ބޯޑަރު ކޮންޓްރޯލް ސިސްޓަމް އޮތީ ނާޒުކު ހާލަތެއްގައި: މަލީހް

ރާއްޖޭގެ ބޯޑަރު ބަލަހައްޓަން ބޭނުންކުރާ ސިސްޓަމް އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރަމުން އަންނަނީ އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އެވެ. އޭގައި މައްސަލަތަކެއް ހުރި ކަމަށް ކުރީގެ ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވިދާޅުވީ ޕައިސިސް ސިސްޓަމް ޑައުންވެއްޖެ ނަމަ، އެ ސިސްޓަމް އަލުން ހިދުމަތަށް ނެރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

މަލީހް ވިދާޅުވި ގޮތުގައި ސިސްޓަމަށް ބޭނުންވާ ހާޑްވެއާތައް ރާއްޖެއަށް ގެނައުމަށް ކުރީގެ ސަރުކާރުން ވަނީ ހުރަސް އަޅައިފަ އެވެ. އަދި އެއަށް ބޭނުންވާ ސޮފްޓްވެއާ އަޕްގްރޭޑަށް ވެސް ސަރުކާރުން ހުއްދަ ނުދީ އޮތުމުން، ސިސްޓަމް ހުއްޓުމުގެ ބިރު އެބަ އޮތް ކަމަށް މަލީހް ވިދާޅުވި އެވެ.

"ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށްވާއިރު، ރާއްޖެއަށް އެތެރެވާ ޓޫރިސްޓުންނަށް އިމިގްރޭޝަން މެދުވެރިކޮށް ލިބޭ ކަންކަން ހުއްޓުމުގެ ބިރު އޮތް. އެއާޕޯޓުން ކަރަންޓު ދިއުމުގެ އިތުރުން، ސިސްޓަމް ޑައުންވެއްޖެ ނަމަ، އަޕްގްރޭޑް ނުކުރެވޭ ހާލަތުގައި ހުރީ،" މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އެދުމަށް އެމެރިކާގެ ޓީމެއް ރާއްޖެ އައިސް، އެ ސިސްޓަމަށް ބޭނުންވާ ސާވާތައް ބަދަލުކޮށްފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތީ ހާޑްވެއާތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރޭގައި އިންސްޓޯލް ކުރުމުގެ މަސައްކަތުގައި އުޅުނީ. ދެން އޮތީ ހާޑްވެއާތައް ބަދަލުކުރުން. އެކަންކަން ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ،" މަލީހް ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޓެރަރިސްޓް އިންޓަޑިކްޝަން ޕްރޮގްރާމް (ޓީއައިޕީ)ގައި ހިމެނޭ ޕައިސިސް އަކީ ގައުމުތަކަށް އެތެރެވެ، ބޭރުވާ މީހުން ދެނެގަނެ، ފިންގަޕްރިންޓާއި އެ ނޫން ވެސް ބަޔޮމެޓްރިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ދެނެގަންނަ ސިސްޓަމެކެވެ. އެމެރިކާ އިން ހާޑްވެއާ އާއި ސޮފްޓްވެއާ ފޯރުކޮށްދޭ މި ސިސްޓަމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓުން ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ މީހުން ދެނެގަނެ، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކާ ހިއްސާ ކުރުމެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެެމެރިކާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މުޅިން ހިލޭ ދިން ޕައިސިސް ބަހައްޓައި ބޭނުންކުރަން ފެށީ އޮގަސްޓް 2013 ގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރި އެވެ. އެ މަޝްރޫއު ނެކްސްބިޒަށް ދިނުމުގައި ކޮރަޕްޝަން ހިންގި ކަމަށް ކުރި ތުހުމަތުތަކާ އެކު މަޝްރޫއު ފެށިއިރު ވެސް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެ އެއްބަސްވުން ބާތިލްކޮށް، ނެކްސްބިޒްގެ ސިސްޓަމް ބޭނުންކުރުން އޮގަސްޓް 2013 ގައި ހުއްޓާލި އެވެ. ޕައިސިސް އަށް ބަދަލުކުރީ އޭގެ ފަހުންނެވެ.