ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށާއި "ޕީޕީއެމް" އަކީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ފެކްޝަން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރާ އެއްގޮތަށް، ޕީޕީއެމްގެ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އޮފީސްތެރޭ ހިނގަމުން އަންނަނީ ގާނޫނީ މަސައްކަތެއް ނޫން ކަމަށާއި ގާނޫނީ މަސައްކަތް ހިނގަމުންދާނީ މުސްތަޝާރު ބެއްލެވުމުގެ ދަށުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި ކައުންސިލް އިންތިހާބުގައި ފޯމު ހުށަހަޅަން ޖެހޭ އޮފީހެއް މާދަމާ ގާއިމުކުރާނެ އެވެ. ރައީސް މައުމޫން ފެކްޝަނުން ވެސް މީގެ ކުރިން ވަނީ ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

"ޕީޕީއެމް އޮފީސް ތެރޭގައި މިހާރު ހިނގަމުން އަންނަ މަސައްކަތަކީ ގާނޫނީ މަސައްކަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ހިންގުމުގެ ބާރު މުސްތަޝާރަށް ލިބިދީފައި ނެތަސް، ސިވިލް ކޯޓުން ކުރި ހުކުމަށް ކިޔަމަންވާން ޖެހޭނެ ކަމަށާއި ޝަރުއީ ކޯޓުގެ އަމުރަށް ކިޔަމަން ނުވުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން މިރޭ ބަލަހައްޓަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން މިރޭ ބަލަހައްޓަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން މިއަދު ހުކުމް ކުރިޔަސް، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ޕީޕީއެމް ހިންގާނެ ގޮތް އަސާސީ ގަވާއިދުގައި ބުނެފައިވާ އިރު އެކަން ކުރަންވާ ގޮތް ކަނޑައެޅުމަކީ ކޯޓުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

"އަސާސީ ގަވާއިދުގައި އޮތަސް، އެއާ ހިލާފުވީމަ ދެން އޮންނަ މަރުހަލާއަށް ދިއުމުގެ އިހްތިޔާރު އޮންނާނެ، އެންމެ މީހަކު ކުރާ ކަމަކުން މުޅި ޕާޓީ ހުއްޓިފައި ނުބޭއްވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ އެންމެ މީހެއް ދެމީހެއްގެ ޕާޓީއެއް ނޫން، މިއީ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮންނަ ޕާޓީއެއް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ގައުމީ ޖަލްސާއެއް ބޭއްވެންދެން ނުވަތަ ޝަރުއީ މަރުހަލާއިން ގޮތެއް ނިމެންދެން ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް މުސްތަޝާރަށް ދިނުމަށް ފާސްކޮށްފަ އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކޯލިޝަން ޕާޓީ އެމްޑީއޭއާ ގުޅިގެން ކޮމެޓީއެއް އުފެއްދުމަށާއި ސެކްރެޓަރީ ޖެނެރަލް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލާއި ސެކްރެޓަރީ ޖެނެރަލްގެ ނައިބަކަށް އިގްބާލް އާދަމް ހަމަޖައްސައިފަ އެވެ. މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވި އަބްދުލްއަލީމެވެ.

ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލު ކުރައްވާނެ ދެ ބޭފުޅުން ވެސް ޔާމީން ފެކްޝަނުގެ ކައުންސިލް ބައްދަލުވުމުން ވަނީ ނިންމަވައިފަ އެވެ. އެއީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. މައުމޫން ފެކްޝަނުން ކުރިން ވަނީ ޕާޓީތަކުގެ ބައްދަލުވުމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ހަމަޖައްސައިފަ އެވެ.