ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި އިއްޔެ ފޯރިގަދަ ކުޅުމަކަށް ފަހު ދިވެހި ސިފައިންގެ ކްލަބް 3-2 ސެޓުން ބަލިކޮށް ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަަމަ ސެޓު ޕޮލިހުން ގެންދިޔައީ 25-18 އިންނެވެ. މި ސެޓުގައި ޕޮލިހުގެ އަލީ ހުޒާމް (ހުޒާންޓެ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮލިހުން ފުރަތަމަ ސެޓު ގެންދިއުމުން ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ މޮޅު ކުޅުމާ އެކު ދެން ކުޅުނު ދެ ސެޓު ސިފައިން ވަނީ 23-25، 15-25 އިން ގެންގޮސްފަ އެވެ.
ހަތަރު ވަނަ ސެޓު ގެންގޮސްގެން ސިފައިންނަށް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތް ނަަމަވެސް ޕޮލިސް ފެނުނީ މާ ހިތްވަރު ގަދަކޮށެވެ. ދެން ކުޅުނު ދެ ސެޓު ގެންގޮސް އެ ޓީމުން ވަނީ މެޗުން މޮޅުވެފަ އެވެ. ޕޮލިހުން ފަހު ދެ ސެޓު ގެންދިޔައީ 25-18 އަދި 15-12 އިންނެވެ.
މި މެޗު ޕޮލިހުންނަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިއާ މުރާދު ޖީހާން އެވެ. މުރާދަކީ މީގެ ކުރިން ސިފައިންގެ ޓީމާއި މޯލްޑިވިއަން އަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިއެކެވެ.
ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ މިރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ތިން ވަނަ ސެމީގައި ސިފައިން ބައްދަލުކުރާނީ ރޭ ދެ ވަނަ ސެމީ ފައިނަލުގައި ގުޑީސް ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވި ހުޅުމާލެ ސްޕޯޓްސް ކްލަބް އެވެ.
ރޭގެ މެޗުގައި ހުޅުމާލެ ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޖުމްލަ ގޮތެއްގައި ގުޑީސް އިން ވެސް ރަނގަޅު ވާދައެއް ކުރި އެވެ. އަޝްފާގު އާދަމް (އައްކަޅޭ) އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ތަފާތު ދެއްކިއިރު، ހުޅުމާލެ އިން ސެޓުތައް ގެންދިޔައީ 20-25، 24-26 އަދި 19-25 އިންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ އެވެ. ކުޅިވަރު އެކުވެނި އިންޑޯ ކޯޓު ލިބުނު މުއްދަތަށް ފައްތައިގެން މުބާރާތްތައް ކުރިއަށްގެންދާތީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ މި ފަހަރުގެ ގައުމީ ލީގު ކެންސަލްކޮށްފަ އެވެ. އެހެންވެ ގައުމީ މުބާރާތައް ޓީމުތައް ކޮލިފައިވާނީ އެސޯސިއޭޝަން ކަޕުންނެވެ.