ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެ ވަނަ ބުުރުގެ ފުރަަތަމަ މެޗުގައި މިއަދު ހަވީރު ގްރޫޕް ދޭއްްގެ އެއް ވަަނަ ހޯދި ސީލައިފް ސްޕޯޓްސް ކްލަބް ނުކުންނާނީ ގްރޫޕް އެކެއްގެ ދެ ވަނަ ދިޔަ ޕޮލިސް ކްލަބާ ދެކޮޅަށެވެ.

ދެ ވަނަ ޑިވިޝަނުގައި ކުރިން ވާދަކުރި ސީލައިފް ވަނީ މި ފަހަރު ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ވަރުގަދަ ކޮށްފަ އެވެ. އެ ޓީމު ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ގްރޫޕްގެ އެންމެ ފަހުން މެޗުގައި އެ ޓީމުން ވަނީ ވާދަވެރި ކުޅުމަކަށް ފަހު ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 19-25، 25-18، 19-25، 25-22 އަދި 12-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސީލައިފަށް ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިއާ މުބާޝިރު ރާޒާ އެވެ.

ޕޮލިސް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމު ބަލިވީ ގްރޫޕްގެ އެއް ވަނަ ދިޔަ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް އަތުންނެވެ. މޯލްޑިވިއަން އެ މެޗުގެ ސެޓުތައް ގެންދިޔައީ 25-23، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް ކުޅޭ ޕާކިސްތާންގެ މުރާދު ޖީހާން އެވެ.

ހަތަރު ޓީމު ވާދަކުރާ ދެ ވަނަ ބުރުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ތިން ވަނަ ދާ ޓީމެއް ކަނޑައަޅާނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނައަށްދާ ދެ ޓީމުގެ މެދުގައި ކުޅޭ މެޗުންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ސީލައިފާއި ޕޮލިސް ކުޅޭ މެޗު މިއަދު ހަވީރު 16:30ގައި ކުޅޭއިރު، ދެ ވަނަ މެޗުގައި މިރޭ 20:30 ގައި ސިފައިން ނުކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ.