ރޮހިންޖާގެ މުސްލިމުންނަށް އެހީވާން ސަރުކާރުން އިސް ނަގައިގެން ހަރަކާތްތަކެއް ހިންގަނީ

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން އަމިއްލަ ޖަމިއްޔާތަކާއި މީޑިއާތައް ގުޅިގެން މުޅި ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.


މި ހަރަކާތްތައް ގެންދަން ސަރުކާރުން ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، މި މަހުގެ 21-23 އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ކޮމެޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އެހީވާން ބޭނުންވާ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނަށް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ކޮމެޓީގެ މަގްސަދަކީ، އެ ހަރަކާތްތައް ކޯޑިނޭޓްކުރުން ކަމަށާއި އެފަދަ ހުރިހާ ހަރަކާތެއް އެ ކޮމެޓީއާ ގުޅިގެން ކުރިއަށް ގެންދަން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު މެންދުރު 3 ގެ ފަހުން އަޅުގަނޑުމެންގެ ހޮޓްލައިން 1440 އެކްޓިވޭޓްވާނެ. އެހެންވީމަ މި ނަމްބަރަށް ގުޅައިގެން، ބާއްވާނީ ކޮން ހަރަކާތެއްތޯ ކަނޑައަޅައި ކުރިއަށް ގެންދަންވީ. މިއަދުން ފެށިގެން މި އޮފީހުގެ މަސައްކަތް ފެށިގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިއަންމާގެ މުސްލމުންނާ މެދު އަނިޔާވެރިވަމުންދާތީވެ އެކަމާ މެދު ރާއްޖެ އިން ދެކޭ ގޮތް ދިވެހި ސަރުކާރުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ހާމަކޮށްފަ އެވެ. އެއީ މިއަންމާއާ އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައި، އެ މީހުންނާ މެދު ކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އަޅަން މުޅި ދުނިޔެ އަށް ގޮވާލާފައިވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް މިކުރަނީ، ރޮހިންޖާގެ މުސްލިމުންނާ އެކު ދިވެހި ރައްޔިތުން ތިބި ކަން އަންގައި މުޅި ރާއްޖޭގައި ހިންގާ ހަރަކާތްތައް ވިލަރެސްކޮށް، ކޯޑިނޭޓްކުރެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ދިވެހި ރައްޔިތުންގެ ތަނަވަސްކަން ހުރި މިންވަރަކުން، އެހީވެދެން އޮތް މިންވަރަކުން ރޮހިންޖާގެ ނިކަމެތި މުސްލިމުންނަށް އެހީތެރިވެދިނުން."

އޭނާ ވިދާޅުވީ ޓެލެތޯންގައި ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުގައި އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވާނެ ކަމަށެވެ. އަދި މޯބައިލް ފޯނު މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވީހާ ވެސް ދެފުށްފެންނަ ގޮތަކަށް ޓެލެތޯން ކުރިއަށް ގެންގޮސް އެއްކުރެވޭ ފައިސާ އަމާނާތްތެރިކަމާ އެކު ރޮހިންޖާގެ މުސްލިމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވާން ރާއްޖެ ޓީވީން ވެސް ވަނީ ޓެލެތޯނެއް ފަށައިފަ އެވެ. މި ޓެލެތޯނުގައި ފައިސާ އެއްކުރަން އެކި ރަށްރަށުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެ އެވެ.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަންގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.