10 ދާއިރާ ހުސްކޮށް، އަދިވެސް ބައި އިލެކްޝަން އިއުލާނެއް ނުކުރޭ!

ރައްޔިތުންގެ މަޖިލީހުގެ 10 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވީ ނަމަވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން އޮންނާނެ ތާރީހެއް އެ ކޮމިޝަނުން އަދިވެސް އިއުލާނެއް ނުކުރެ އެވެ.


ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކަކާ ގުޅިގެން، އެ ޕާޓީން އެދިގެން ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދު މަޖިލީހުގައި ފުރުއްވި ގޮނޑި އެވެ. މީގެ އިތުރުން ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު ވެސް މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް މިދިޔަ ހަފުތާގައި ކަނޑައަޅައި އީސީން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުން (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

މަޖިލީހުގެ މެމްބަރުންތަކެއް މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން، މިދިޔަ ހަފުތާގައި ވެސް ތިން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އީސީން ވަނީ ބުނެފަ އެވެ. އެކަމަކު މި އިންތިހާބުތައް ބާއްވާނެ ތާރީޚެއް، އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް ވެސް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.

އިންތިހާބު ބޭއްވުން ލަސްވާ ސަބަބާއި ބާއްވާނެ ތާރީހަކާ ގުޅޭ ގޮތުން ތަކުރާރުކޮށް "މިހާރު"ން ސުވާލު ކުރުމުން ވެސް އެ ކޮމިޝަނުން ޖަވާބެއް ނުދިނެވެ.

އެނގިފައިވާ ގޮތުގައި އިންތިހާބު ބާއްވަން ފުރަތަމަ ކުރިމަތިވީ ބަޖެޓްގެ މައްސަލަ އެވެ. މިދިޔަ ހަފުތާގައި ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި، ބައި އިލެކްޝަންތަކަށް 26 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ކަން ކުރަންވީ ގޮތް، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އޮތީ ބުނެފަ އެވެ.

(ކ-ވ) މެމްބަރު ޝާހު، މުސްތަފާ އަދި ސައުދުﷲ ހިލްމީ - ފޮޓޯ: މަޖިލިސް

އެ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަސް ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ. ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ވިޔަސް، ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ.