ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 28) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މުސްލިމް ސްކޫލެއްގައި މި މަހު ކުރީކޮޅު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ކުއްޖެއްގެ މައްޗަށް މީހުން މެރުމުގެ ދައުވާ ކޮށްފި އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިން ވަނީ ހަތް ކުއްޖަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެ ކުދިން ވަނީ ދޫކޮށްލައިފަ އެވެ. ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 21 ކުދިންނާއި ދެ ޓީޗަރުން މަރުވެފަ އެވެ.
ދައުވާ ކުރި ކުދިންނަށް 18 އަހަރު ނުފުރޭތީ އެ ކުދިންނާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ. އެ ކުދިންގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ދައުވާ ވެސް ކޮށްފަ އެވެ. ސްޓޭޓް ޕްރޮސެކިއުޓާ އުސްމާން އަބްދުﷲ ވިދާޅުވީ ދައުވާކުރާ ކުދިން ނޮވެމްބަރު 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ. ކޯޓްރޫމަށް ނޫސްވެރިން ވަނުން އޮންނަނީ މަނާކޮށްފަ އެވެ.
ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއްޔާ ސްކޫލުގައި އަލިފާން ރޯވީ މި މަހު 14 ވަނަ ދުވަހު ހެނދުނު އެވެ. ކުދިން ނިދާ ބައިގައި ރޯވި އަލިފާނުން ސަލާމަތް ނުވީ ކުޑަ ދޮރުތަކުގައި ދަގަނޑު ނަރު ޖަހާ ބަންދުކޮށްފައި ހުރުމުން ކަމަށްވެ އެވެ.
ކުއާލަ ލަމްޕޫރު ފުލުހުންގެ ވެރިޔާ އަމަރު ސިންގް ވިދާޅުވެފައި ވަނީ ސްކޫލުގެ ކައްކާ ބައިން ދެ ގޭސް ފުޅި ގެނެސް ގަސްދުގައި އަލިވާން ރޯކޮށްލާފައިވާ ކަމަށެވެ.