ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެ ވަނަ ބުުރުގެ ފުރަަތަމަ މެޗުތަކުން މޮޅުވެ ސީލައިފް ސްޕޯޓްސް ކްލަބާއި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

މި ދެ ޓީމު ވެސް ދެ ވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. އިއްޔެ ހަވީރު ޕޮލިހާ ވާދަކޮށް ސީލައިފް މޮޅުވީ ފަހަތުން އަރަ އެވެ. އަދި ރޭ މޯލްޑިވިއަން މޮޅުވީ ދިވެހި ސިފައިންގެ ކްލަބް އަތުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުން ސީލައިފް މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔައީ 22-25 އާއި 15-25 އިންނެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު އޮތް ސީލައިފް މޮޅުވީ ދެން ކުޅުނު ތިން ސެޓު 28-26، 25-20 އަދި 15-10 އަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީލައިފަށް ކުޅޭ ޕާކިސްތާންގެ ކުޅުންތެރިއާ މުބާޝިރު ރާޒާ އެވެ.

ރޭ ކުޅުނު މެޗުން ވާދަވެރި ކުޅުމަކަށް ފަހު ސިފައިން އަތުން މޯލްޑިވިއަން މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު މޯލްޑިވިއަން އިން ގެންދިޔައީ 25-23 އިންނެވެ. ދެ ވަނަ ސެޓު 23-25 އިން ގެންގޮސް ސިފައިން މެޗުގެ އުއްމީދުއާ ކުރި އެވެ. އެހެން ނަމަވެސް ދެ ކުޅުނު ސެޓު 28-26 އިން ގެންގޮސް ސިފައިން ކުރިއަށް ޖެހިލި އެވެ. މޯލްޑިވިއަން މޮޅުވީ ދެން ކުޅުނު ދެ ސެޓު ގެންގޮސްގެންނެވެ. އެ ޓީމުން މި ދެ ސެޓު ގެންދިޔައީ 25-20 އަދި 15-10 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ މި މުބާރާތުގައި މޯލްޑިވިއަން އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާކިސްތާންގެ މުރާދު ޖީހާން އެވެ.

ހަތަރު ޓީމު ވާދަކުރާ ދެ ވަނަ ބުރުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ތިން ވަނަ ދާ ޓީމެއް ކަނޑައަޅާނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނައަށްދާ ދެ ޓީމުގެ މެދުގައި ކުޅޭ މެޗުންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ސީލައިފް ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. އަދި މިރޭ މޯލްޑިވިއަން ކުޅޭނީ ޕޮލިހާ އެވެ.