ހިތަދޫ މީހެއްގެ އަތުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ބަލަނީ

އައްޑޫ ހިތަދޫ މީހެއްގެ އަތުން ރޭ ހަ ލައްކައެއްހާ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ދަންވަރު 12:30 ހާ އިރު، އެ މައްސަލަ ރިޕޯޓް ކުރުމާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފޭރުނީ ހިތަދޫ ނިއު ސީޒަން ފިހާރަ ބަންދުކޮށްފައި އެ ފިހާރައިގެ ސޭޓް ފައިސާ ހިފައިގެން ސައިކަލްގައި ގެއަށް ދަނިކޮށް ފަޅު ގެއެއްގެ ތެރޭގައި ފިލައި ތިބި ބަޔަކު ނިކުމެ އެވެ. އެ މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށްވެ އެވެ.

ފޭރުނު ފައިސާތަކުގެ ތެރޭގައި ހިމެނެނީ 75،000ރ. އާއި 35،000 ޑޮލަރެވެ.