ރައީސް މައުމޫން ރޭގެ ޖަލްސާގައި: ކުރީގެ ރައީސް ވަނީ ޝަރުއީ ދާއިރާ އަށް ފާޑުވިދާޅުވެފައި ---މިހާރު ޓޯ: ހުސައިން ވަހީދު
09 ނޮވެމްބަރ 2017 - 11:11
ބައެއް ހުކުމްތައް ކޮށްފައިވާ ގޮތުން އެއީ ގަބޫލުކުރަން ޖެހޭ ހުކުމްތަކެއް ނޫން ކަމަށް ވިދާޅުވެ ޝަރުއީ ދާއިރާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މީހަކު ހޮސްޕިޓަލުގައި އޮއްވައި، ރޭގަނޑު ދަންވަރު 1 ޖަހާއިރު ކުރާ ހުކުމްތަކާއި ފިސްތޯލައެއް ފެނި ދިފާއީ ހެކި ހުށަހެޅޭނެ ގޮތެއް ނެތި ކުރާ ހުކުމްތައް ގަބޫލުކުރަން ނުޖެހޭ ކަމަށެވެ.
މީހެއްގެ މައްޗަށް ހުކުމެއް އިއްވާ ނަމަ އެކަން ކުރަން ޖެހޭނީ ހަމަ އާއި އިންސާފާއި އަދުލުވެރިކަމާ އެކުގައި ކަމަށް ވިޔަސް ސިޔާސީ ބައެއް ބޭފުޅުންނަށް ބޭއިންސާފުން ހުކުމް ކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުށެއް ކުރާ މީހަކަށް އަބަދު ލިބެން ޖެހޭނީ ގާނޫނާއި ޝަރުއީ ހަމަތަކުގެ މަތިން ކަމަށެވެ.
"ކުށް ސާބިތުވީމަ އެ އޮންނަ އަދަބެއް ދޭން ޖެހޭނެ. މިސާލަކަށް ދިފާއީ ހެކިން ހުށަހަޅަން ބޭނުންވީމަ އެ ފުރުސަތު ނުދީ ކުށް ސާބިތު ކުރީމަ އެ އަޅުގަނޑުމެން ގަބޫލުކުރާކަށް ނުޖެހޭނެ. ބޭފުޅަކު އާލާސްކަންފުޅާ އޮންނަވަނިކޮށް ރޭގަނޑު ދަންވަރު ކުރާ ހުމެއް އަޅުގަނޑުމެން ގަބޫލު ކުރާކަށް ނުޖެހޭ. އަދި ކުރަނީ ވެސް އެ ބޭފުޅެއްގެ ގައިރު ހާޒިރުގައި،" މައުމޫން ވިދާޅުވި އެވެ.
"ދެން މިސާލަކަށް ކޮންމެވެސް ބޭފުޅެއް [ކާނަލް މުހައްމަދު ނާޒިމް] ގެ ގެއިން ފެނުނީއްޔޯ ފިސްތޯލައެއް، އެ ފެނިގެން އޭނާގެ މައްޗަށް ވަރަށް ބޮޑު ހުކުމެއް އައިސްފައި މި ވަނީ. އެކަމަކު އެންމެންނަށް ވެސް މިހާރު އެނގިފައި އޮތް ގޮތުން އެ ފިސްތޯލައިގައި ނާޒިމްގެ ފިންގްޕްރިންޓެއް ނުވަތަ ޑީއެންއޭއެއް ނެތް. އެ ދިމާވަނީ ކޮންމެވެސް އެހެން ބޭފުޅަކާ."
މައުމޫން ވިދާޅުވީ ނާޒިމްގެ މައްސަލާގައި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވާނެ ކަމަށް އެހެން ބޭފުޅަކު ވިދާޅުވުމުން އެ ފުރުސަތު ވެސް ނުދިން ކަމަށެވެ.
"އެހެންވީމާ އެއީކީ އަޅުގަނޑުމެން ގަބޫލުކުރާ ހުކުމްތަކެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އެ ވާހަކަފުޅު އެ އިޝާރަތްކުރެއްވީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ނާޒިމާ ގުޅުމެއް ނެތްކަން، ކޯޓުން ފުރުސަތު ލިބިއްޖެ ނަމަ ސާބިތުކޮށްދެއްވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ވިދާޅުވީ ޝަރުއީ ދާއިރާ އަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެ ދާއިރާ އަށް ފާޑުވިދާޅުވަނީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހެން ކަންކަން ހުރީމަ މިއީކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
"މިއިން އެނގެނީ ސިޔާސީ ބޭނުންތަކަށްޓަކައި މިގޮތަށް ކަންތައްތައް އޮޅުވާލައިގެން ކޮންމެވެސް ފަރާތަކުން ގެންދަނީ ކުރަމުންކަން. އެ ފަރާތަކީ ރައްޔިތުންނާ އިދިކޮޅު [ސަރުކާރު] ފަރާތްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ."
އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށް ފަހު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން މެމްބަރަކު ވަކި ކުރިޔަސް ވެސް ގޮނޑި ނުގެއްލޭނެކަން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ކަމަށެވެ.
"އެހެންވީމާ މިވެނި މެމްބަރެއްގެ ގޮނޑި ގެއްލިއްޖޭ ބުނުމުގެ އެއްވެސް މާނައެއް ނެތް. ގާނޫނީ އެއްވެސް ހަމައެއް ނެތް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ވާހަކައެއް ވެސް ނޫން،" މައުމޫން ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މި ބުނާ ވާހަކައަކީ އެ ބުނާ ދިހަ މެމްބަރެއްގެ ގޮނޑި ހުރީ ސަލާމަތުންނޭ. އެ ބޭފުޅުން އެ ތިއްބެވީ ހަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައޭ."
އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސައިން ވަހީދު.
މައުމޫން ވިދާޅުވި ގޮތުގައި ހިޔާލު ތަފާވުން އުފެދިއްޖެ މައްސަލައެއްގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައި ވިޔަސް، ގާނޫނުއަސާސީއާ ހިލާފަށް އެއްޗެއް ބުނުމުގެ ހައްގު އެ ކޯޓަކަށް ވެސް ނޯންނާނެ ކަމަށެވެ.
"ގާނޫނުއަސާސީއެއް ނޫން ގާނޫނަކާ ހިލާފަށް ވެސް އެއްޗެއް ބުނުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކަކީ އެންމެންގެ މައްޗަށް ހިނގާ އެއްޗެއް. އެންމެން ހުރުމަތްތެރިކޮށް ހިތަން ޖެހޭ އެއްޗެއް،" މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އީމަން
09 November 2017
ތާއަބަދައް ޒައީމްގެ ނޫރުފުޅު ދެމިއޮނަވާދޭށެވެ، އާމީން.
ހުސެން
09 November 2017
100ގެ ވާހަކައެއް
ގުރާބު
09 November 2017
މައުމޫނު ޒަމާނުގައި ޝަރުއީ ނިޒާމް އޮތީވެސްހަމަ މިވަރެއްގަ އަމިއްލަ ދަރި މިއަދު ހައްޔަރުގަ ހުރީމަ ރޯމަހެއްހެން ތެޅޭތަން މިފެންންނީ... އެއިރު އެހެން އާންމުންގެ ދަރިންނަށް ކުރި އަނިޔާ ކޮބާ؟؟ ހަމަ ރަނގަޅަށް ތިވަނީ... މިއަދު މާ ދިމޮކްރާތީ ވެގެން ހުއްޓަސް ތިއީ ގިނަ ބަޔަކު ބަލައިގަންނާނެ މީހެއްނޫން....
އިއްބެ
09 November 2017
އަމިއްލަ ފުޅައް ވެރިކަން ކުރެއްވި ދުވަސް ހަދާން ނެތުނީތާ . ވާނީވެސް ތިޔަހެން .ވެރިކަމުގެ ތަހުތު ބީވީމާ ގެން ގޮވާނީ މޮޔަ. މީވެރިކަމުން ފޭބި އެންމެންގެވެސް ހާލު
ދަވޭ
09 November 2017
ޝަރުއީ ދާއިރާ އަށް މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް ދެން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ. ތަމެންގެ ވެރިކަމުގައި ކަންކަން ކުރި ގޮތް އެއީ މަމެން އަދި ހަނދާނުން ފުހެވިގެން ދާނެ އެއްޗެއް ނޫނެވެ. ޕޯސްޓަލް ބިލްޑިންގް އަޅާފައި އެހެރީ އެއީ އަމިއްލަ މީހެއްގެ ބިމުގައި ދޯ. ގޭގެ ވެރިފަރާތް އެއްބަސް ވެގެން ނޫން ދޯ ސަރުކާރަށް މިބިން ނެގީ.
ޒެން
09 November 2017
މައުމޫން
ހަސަނު
09 November 2017
ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ...
އުމަރު
09 November 2017
ޝަރުއީ ދާއިރާއެއް އެބައޮތްތޯ؟ ހުރިހައި ދިވެހިންވެސް މިހާރުގެ ޝަރުއީ ދާއިރާއަށް ނަފްރަތުކުރޭ
ސޮކްތެރެޕީ
09 November 2017
މިރާއްޖެ ފުޑާލީ ދިގު ތިރީސްއަހަރު ތަރައްގީއެއް ނާދެ.
ބުރާންތި
09 November 2017
ހުޅުމާލެ އެއީ މިވެރިކަމުގަ އުފެދުނު ރަށެއްތޯ؟. ތަރައްގީއަކީ ދަރާނުވިކުނަކަސް ހޯދޭނެއެއްޗެއްކަން ސާބިތުކޮއްދީފަ އެއޮތީ މައުމޫނުގެ ވެރިކަމުގަ.
އަލީ.
09 November 2017
އަޅުގަނޑު ދަންނަވާނީ ޔާމިނޭ ޔާމިނައްވެސް މިދުވަސް އަންނާނޭ މިހާރު މައުމޫނުވެސް އެދެކެނީ އެދުވަހު މީހުންނައް ކުރިއަނިޔާގެ އަނެއްފަރާތޭ ވީމާ ﷲ ގެމަގުގަ ތެދުވެރިވާށޭ ފުލެޓުވެސް ދޭންފަށަންވީ އެންމެދަށުން ޕޮއިންޓު ލިބުނުމީހުނައް އެއީ އެންމެ ތެދުމައުލޫމާތު ދީފަވާމީހުން 99 ޔަކުން 100 ކައިން ލިބިފަތިބީ މަކަރުވެރިން މިތަރުތީބުން ކަންކުރީމަ ހުންނާނީ ރަނގަޅައް