ގއ. ވިލިނގިލީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
އެ ރަށު ބޮޑު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ފިރިހެނުންނަށް އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރާއި 32 އަހަރުގެ ފިރިހެނަކަށެވެ.
ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ނަޒްލީން ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ޒަހަމްވި 19 އަހަރުގެ ޒުވާނާގެ ސީޓީ ސްކޭނެއް ހެދުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަޒްލީން ވިދާޅުވި އެވެ.
"އެއްވެސް ތަނެއް ބިންދައިގެން ދިޔަ ކަމަކަށް ނެތް. އެކަމަކު 19 އަހަރުގެ ޒުވާނާގެ ލޯ ކައިރި ކޮންމެ ވެސް ވަރަކަށް ޒަހަމްވެފައި ހުރީމަ ސީޓީއެއް ހެދުމަށް ރެފާ މި ކުރަނީ. ދެން ހުރި ޕޭޝަންޓުގެ ވަރަށް ބޮޑެތި ޒަހަމްތަކެއް އެބަހުރި. ފައިން ވެސް ވަރަށް ބޮޑަށް އެބަހުރި ހަލާކުވެފައި. އަދި އަތުގެ ހުޅަށް ވެސް އަނިޔާ ލިބިފައި ވަނީ،" ނަޒްލީން ވިދާޅުވި އެވެ.
ވިލިނގިލީ ކައުންސިލްގެ މެމްބަރު ލުގުމާން ނައީމް ވިދާޅުވި ގޮތުގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިފަހުން އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފަ އެވެ. ބޮޑެތި މަގުތަކުގައި ސްޕީޑް ބްރޭކަރު ނެތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުގުމާން ވިދާޅުވީ ވިލިނގިލީގެ މަގުތަކުގެ ރައްކާތެރިކަމާ ބެހޭގޮތުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.