ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްގެ ރައީސްގެ މަގާމުން ވަކިކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއިން ކަމަށާއި މިހާތަނަށް އެގޮތަށް އަމަލުކޮށްފައިނުވާތީ އެމަނިކުފާނަކީ އަދި ވެސް ޕީޕީއެމްގެ ރައީސް ކަމަށް، މައުމޫންގެ އޮފީހުން މިރޭ ބުނެފި އެވެ.

ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތާ ބެހޭ ގޮތުން ފޯރަމްތަކުގައި އޮޅުން އަރާ ގޮތަށް ވާހަކަދައްކަމުންދާތީ އެކަން ސާފުކޮށްދިނުމަށް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެމަނިކުފާނު ޕީޕީއެމްގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ ޕާޓީ މެމްބަރުންގެ ވަރަށް ފުރިހަމަ އަޣުލަބިއްޔަތުން ފަސް އަހަރުގެ ދައުރަކަށް ކަމެށެވެ.

އެ އޮފީހުން ބަޔާނެއް ނެރުނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތު މައުމޫން ބޭނުން ކުރައްވާ ކަމަށް ބުނެ އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ އެވެ.

އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށާއި އެމަނިކުފާނަކީ މިހާރު އެ ޕާޓީގެ މެމްބަރެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ހައިސިއްޔަތު ބޭނުންކުރުމުގެ އެއްވެސް ހައްގެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ 54 ވަކީލަކު ސަސްޕެންޑްކުރި މައްސަލާގައި އިދިކޮޅު ހަރަކާތްތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ވެސް އޮތުމުންނެވެ.

މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އެއާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން ޕީޕީއެމް ވަރުގަދަ ސިޔާސީ ޕާޓީއަކަށް ވެ ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވަނީ ވެސް އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވެ އެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން، ޕާޓީގެ ރައީސް ވަކިކުރެވޭނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ގައުމީ ޖަލްސާގެ ތިން ބައިކުޅަ ދެ ބައި ވޯޓުން ފާސްވުމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން މިއަދާ ހަމައަށް ވެސް ރައީސް މައުމޫނާ ބެހޭ ގޮތުން، ޕާޓީގެ ގައުމީ ޖަލްސާއިން މިފަދަ ނިންމުމެއް ނިންމާފައިނުވާތީ ރައީސްގެ ގޮތުގައި އަދި ހުންނެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމެެވެ."