މަޑޫގަލި ރިސޯޓްގެ ކުއްޔަށް 3.9 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ހުކުމްކޮށްފި

އއ. މަޑޫގަލި ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.9 މިލިއަން ޑޮލަރު (60 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދައްކަން އެ ރިސޯޓް ހިންގާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


މަޑޫގަލި ރިސޯޓް ހިންގާ ބްލޫ ލެގޫން އިންވެސްޓްމަންޓްގެ މައްޗަށް އެ ހުކުމް އައީ 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ދައްކަން ޖެހޭ 1.1 މިލިއަން ޑޮލަރާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.9 މިލިއަން ޑޮލަރު ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި އެ ހުކުމުގައިވަނީ އެ ފައިސާއަކީ ބްލޫ ލެގޫން ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާ ކަމަށާއި އެހެންވެ، މިއަދުން ފެށިގެން ތިން މަސް ތެރޭގައި އެ ފައިސާ މީރާ އަށް ދައްކާ ޚަލާސް އެ ކުންފުންޏަށް އަންގާ ކަމަށެވެ.

ރިސޯޓް ހިންގުމަށް ދޫކުރި އިތުރު ބައެއް ރަށްތަކުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދަން އެކި ފަރާތްތަކާ ދެކޮޅަށް މީރާއިން ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ސިވިލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އެ މައްސަލަތަކުގައި ދައުލަތަށް ހޯދަން ދައުވާކުރާ އަދަދު 150 މިލިއަން ޑޮލަރު (ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް އަރަ އެވެ.