ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިސް ކްލަބް 3-2 ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.
ޕޮލިސް މުބާރާތުގެ ފައިނަލަށް ދިޔައީ މެޗަކުން ބަލިނުވެ އެވެ. މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިހުން ވަނީ ސިފައިންގެ މައްޗަށް 3-2 ސެޓުން ކުރި ވެސް ހޯދައިފަ އެވެ. ނަމަވެސް ރޭގެ މެޗުގައި ފެނުނީ މުޅިން ތަފާތު ކޮށެވެ. ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު ސިފައިން ފެނުނީ ރަނގަޅު ރޫހެއްގައި އޮތް ތަނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓުގެ މެދުތެރެއިން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ވަސީމްގެ މޮޅު ކުޅުމާ އެކު ސިފައިން ސެޓު ގެންދިޔައީ 25-17 އިންނެވެ. މި ސެޓުގައި ޕޮލިހަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖީހާނަށް ރަނގަޅަށް ނުކުޅެވުމެވެ.
ފުރަތަމަ ސެޓު ގެއްލުމުން މެޗު ތެރެއަށް އެނބުރި އަންނަން ޕޮލިހުން ދެ ވަނަ ސެޓު ފަށައިގެން ތަފާތު ކުޅުމެއް ދައްކައި ބޮޑު ލީޑެއް ނެގި އެވެ. މި ސެޓުގައި ޕޮލިހުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި މުރާދު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ސެޓުގެ ފަހު ކޮޅުގައި ޕޮލިހުގެ އަލީ ހުޒާމް (ހުޒާންޓެ) އާއި މުރާދުގެ ބާރު ޝޮޓުތަކާ އެކު އެ ޓީމުން ސެޓު ގެންދިޔައީ 17-25 އިންނެވެ.
ދެ ޓީމު އެއްވަރުވެ ތިން ވަނަ ސެޓަށް ނުކުންނަން ޖެހުނުއިރު، މި ސެޓު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމަށް ވެސް އެންމެ ގިނަވެގެން ނެގުނީ އެއް ޕޮއިންޓުގެ ލީޑެކެވެ. އެހާ ވާންކޮށް ގޮސް ފަހު ކޮޅުގައި ދެ ޓީމަށް ވެސް ސެޓު ނިންމާލަން ފުރުސަތު ލިބުނެވެ. އެކަމަކު ފަހު ވަގުތު ހެދޭ ގޯހަކުން ފުރުސަތު ގެއްލެނީ އެވެ. އެހެން ދަނިކޮށް ލޯންގޭ އާއި ވަސީމް ދެއްކި މޮޅު ކުޅުމާ އެކު ސިފައިން ސެޓު ކާމިޔާބުކުރީ 29-27 އިންނެވެ.
ހަތަރު ވަނަ ސެޓު ފަށައިގެން ޕޮލިހުން ލީޑުގައި އޮތެވެ. އެ ލީޑު ހަތަރު ޕޮއިންޓަށް ފުޅާކުރުމާ އެކު ސިފައިންގެ ކޯޗު މުމްތާޒް އަލީ ޓައިމްއައުޓެއް ނެގި އެވެ. ޓައިމް އައުޓަށް ފަހު ކުޅުން ފެށުމުން ޕޮލިހަށް ކުރީގެ ކުޅުން ދައްކަން އުނދަގޫވި އެވެ. މި ސެޓުގައި ރެފްރީގެ ނިންމުމަށް ފާޑުކިޔުމުން ޕޮލިހުގެ އާދަމް ފައިރޫޒަށާއި ސިފައިންގެ ކޯޗު މުމްތާޒަށް ރެފްރީ ވަނީ ކާޑު ދައްކައިފަ އެވެ.
މި ސެޓުގައި ޕޮލިހަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ އެ ޓީމުގެ ސެޓަރު ބުޅިކެ އަށް އަނިޔާވުމުންނެވެ. އަނެއްކޮޅުން ސިފައިންގެ ލޯންގޭ ވެސް މި ސެޓު ފަށައިގެން ކުޅުން ކުރިއަށް ގެންދިޔައީ އަނިޔާގައި ހުރެ އެވެ. ސެޓުގެ ފަހު ކޮޅުގައި ހުޒާންޓެ އާއި ހަސަން ނިލާމް (ޕާޓޭ) އަދި މުރާދު ދެއްކި ހިތްވަރުން ޕޮލިހުން 22-25 އިން ސެޓު ގެންދިޔަ އެވެ.
ޒުވާނުންގެ މަރުކަޒު ކޯޓު ތެރޭގައި ރޭ އެންމެ ބޮޑަށް އޮތީ ސިފައިންގެ ސަޕޯޓެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ފަށައިގެން ސިފައިންގެ ސަޕޯޓަރުން ދިޔައީ އަޑުގަދަކޮށް، ޓީމަށް ހިތްވަރު ދެމުންނެވެ. އަނިޔާގައި ހުރެ ކުޅުން ކުރިއަށް ގެންދިޔަ ލޯންގޭ އަށް ވެސް ހިތްވަރުދިނުމުގެ ގޮތުން އޭނާގެ ނަން ގޮވަމުން ދިޔަ އެވެ.
ފަހު ސެޓު ފަށައިގެން ސިފައިން އޮތީ ތަފާތު ރޫހެއްގަ އެވެ. ސިފައިންގެ މޮޅު ކުޅުން މި ސެޓުގައި ފެނުނުއިރު، ޕޮލިހުގެ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުނެވެ. ސިފައިންގެ އާދަމް ނަސީމް (އެޑަމް)ގެ މޮޅު ހުނަރު ފެނުނުއިރު އެ ޓީމުން ސެޓު ގެންދިޔައީ 15-7 އިންނެވެ.
މޮޅު ކުޅުންތެރިޔަކަށް ލޯންގޭ
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނީ ލޯންގޭ އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ މުމްތާޒް އެވެ.
ފައިނަލް މެޗަށް ފަހު މުމްތާޒް ބުނީ ފެނުނީ މުޅި ޓީމު އެކުގައި އެކެއް އަނެކަކަށް ކުރި އިތުބާރުގެ ނަތީޖާ ކަމަށެވެ. އަދި މި މެޗަށް ނުކުތީ ހާއްސަ ރޭވުންތަކަކާ އެކު ކަމަށާއި އެއީ މި ކާމިޔާބީގެ އެއް ސަބަބު ކަމަށް ވެސް ބުންޏެވެ.
"މުޅި މުބާރާތުގައި ޕޮލިސް ޓީމުގެ ހުރިހާ މެޗެއް ބަަލައިގެން ފައިނަލަށް ތައްޔާރުވީ. ސެމީ ފައިނަލުގައި އެމީހުން (ޕޮލިސް) އަތުން ފަސް ސެޓަށް ގޮސްގެން ބަލިވީ،" މުމްތާޒް ބުންޏެވެ.
"އަޅުގަނޑުމެންނަށް އެ މެޗުން ފެނުނީ މުރާދު ނުހުއްޓުވިގެން ބަލިވިތަން. މި މެޗުގައި އަޅުގަނޑުމެންނަށް އެމީހުންގެ ބަލިފައިކަމަށް ބެލީ މުރާދު، އޭނާ ހުއްޓުވީމަ މިކަން ކާމިޔާބުވުމުގެ ބޮޑު ބައި ހާސިލްވެއްޖެ."
އޭނާ ބުނީ ފަހު ވަގުތުގައި ވެސް ކުޅުންތެރިން ތިބީ ވަރަށް ފޯރީގައި ކަމަށާއި އަނިޔާގެ މައްސަލަ ހުރި ނަމަވެސް އެކަން ހިތުން ފޮހެލައި ޓީމު ވަރަށް މޮޅަށް ކުޅުނު ކަމަށެވެ. އަދި މުބާރާތް ރޭވިފައި އޮތް ގޮތުން ކުރެވުނީ ވަަރަށް މަދު ޕްރެކްޓިސްތަކެއް ކަމަށާއި އޭގެ ސަބަބުން ފިޓްނަސް މައްސަލަތަކެއް ފެނުނު ކަމަށް ވެސް ބުންޏެވެ.
ޕޮލިހުގެ ކޯޗު ހާލިދު މުހައްމަދު ބުނީ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ނަސީބު އެހީނުވުން ކަމަށެވެ.
"ސިފައިންގެ ޓީމަށް އަޅުގަނޑު މަރުހަބާ ކިޔަން،" އޭނާ ބުންޏެވެ.
"ޓީމު ފިޓެއް ނޫން، ފަހު ސެޓަށް އައިއިރު އެހެންވެ ފަރަގު ބޮޑުވީ. ދެ ސެޓަރު ވެސް ހުރީ އަނިޔާގައި. މުރާދު ވެސް ފަހުން ވަރުބަލިކަން އިހުސާސް ކުރަން ޖެހިފައި ހުރީ. މި މެޗުގައި އަޅުގަނޑުމެންނަށް ނަސީބު ވެސް ނެތީއޭ ބުނެވޭނީ. މި މެޗުގައި މުރާދުގެ ފިނިޝިން ޓަޗުތައް އެންމެ ރަނގަޅަށް ދުވަހެއް ނޫން. އެ ރަނގަޅަށް އޮތް ނަމަ ފަސް ސެޓަށް ނުގޮސް ނިމޭނެ މެޗެއް މިއީ."
ޑްރީމް ޓީމު
މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ ޕޮލިހުގެ ހުޒާންޓެ، ޝުވައިބު އަބްދުއްލަތީފް، މުހައްމަދު ނައީމް، ސިފައިންގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ސައީދު (ސޭންޑީ)، ލޯންގޭ އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުޅުމާލެގެ ރައްޒާން އެވެ. ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ.