މިއަންމާގެ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގުވާމީ ހަޅުތާލަކަށް ރާއްޖެ އިސްނެގުމަށް ޖަމީލް ގޮވާލައްވައިފި

މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން ދާ ޖަރީމާތައް ކުށްވެރިކޮށް، ރާއްޖެއިން އިސްވެ ބައިނަލްއަގްވާމީ ހަޅުތާލެއް ފަށަން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު މިއަދު ގޮވާލައްވައިފި އެވެ.


ރޮހިންޖާގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ދިވެހި ސަރުކާރަށް ގޮވާލެއްވީ އެ މީހުންނަށް އެހީވުމަށެވެ.

ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިން އަނިޔާވެރިވާން ފެށީ މިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ބަޔަކު ފުލުހުންގެ ޕޯސްޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ އެވެ. އޭގެ ރައްދުގައި ސިފައިން ދޭން ފެށި ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ބައެއް ވިލެޖްތަކުގައި ހުޅު ޖަހައި އަންދާފައިވެ އެވެ.

ރޮހިންޖާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެން، ރާއްޖެ އިން ވަނީ މިޔަންމާއާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާފަ އެވެ.

ކުރީގެ ދެ ރައީސުން ކަމަށް ވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ވަނީ އެ ޖަރީމާތައް ކުށްވެރިކުރައްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ހަމަޖައްސާފައިވަނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔުމަށެވެ.

މިއަންމާގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން އެތައް ހާސް ބަޔަކު މިހާރު ވެސް ބަންގްލަދޭޝް އަށް އެތެރެވެއްޖެ އެވެ. ނަމަވެސް އެ މީހުންނަށް އެހީވުމުގައި ދުނިޔޭގެ ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ އާންމުންގެ ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.