ޝަރަފުވެރިކަމުގެ އިނާމު ދެ ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 24 ބޭފުޅަކަށް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު 24 ބޭފުޅަކަށް މިރޭ ދީފި އެވެ.


މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. އިނާމުތައް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ރައީސް ޔާމީން، ޝަރަފްވެރިކަމުގެ ގައުމީ އިނާމް މުހައްމަދު އަހުމަދާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ، ޅެންވެރިކަމުގެ ދާއިރާ އިން ގދ. ތިނަދޫ އަލިދޯދި އަބްދުﷲ އަފީފާއި ސިއްހީ ދާއިރާ އިން ހ. މިލާފަރު ޑރ. މުހައްމަދު އަހުމަދަށެވެ. މި ދެ ބޭފުޅުންނަށް ވެސް މީގެ ކުރިން ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާ އިން ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި އަފީފު ޅެން ހައްދަވަން ފެއްޓެވީ އުމުރުން 14 އަހަރުގަ އެވެ. ޖަލްސާތަކަށާއި ލަވަތަކަށް ޅެން ހައްދަވަމުން ގެންދަވާ އަފީފުގެ މަޝްހޫރު ޅެންތަކުގެ ތެރޭގައި "ބޮނޑިބަތްތޯ އެ އުދަންވީ"، "ރޫހު ވަނީ ތިނަދޫގައޭ"، "ގަހެކޭ ގަހެކޭ އިންދަމާ"، "ރާއްޖޭގެ އުފަލާއި އަރާމަކީ"، "ރީތި ރާއްޖޭ ވައި ފެންމީ ނިއުމަތެއް ނޫންހޭ" ފަދަ ޅެންތައް ހިމެނެ އެވެ.

ސިއްހީ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި މުހައްމަދު އަހުމަދަކީ އެ ދާއިރާ އަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ރަޝިއާ އިން މެޑިސިން ކިޔަވައި ވިދާޅުވި މުހައްމަދު އަހުމަދަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދިވެހި ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ފަހަކަށް އައިސް ފާހަގަ ކުރެވުނީ ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީން، ހިތްވަރު ދިނުމުގެ ގައުމީ އިނާމް ބޭފުޅަކާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން، ހިތްވަރު ދިނުމުގެ ގައުމީ އިނާމް ބޭފުޅަކާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބުނު 23 ބޭފުޅުން:

1- ފާތުމަތު ރަޝީދާ، ހ. ކިވި (ގުރުއާން ކިޔެވުމާއި އުނގެނުމުގެ ދާއިރާ)

2- މޫސާ އަންވަރު، ފުވައްމުލައް ދަނޑިމަގު، ރިހިވިލާގެ (އިސްލާމް ދީން އުނގަންނައި ދިނުން)

3- އަބްދުލް މުއީދު ހަސަން، މ.ޝިމާގު (ދިވެހި ބަހާއި އަދަބިއްޔާތު)

4- މުހައްމަދު ޝާތިރު، ތ.ހިރިލަންދޫ ތިރިންގަލި (ދިވެހި ތާރީޚާ ބެހޭގޮތުން ހޭލުންތެރިކުރުވުން)

5- އަހުމަދު ޒަމީރު، ޅ.ކުރެންދޫ ގަހާދަށުގެ (ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން)

6- އަހުމަދު މުސްތާގު، ގދ. ތިނަދޫ ޗާންދު (ތައުލީމީ މުއައްސަސާތައް އުފައްދައި ހިންގުމުގެ ރޮނގުން)

7- މުހައްމަދު ރަޝީދު، މ. ފަންތި (ހިންގުމުގެ ދާއިރާއިން)

8- ފާތުމަތު ޒައީމާ، ލ.ފޮނަދޫ މުރިނގު (ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން)

9- އައިޝަތު ނަޖީބާ، ހުޅުމާލެ ފްލެޓު 02-1-99 (ފެހުމާއި ޖަރީކުރުމުގެ ރޮނގުން)

10- އަލީ ހަސަން، ރ. އަލިފުށި ފްލޮރެންސް (ފަރުމާކުރުމުގެ ރޮނގުން)

11- އާމިނަތު ލީލާ، ގ. ވެނީޒިއާ (އެކި ބާވަތްތަކުގެ ރޮނގުން މަސައްކަތް ކުރުން)

12- މުހައްމަދު އަލީ ޖަނާހް، ހ. ސީސައިޑް (އިމާރާތް ކުރުމުގެ ރޮނގުން)

13- އަބްދުﷲ އަޒްމީނު، ގދ. ގައްދޫ އަތިރީގެ (ޚަބަރާއި މައުލޫމާތު ފެތުރުމުގެ ރޮނގުން)

14- އަލީ ސަލީމް، މ. ތްރީ ފްލާވާސް (ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން)

15- އަބްދުލްޣަފޫރު އަލީ، ށ. ފޭދޫ ޑޭޒީމާގެ (މީހުން ތަމްރީން ކުރުމުގެ ރޮނގުން)

16- ޢަބްދުﷲ ނިޔާޒް، މ. އާސިޔާ މަންޒިލް (ކަސްރަތު ކުރިއެރުވުމުގެ ރޮނގުން)

17- ފާތުމަތު ރިޝްމާ، މ. ކެލްފޯނިއާ 1 (މީހުން ތަމްރީނު ކުރުމުގެ ރޮނގުން)

18- މުހައްމަދު ޝާފީ، ސ. މަރަދޫ ވެސްޓްކޯސްޓް (ފޮޓޯގްރަފީގެ ރޮނގުން)

19- މުހައްމަދު ޢަބްދުލްޣަނީ، ޅ. ނައިފަރު އަލިގާ (ލަވަ ކިޔުމާއި މީހުން ތަމްރީން ކުރުން)

20- ސަމްހާ ޔޫސުފް، ޅ. ނައިފަރު މާތިލަ (އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް)

21- މަރްޔަމް ޝިފްޒާން، މ. ހިޔަލީ ގުލްޝަން (އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް)

22- ރާބިއާ ހުސައިން، ބ. މާޅޮސް ފެންފިޔާޒުގެ (އަންހެނުންގެ ދާއިރާ)

23- މުހައްމަދު ޝާރިފް، އދ. މާމިގިލީ މަރިޔާދު (މުޖުތަމައަށް ފައިދާހުރި އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފް ކުރުން)

24- އިބްރާހިމް ރަޝީދު، ގ. ތަލްވާރުގެ (ޕާފޯމިން އާޓްސްގެ ދާއިރާއިން، ފިލްމާއި ޑްރާމާ ކުޅުމާއި މީހުން ތަމްރީން ކުރުމާއި ސްކްރިޕްޓް ލިޔުމުގެ ރޮނގުން)

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 23 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދީފައިވެ އެވެ. އަދިި ޚާއްސަ މެޑަލް ވެސް މި ޖަލްސާގައި ދީފައިވެ އެވެ. އެގޮތުން މެޑެލް ދިނީ ކީރިތި ގުރްއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރި ހަތް ބޭފުޅަކަށާއި 2016 ގައި ބޭއްވި ސާނަވީ އިމްތިހާނާއި މި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ. އަދި ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ސްކައުޓުންނަށާއި ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް އެ ޝަރަފު ދިނެވެ.