ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުން ދިވެހި ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބް، ޕޮލިސް ކްލަބް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ފަހު މެޗުން ހުޅުމާލެ އިން ވަނީ ސީދާ ތިން ސެޓުން ހޯކްސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ހުޅުމާލެ އިން ގެންދިޔައީ 25-14، 25-15 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހުޅުމާލެގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

ޕޮލިސް މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ގްރޫޕް އޭގެ އެއް ވަނަަ ޓީމުގެ ގޮތުގަ އެވެ. ހުޅުމާލެ އަށް ލިބުނީ އެ ގްރޫޕުގެ ދެ ވަނަ އެވެ. ގްރޫޕް ދޭއްގެ އެއް ވަނަ ހޯދީ ސިފައިންނެވެ. އެ ގްރޫޕުން ދެން ސެމީގެ ޖާގަ ހޯދީ ގުޑީސް އެވެ.

މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވަނީ ޕޮލިހާއި ސިފައިންނެވެ. ޕޮލިސް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. އަނެއްކޮޅުން ސިފައިން ވަނީ އެ ގްރޫޕުގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަކޮށް އޮތީ ޕޮލިހެވެ.

ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޕޮލިސް ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީގައި ކުޅޭށެވެ. ތިން ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ދެ ވަނަ ސެމީން މޮޅުވާ ޓީމެކެވެ. މިރޭ ކުޅޭ ދެ ވަނަ ސެމީގައި ގުޑީސް ނުކުންނާނީ ހުޅުމާލެއާ ދެކޮޅަށެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ އެވެ. ކުޅިވަރު އެކުވެނި އިންޑޯ ކޯޓު ލިބުނު މުއްދަތަށް ފައްތައިގެން މުބާރާތްތައް ކުރިއަށްގެންދާތީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ މި ފަހަރުގެ ގައުމީ ލީގު ކެންސަލްކޮށްފަ އެވެ. އެހެންވެ ގައުމީ މުބާރާތައް ޓީމުތައް ކޮލިފައިވާނީ އެސޯސިއޭޝަން ކަޕުންނެވެ.