އެމްޑީޕީ ހަރުގޭގައި "ތިޔައީ ޒައީމޭ" ލަވަ ޖަހާ ހިސާބަކަށް ނުދޭ: އަލީ ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ހަދާފައިވާ މަޝްހޫރު ލަވައެއް ކަމަށްވާ "ތިއީ ޒައީމޭ" އެމްޑީޕީ ހަރުގޭގައި ޖަހާ ވަރަށް ކަންކަން އަދި ނުދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.


އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި އަލީ ވަހީދު "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫނާއި މުހައްމަދު ނަޝީދު އެކައްޗެއް ވިދާޅުވާ ތަން ނުފެންނަ ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން ތިއްބެވީ އެކުގައި ކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ "ތިޔައީ ޒައީމޭ" ލަވަ އެމްޑީޕީ ހަރުގޭގައި ޖަހާ ހިސާބަކަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ހަރުގޭގައި 'ތިޔައީ ޒައީމޭ' ލަވަ ޖަހައި ނަށަން ޖެހޭ ފެންވަރަށް ދާން ޖެހޭ ކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ހަމަ ހައިރާންވޭ އެމްޑީޕީގެ ހަރުގޭގައި ތިޔައީ ޒައީމޭ ޖަހަައި ނަށާ ހިސާބަށް ދިޔައިމަ،" އަލީ ވަހީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ އެތެރޭގައި އެބަ ތިބި އެކަންކަން ގަބޫލުނުކުރާ އެތައް ބަޔަކު. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މާ ގިނަ ބަޔަކު ހަރަކާތްތަކަށް ނުނިކުންނަނީ."

އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ އަސްލުތަކާ މިހާރު ދުރަށް ދިއުމުން އޭގެ ސަބަބުން ގެއްލުންތަކެއްވާނެ ކަމަށެވެ.

"ދުނިޔޭގެ ކުރީގެ ރައީސުން އެބަހުރި އެއްބައިވެފައި ކާރިސާތަކުގައި. މިސާލަކަށް އެމެރިކާއަށް މިފަހުން އައި ތޫފާންތަކާ ގުޅިގެން ކުރީގެ ފަސް ރައީސުން ގުޅިގެން އުޅުއްވި. އެކަހަލަ ކަންކަމުގައި ގުޅިގެން އުޅުން އެއީ ރަނގަޅު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކަންތައް ވަމުން ދާ ގޮތުން އިދިކޮޅު ބަޔަކު ރައީސް ޔާމީނާ ގުޅުމަކުން ބުނާނެ އެއްޗެއް ނެތެވެ.

އަލީ ވަހީދު "މިހާރު" އާ ލަންޑަންގައި ވާހަކަ ދައްކަވަނީ.

"މިސާލަކަށް އަޅުގަނޑުމެން ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ރައީސް ޔާމީނާ އެކު އުޅުއްވުމުން އެއްޗެއް ކިޔަން ޖެހޭ ކަމަށް އަޅުގަނޑު ނުދެކެން. ރާއްޖޭގެ ރައްޔިތުންނަށް ދެއްކި ދެ އައިޑިއޮލޮޖީ އައިސް މިގޮތަށް އެއްވީ [މައުމޫނާއި ނަޝީދު]. އެހެންވީ އަޅުގަނޑު ނުދެކެން އެއީ އެއް އުރައެއްގައި އޮވެވިދާނެ ދެ ކަނޑިއެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ އަދިވެސް މައުމޫނަށް ވަރަށް ބޮޑަށް އިހުތިރާމްކުރައްވާ ކަމަށެވެ. ނަމަވެސް މައުމޫނަކީ މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި "ގޭމް ޕްލޭން" ބަދަލުކޮށްލެވޭނެ ބޭފުޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި އަލީ ވަހީދު ދިރިއުޅުއްވަނީ މޭ 1، 2015 ގެ ބޮޑު މުޒާހަރާއާ ގުޅިގެން އޭނާގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާނެކަމުގެ ބިރު އުފެދުމުންނެވެ. އޭގެ ފަހުން އެ ދައުވާ އުފުލަން ޕީޖީން ކޯޓަށް ވެސް ފޮނުވި އެވެ.