މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

ހަވީރުގައި މަސައްކަތް ކުރި 33 މުވައްޒަފަކު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް، އަސާސީ ހައްގުތައް ނިގުޅައިގަނެވޭގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްދިނުމަށެވެ.

ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މުވައްޒަފުން ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ސިވިލް ކޯޓުގެ ހުކުމުގައި ހުރި ކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ހުކުމް ބާތިލްކުރަންޖެހޭ ސަބަބުތައް ކަމަށް، އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި؛

- ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ހުކުމް ރައްދުވާއިރު އެއިން އެއްވެސް މުވައްޒަފަކު ޝަރީއަތަށް ހާޒިރުކޮށްފައި ނުވުމާއި އެ މީހުންގެ ބަހެއް ހޯދާފައި ނެތުން

- ޝަރީއަތްކުރަން ވާނީ އަދުލުވެރިކަމާ އެކުގައި ކަމަށް ގާނޫނުގެ އަސާސީގެ 42 ވަނަ މާއްދާގައި ބުނާއިރު އެ މާއްދާއާ ޚިލާފަށް ހުކުމް ކޮށްފައިވާކަން

- ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ އިހްތިޔާރު ގާނޫނު އަސާސީގެ 37 ވަނަ މާއްދާގައި ބުނާއިރު، އެ މާއްދާއާ ހުކުމް ހިލާފުކަން

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.

ހޯމް މިނިސްޓްރީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު އަނިލް ވިދާޅުވެފައި ވަނީ ކޯޓުން އެގޮތަށް އެންގިޔަސް ގާނޫނީ ގޮތުން އެ މުވައްޒަފުން އެހެން ތަނެއްގައި ވަޒީފާ އަދާ ކުރުން މަނާ ނުކުރެވޭނެ ކަމަށެވެ. އަނިލްގެ މި ވާހަކަޔާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ އަނިލްގެ ވާހަކަ އަކީ ބާތިލް ވާހަކައެއް ކަމަށް ކަނޑައަޅާ ކަމަށާއި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެ ހުކުމަށް އަމަލު ކުރަން އަމުރުކުރާ ކަމަށެވެ. ކޯޓުގެ ނިންމުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބުނެފައި ވަނީ އެ ނިންމުމާ މެދު ހައިިރާންވާ ކަމަށާއި ބަޔަކު ވަޒީފާ އަދާކުރާ ކުރުން ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ނެތް ކަމަށެވެ. ހަވީރު ނޫހުގެ ހިއްސާދާރުންގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން މިިދިޔަ އޭޕްރީލް މަހުން ފެށިގެން ހަވީރު ނޫހާއި އޮންލައިންގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އެ ނޫހުގެ ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ އެހެން މީޑިއާއެއްގަ އެވެ.