ހަވީރުގެ ކުރީގެ މުވައްޒަފުން މީޑިއާގައި މަސައްކަތް ކުރުން 2 އަހަރަށް މަނާކޮށްފި

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


އެގޮތަށް ކޯޓުން އަމުރުކުރީ ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމްގެ ފަރާތުން ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސައިނާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ. އެ ތިން މީހުންގެ ފަރާތުން ދައުވާ ކޮށްފައި އޮތީ "ހަވީރު" ނޫސް ހިންގައިގެން މިހާތަނަށް ލިބުނު ފައިދާގެ ތެރެއިން އެ ތިން މީހުންނަށް ލިބެން ޖެހޭ މިންވަރު ކޯޓު މެދުވެރިކޮށް ހޯދައިދިނުމަށާއި ހަވީރު ނޫސް ހިންގުމުގައި ބައިވެރިވެވޭނެ ގޮތް ހަދައިދިނުމަށެވެ.

"ހަވީރު"ގައި މަސައްކަތް ކުރި މީހުންނާ މެދު ފިޔަވަޅެއް އެޅުމަށް، އެ ދައުވާގައި އެދިފައި ނެތަސް، ކޯޓުން ހުކުމް ކުރި އިރު އޮތީ މުވައްޒަފުންގެ މައްޗަށް ވެސް އަމުރު ކޮށްފަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.

މީގެ އިިތުރުން "ހަވީރު" ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތެއްގެ މަތިން ވިޔަފާރި ކުރި އަށް ގެންދިއުމަށާއި އެ ވިޔަފާރި އޮޑިޓްކޮށް، އެ ވިޔަފާރިން ރަޝީދު މޫސާ އާއި ފާރޫގާއި ނައީމަށް ލިބެންޖެހޭ ހައްގުތައް އެ މީހުންނަށް ދިނުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

"ހަވީރު" ނޫހާއި އޮންލައިނާއި ހަވީރުގެ ވިޔަފާރީތައް މިހާރު އޮތީ ޒާހިރު ހުސައިންގެ ތިން ދަރިންގެ ނަމުގައި އޮތް ހަވީރު މީޑިއާ ގްރޫޕްގެ ނަމުގައި ކަމަށް ވިޔަސް، ރަޝީދު މޫސާ އާއި ފާރޫގާއި ނައީމް ކަނޑައަޅާ ގޮތެއްގެ މައްޗަށް އެ ވިޔަފާރި ބަދަލު ކޮށްދޭން ވެސް އެ ހުކުމުގައިވަނީ އަންގައިފަ އެވެ.

ރަޝީދު މޫސާ އާއި ފާރޫގާއި ނައީމް އުފެއްދި "ހަވީރު ނިއުސް އޭޖެންސީ" ގައި ޒާހިރު ހުސައިން ހިމެނިފައި ނުވިޔަސް، ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ އެ އޭޖެންސީގައި ޒާހިރު ވެސް ހިމެނޭ ކަމަށާއި ޒާހިރުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައި އޮތް ހަވީރަކީ، އެ އޭޖެންސީގެ މިލްކެއް ކަމަށެވެ.

"ހަވީރު" ހުއްޓާލި އިރު އެތަނުގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދަނީ "މިހާރު" ނޫހުގަ އެވެ.