ހަމައެއް ނުޖެހެއެވެ. ގާސިމް ލައްވާ އެގްރީމެންޓް އެއްގަ ސޮއި ކުރުވަން އުޅޭހެން ހީވެއެވެ.
ގާސިމަށް ހެއުއެދެންޏަ
29 August 2017
ގާސިމަށް ހެެވެއް އެދޭނަމަ ވަގުތުން ބޭސްފަރުވާއަށް ފޮނުވަިދޭނެ ތި ޢަމަލަކީ ޖާސޫސްކުރުމުގެ ނުބައި ޢަމަލެއް އެހެންޔާ ގާސިމު ފޮނުވަދީ ވަގުތުް ފަރުވާއަށް
ކަލޯ
29 August 2017
ތިޔައީ އެއްދުވަހުންވެސް ނިންމޭނެ ކަމެއް. ސަރުކާރުން ބޭނުންވަނީ ގާސިމަށް ޖެއްސުންކޮށް ބޭސްފަރުވާއަށް ނުފޮނުވަން.
ނަރުގިސް
29 August 2017
މި ކްރިމިނަލުންނާ ޑީލްކުރާ ސަރުކާރެއްތަ؟ ޤާސިމްއަކީ ކުށެއް ސާބިތު ނުވާ، މަޖިލިސް މެންބަރ އެއްގެ ގޮތުގައި ހުރެ، ބަލި ހާލުގައި އެތައް ދުވަހެއް އެޑްމިޓްކޮށްފައި ބޭއްވި އިރުވެސް، މި ސަރުކަރުން ބޭނުމެއް ނުވި އޭނާއާ ބައްދަލުކުރާކަށް.. އެކަމު، އެއީ ކުއްވެރިއެއްކަމަށް ކޯޓުން ނިންމުމާއެކު، ރައީސުގެ މަންދޫބުންވެސް ފޮނުވަން ފެށީ.. ބޮޑު ޖޯކެއްނު މިއީ..
ބުއްދި
29 August 2017
އަލުގަނޑަށް ހީވަނީ އިދިކޮޅު ފަރާތްތަށް ޖައްސަން ވެގެން ސަރުކާރުން ކުޅުނު ޑުރާމާ އެއްހެން. ކޮންމެހެން ގާސިމަށް ހެޔޮއެދިގެނެއްނޫން.
ރަންދެލި
29 August 2017
ޗެަޢާމްން ގާސިމް މިހާރތުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ. އޮޕްރެސަން ހިންގި ތަންތަންށް ވެ ދިޔަ ގޮތް ބަލާލީމާ ފެންނާނެއެވެ. ފަހުން ދެރަވެ ސޮރީ އޭ ބުނާނެ ކަމެއް ނެތެވެ. މި ދެނީ ނަސޭހަތެކެވެ
ޢަލީ77
29 August 2017
ތިޔަ ގޯސްވަނީ. ގާސިމް ޔޫ ޓާނެއްނަގަން އުޅޭހެން ހާދަ ހީވެޔޭ.