ޕޮލިސް ކްލަބްގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދައި ދިވެހި ސިފައިންގެ ކްލަބުން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ހޯދައިފި އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ސިފައިންނާއި ޕޮލިހުން ވާދަކުރީ ދެ ވަަނަ ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ އަށް މި ދެ ޓީމު ދިއުމުންނެވެ. މި ދެ ޓީމު ދެ ވަނަ ބުރުގައި ކުޅުނު މެޗުން ވެސް ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ސިފައިންގެ ޓީމަށް ކުޅޭ ސްރީލަންކާގެ ކުޅުންތެރިޔާ ޖަނިތަ ސުރަތުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. އޭނާގެ ޝޮޓްތައް ހިފެހެއްޓުމަށް ޕޮލިސް ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ސިފައިން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-12 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖަނިތަ އެވެ.

މި ފަހަރުގެ މުބާރާތުގައި ސިފައިންނަށް ދިމާވި އެންމެ ބޮޑު މައްސަަލަ އަކީ ބޭނުންކުރަން ތިބި ފެންވަރު ރަނގަޅު ކުޅުންތެރިން މަދުވެފައި މުބާރާތުގެ ޝެޑިއުލް އޮތްގޮތުން ގާތްގާތުގައި މެޗުތައް ކުޅެން ޖެހި ކުޅުންތެރިން ވަރުބަލިވުމެވެ. އަދި އެންމެ ވަރުގަދަކޮށް އޮތް ސީލައިފް ސްޕޯޓްސް ކްލަބާއި މޯލްޑިވިއަން ރެކްރިއޭޝަނާއި ކުޅުނު ދެ މެޗު ޖެހިޖެހިގެން އޮތްއިރު، ދެ މެޗު ދެމެދުގައި 24 ގަޑިއިރު ވެސް ނުލިބެ އެވެ.

މި މުބާރާތުގެ ފައިނަލުގައި މިރޭ މޯލްޑިވިއަން ނުކުންނާނީ މެޗަކުން ބަލިނުވެ ފައިނަލުން ޖާގަ ހޯދި ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 20:30 ގަ އެވެ.