ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް ބޭނުން ކުރަމުން ގެންދިޔަ އެމެރިކާގެ ސިސްޓަމްގެ ދައުރު ހަނިކޮށް، ޖަރުމަނުން އާ ސިސްޓަމެއް ގެނެސް ބޭނުން ކުރަން ފަށައިފި އެވެ. މިކަމާ އެމެރިކާ އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވަނީ ދެ ބަޔަކަށް ބަހާލާފަ އެވެ. އެ ގޮތުން، މިހާތަނަށް ބޭނުންކުރަމުން ގެންދިޔަ އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) ވަނީ ހަމައެކަނި ރާއްޖެ އަށް އައިސް، ގޮސްވާ ބޭރު މީހުންނަށް ހާއްސަ ކޮށްފަ އެވެ. ރާއްޖޭން ބޭރަށް ދާ އަދި އެނބުރި އަންނަ ދިވެހިންގެ ކަންކަން ބަލަހައްޓަނީ އަލަށް ބެހެއްޓި ޖަރުމަނު ސިސްޓަމުން އެކަންޏެވެ.
ޖަރުމަނުގެ ޑާމަލޮގް ކުންފުނިން ތަރައްގީކުރި މި ސިސްޓަމް ބޭނުން ކުރަން ފެށީ، އެނގިފައިވާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހު އެވެ. އެ މަހު ތައާރަފްކުރި ދިވެހި އާ ޕާސްޕޯޓް ހަދަނީ ވެސް މި ކުންފުނިން ގާއިމް ކޮށްދިން ސިސްޓަމަކުންނެވެ.
ޖަރުމަނު ސިސްޓަމް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ، އެނގިފައިވާ ގޮތުގައި، އިމިގްރޭޝަން ކޮންޓްރޯލަރުގެ ނައިބު އަބްދުﷲ އަލްގީން އެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި މީގެ އަހަރުތަކެއް ކުރިން ދައުވާކޮށް، އެކަމަކު އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކަނޑައަޅާފައިވާ އަލްގީނަކީ ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅެވެ.
މެލޭޝިއާ، ބުރޫނާއީ އަދި ކުވޭތު ފަދަ ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ޑާމަލޮގްގެ ސިސްޓަމަށް ރާއްޖޭން ހަރަދު ކުރި ވަރެއް ނޭނގެ އެެވެ.
ޕައިސިސްގެ ދައުރު ހަނިކުރުމުން އެމެރިކާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ވާކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ. "ޕައިސިސްގައި މައްސަލަތަކެއް ހުރި" ކަމަށް ބުނެ ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން މަޝްވަރާކުރަން އެމެރިކާ އިން ހާއްސަ މަންދޫބެއް ވެސް ރާއްޖެ ފޮނުވި ކަމަށް ވެ އެވެ. އެ މަޝްވަރާތަކުން ނިމުނީ، އެނގިފައިވާ ގޮތުގައި، ރާއްޖޭން ބޭނުންވާ ބަދަލުތަކެއް ޕައިސިސްގެ އޮންލައިން ސިސްޓަމަށް ގެންނާށެވެ.
އެ ބަދަލުތައް ގެންނަނީ، އެނގިފައިވާ ގޮތުގައި، ނެޝެނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ންނެވެ. އެ މަސައްކަތުގައި އެމެރިކާގެ ކޮންސަލްޓަންޓަކު ވެސް ހަރަކާތްތެރި ވާކަން އެނގިފައިވެ އެވެ.
އާ ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ބެހެއްޓިކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. ކުރިން ބުނެފައި ވަނީ ޖަރުމަނު ކުންފުނިން ފޯރުކޮށް ދިނީ އާ ޕާސްޕޯޓާއި އީ-ގޭޓު ކަމަށެވެ.
އާ ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ބޭނުންކުރަން ފެށުމާ މެދު އިމިގްރޭޝަންގެ ބަހެއް އަދި ނުލިބެ އެވެ. ކޮންޓްރޯލަރު ފޯނަށް ޖަވާބު ނުދެއްވާއިރު، އެ ޑިޕާޓްމަންޓުގެ ތަރުޖަމާނު ހަމައެކަނި ވިދާޅުވީ "އޮންލައިން ސިސްޓަމަށް" ބަދަލުތަކެއް ގެނެސް، ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމަކު، އާ ޕާސްޕޯޓު ނެރެން ޖެނުއަރީ ފަހުކޮޅު ބޭއްވި ހަފުލާ އަށް ފަހު ޑާމަލޮގުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނިން ވަނީ އާ ޕާސްޕޯޓް ހަދާ ސިސްޓަމާއި އެ ޕާސްޕޯޓު ބޭނުންކުރެވޭ އީ-ގޭޓުގެ އިތުރަށް، މުޅިން އާ ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ވެސް ރާއްޖެ އަށް ދީފަ އެވެ. އެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މަސައްކަތް ކުރާނީ، ޑާމަލޮގުން ބުނި ގޮތުގައި، އެ ކުންފުނިން ދީފައިވާ އޮޓަމެޓިކް ފިންގަޕްރިންޓް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއެފްއައިއެސް) އަކާ އެކު އެވެ.
"ރާއްޖެ އަކީ ސާކު ގައުމުތަކުގެ ތެރެއިން މިކަހަލަ ވަރުގަދަ ބަޔޮމެޓްރިކް ޕާސްޕޯޓެއް އަދި ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ބެހެއްޓި ފުރަތަމަ ގައުމެވެ،" ޖެނުއަރީ 28 ގައި ނެރުނު އެ ބަޔާނުގައިވެ އެވެ.
ޑާމަލޮގްގެ ވެބްސައިޓުން މި ބޯޑަރު ކޮންޓްރޯލް ސިސްޓަމާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބޭކަށް ނެތެވެ. ހަމައެކަނި ބުނީ ޕާސްޕޯޓާއި އެ ނޫން ވެސް ޓްރެވަލް ޑޮކިއުމަންޓުތައް "ސިކުންތުކޮޅެއްގެ ތެރޭގައި" ސްކޭންކޮށް، ސިސްޓަމުގައިވާ މައުލޫމާތާ އަޅާބެލޭނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ސިސްޓަމް މެދުވެރިކޮށް ކާކުކަން އޮޅުވާލައިގެން އެެތެރެވުމަކީ ނާދިރު ކަމެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޓެރަރިސްޓް އިންޓަޑިކްޝަން ޕްރޮގްރާމް (ޓީއައިޕީ)ގައި ހިމެނޭ ޕައިސިސް އަކީ ގައުމުތަކަށް އެތެރެވެ، ބޭރުވާ މީހުން ދެނެގަނެ، ފިންގަޕްރިންޓާއި އެ ނޫން ވެސް ބަޔޮމެޓްރިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ދެނެގަންނަ ސިސްޓަމެކެވެ. އެމެރިކާ އިން ހާޑްވެއާ އާއި ސޮފްޓްވެއާ ފޯރުކޮށްދޭ މި ސިސްޓަމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓުން ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ މީހުން ދެނެގަނެ، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކާ ހިއްސާ ކުރުމެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެެމެރިކާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މުޅިން ހިލޭ ދިން ޕައިސިސް ބަހައްޓައި ބޭނުންކުރަން ފެށީ އޮގަސްޓް 2013 ގަ އެވެ. ޕާސްޕޯޓު ހެދުން ފަދަ ކަންކަން އެ ސިސްޓަމުން ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އޭރު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ އެމެރިކާ އިން ޖާސޫސީ މައުލޫމާތު އެއްކުރަން ބޭނުންކުރާ ވަސީލަތެއް ކަމުގެ ތުހުމަތު ވެސް ކުރި އެވެ. އެކަމަކު ސަރުކާރުން އޭރު ބުނީ ޕައިސިސްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ވަރަށް ބޮޑަށް ހަރުދަނާ ވާނެ ކަމަށެވެ.
ޕައިސިސްގެ ދައުރު ހަނިކުރުމުން ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ޓެރަރިސްޓުން ކަމަށް ޝައްކުކުރެވޭ ދިވެހިން ހޯދައި އަތުލައިގަތުމުގައި ދަތިތަކެއް ކުރިމަތި ވުމެވެ. މި ބަދަލު މި ގެނައީ ޓެރަރިޒަމާ ދެކޮޅަށް، ހާއްސަކޮށް ހަނގުރާމަކުރަން ބޭރަށް ދާ ދިވެހިން ހޯދަން، ރާއްޖޭން އިތުރު މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާ އިން ވެސް ޖައްސަނީ، އެނގިފައިވާ ގޮތުގައި، މި މައްސަލަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ބޯޑަރު ކޮންޓްރޯލް ސިސްޓަމަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރި އެވެ. އެ މަޝްރޫއު ނެކްސްބިޒަށް ދިނުމުގައި އޭރުގެ ކޮންޓްރޯލަރު އަދި އޭރުގެ ނައިބު ރައީސް ވަހީދުގެ ޅިޔަނު އިލްޔާސް ހުސެން އިބްރާހިމް ކޮރަޕްޝަން ހިންގެވި ކަމަށް ކުރި ތުހުމަތުތަކާ އެކު މަޝްރޫއު ފެށިއިރު ވެސް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެ އެއްބަސްވުން ބާތިލްކޮށް، ނެކްސްބިޒްގެ ސިސްޓަމް ބޭނުންކުރުން އޮގަސްޓް 2013 ގައި ހުއްޓާލި އެވެ. ޕައިސިސް އަށް ބަދަލުކުރީ އޭގެ ފަހުންނެވެ.