އެމެރިކާ އިން ރާއްޖޭގައި ގާއިމްކޮށްދިން ބޯޑަރު ކޮންޓްރޯލް ސިސްޓަމް ހަމައެކަނި ބޭރު މީހުންނަށް ހާއްސަ ކުރުމަކީ އަމިއްލަ ފައިދާ އަށް ބަޔަކު ހިންގި ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް ހުސެން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ރާއްޖެ އަށް ހިލޭ ދިން އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އަކީ ހަމައެކަނި ރާއްޖެ އަށް އައިސް، އެނބުރި ދާ ބޭރު މީހުންގެ ކަންކަން ބަލަހައްޓާ ސިސްޓަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހިންގެ ކަންކަން ބަލަހައްޓަނީ ޖަރުމަނު ކުންފުންޏަކުން ގާއިމްކުރި ބޯޑަރު ކޮންޓްރޯލް ސިސްޓަމަކުންނެވެ. އެކަމާ މެދު އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުންނެވި އިލްޔާސް އޭނާގެ ފޭސްބުކްގައި ލިއުއްވި ގޮތުގައި އެ ބަދަލަކީ ބަޔަކު އަމިއްލަ ފައިދާއަށާއި ސިޔާސީ ބޭނުމަށް ހިންގި ބޮޑު ޖަރީމާއެކެވެ. އަދި ބިދޭސީންނާއި އިންސާނީ ވަގު ވިޔަފާރީގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭ ނިޒާމެއް ގެންނަން މަސައްކަތް ކުރުމުން އެކަން ހުއްޓުވި ސަބަބު މިއަދު ފެންނަމުންދާ ކަމަށް އޭނާ ލިއުއްވި އެވެ.

"ދައުލަތުގެ ބަޖެޓުން އެންމެ ފައިސާ ފޮށްޗެއް ވެސް ނުނަގާ ގެންނަން އުޅުނީމަ ހުއްޓާލި ބޭނުމުގެ ނަތީޖާ މިއަދު މި ފެންނަނީ،" އިލްޔާސް ލިއުއްވާފައިވެ އެވެ.

އެ ޕޯސްޓުގައި އިލްޔާސް އިޝާރާތް ކުރައްވަނީ މެލޭޝިއާގެ ނެކްސްބިޒް ކުންފުނިން ރާއްޖޭގައި ގާއިމްކުރި ބޯޑަރު ކޮންޓްރޯލް ސިސްޓަމްގެ ވާހަކަ ކަމަށް ބެލެވެ އެވެ. ސަރުކާރާއި ނެކްސްބިޒާ ދިމާވި މައްސަލަތަކެއްގައި އެ އެއްބަސްވުން ބާތިލްކޮށް، 2013 ގައި ވަނީ އެ ސިސްޓަމް ބޭނުންކުރުން ހުއްޓާލާފަ އެވެ.

އިލްޔާސް އިތުރަށް ލިއުއްވާފައިވާ ގޮތުގައި އެ ސިސްޓަމް ގާއިމް ކުރި ނަމަ ހުރިހާ ތަންފީޒީ އިދާރާތަކާއި ކޯޓުތައް ހުންނާނީ އެއް ވިއުގައަކުން ގުޅާލާފަ އެވެ. އޭރުން ކިތަންމެ ބޮޑު ހާދިސާއެއް ދިމާވިއަސް މައުލޫމާތު ނުގެއްލޭނެ ކަމަށާއި ތަންފީޒީ އިދާރާތަކަށް ވެސް އެ މައުލޫމާތު ވަގުތުން ބެލެމުން ދާނެ ކަމަށް އޭނާ ލިއުއްވާފައިވެ އެވެ.

"މިކަމާ އެންމެ ނަފްރަތު ކުރީ މިހާރުގެ ސަރުކާރުގައި ހުރި އިސް މީހާ އާއި އޭނާގެ އޭރުގެ ބަޑީ ނާޒިމެވެ. މިހާރު އެ ހުންނެވީ ފިލައިގެން ގޮސް ބޭރުގެ ހިމާޔަތުގަ އެވެ،" ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވެފައިވެ އެވެ.

ނެކްސްބިޒްގެ ސިސްޓަމް ބެހެއްޓުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިލްޔާސް އަމަލުކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލަ އަދިވެސް ދަނީ ކޯޓުގައި ހިނގަމުންނެވެ.