ޖިންސީ ގޯނާގެ ޝިކާރައަކަށްވެ ނަފްސާނީ މައްސަލަތަކުގެ ސަބަބުން މުޅި އުމުރަށް ނުތަނަވަސް ކަމުގައި އުޅެން ޖެހުމަކީ ރާއްޖޭގައި އާ ވާހަކައެއް ނޫނެވެ. ނަމަވެސް އެފަދަ ހާދިސާއެއްގެ ސަބަބުން ދިވެހި އަންހެން ކުއްޖަކަށް ނުހިނގި އަދި ހަނދާންތައް ފޮހެވިގެން ދިޔަ ވާހަކައެއް ނާހަމެވެ. އޭނާއަށް އެކަން ދިމާވީ ބައްޕަ އާއި ދޮންބައްޕަގެ އިތުރުން ކާފަގެ ޖިންސީ ޝިކާރައަކަށްވެ، ލިބުނު ނަފުސާނީ ބޮޑު ޝޮކްގަ އެވެ.
މާލެއަށް އުފަން އަަންހެން ކުއްޖާގެ އުމުރުން ހަ މަހުގައި މަންމަ އާއި ބައްޕަ ވަކިވެއްޖެ އެވެ. ބޮޑުވަމުން އައީ މައްސަލަތައް އިންތިހާއަށް އޮތް މަންމަގެ އާއިލާއާ އެކު އެވެ. ބައްޕަގެ އެހީތެރިކަން ނެތުމުން އޭނާ ހުރީ އާއިލާގެ ތެރޭގައި ވެސް ބާކީވެފަ އެވެ. އެހެން ހުއްޓާ ކުރިމަތިވާން ފެށީ ޖިންސީ އަނިޔާ އެވެ.
އޭނާގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ އުމުރުން ފަސް ވަރަކަށް އަހަރުގައި އޭނާގެ ބައްޕަ ފަރާތު ކާފަގެ ޖިންސީ ގޯނާތަކެވެ.
އުމުރުން ހަތަރު އަހަރުގައި އޭނާގެ މަންމަ އެހެން ރަށެއްގެ މީހަކާ ކައިވެނިކުރި އެވެ. ދޮންބައްޕަގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުނެވެ. އުފާވެރި ދިރިއުޅުމެއް އުޅެވެން ފެށި އެވެ. ނަމަވެސް މުޅި އާއިލާ ތެރޭގައި އޮތް ހަމަނުޖެހުންތަކާ އެކު އޭނާގެ ނުތަނަވަސްކަން ބޮޑުވެ އެވެ. ބޮލުގައި ރިއްސުމާއި އެކަނިވެރިވުން ފަދަ ކަންކަން ދިމާވި އެވެ. އަނބުރައިގަނެގެން އެއް ދުވަހަކު ކްލާސް ތެރެއަށް ވެސް ވެއްޓުނެވެ.
"އަސްލު މިހާރު އިނގޭ ޑިޕްރެސް ވެގެންކަން ވެއްޓުނީ. އެކަމަކު އޭރު މަންމަމެން ނިންމީ އެއީ ޖިންނި ބަލި ކަމަށް. އެހެންވެ ދޮން ބައްޕައާ އެކު ބޭހަށް [ރަށަކަށް] ފޮނުވީ،" އޭނާ ކިޔައިދިނެެވެ.
ދޮން ބައްޕަ ކުރީ ރޭޕް!
މާލެއިން ބޭރަށް ގޮސް މިނިވަން މާހައުލެއްގައި އަދި އެއް އުމުރެއްގެ ކުދިންތަކަކާ އެކު އުޅެން ލިބުމުން އެ ދަތުރު އޭނާއަށް ފުރަތަމަ ވީ ބޮޑު އުފަލަކަށެވެ. މާލެ އައުމުގެ ވިސްނުމެއް ވެސް ނެތެވެ. މަންމަމެންގެ މަތިން ހަނދާނެއް ވެސް ނުވެ އެވެ. އެކަމަކު ދެން ދިމާވީ މާ ބިރުވެރި ކަމެކެވެ؛ އެއް ރޭ ދޮން ބައްޕަ އޭނާ ރޭޕްކުރީ އެވެ.
"އެރަށަށް ގެންގޮސް ބޭހެއް ނުކުރޭ އެކަމަކު މަޖާވީމަ އަހަރެން ވެސް އަޅައެއް ނުލަން،" އަންހެން ކުއްޖާ ކިޔައިދިނެވެ.
"އެއް ރޭ ދޮންބައްޕަ ގެންނަނީ ޖޫސް ތައްޓެއް. ގެނެސް ބުނީ މިއީ ބޭސް ކުރާ މީހަކު ދިން އެއްޗެކޭ. މީތި ބޯލާށޭ. ބުނީމަ ބޯލީ. ބޯލިތަނާ ވީ ގޮތެއް ނޭނގުނު. ހޭލެވުނު އިރު އަހަރެން ގަޔަކު އެއްވެސް ހެދުމެއް ނެތް. ދޮން ބައްޕަ އޮތް ކައިރީގައި ހަމަ އެއްވެސް އެއްޗެއް ނުލާ. ދެން އެނގުނީ ގޯހެއް ހިނގީކަން،" އުމުރުން 11 އަހަރުގައި ހިނގި ހާދިސާގެ ހަނދާންތައް އާކުރަމުން އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ދޮންބައްޕަ އޭނާ ރޭޕްކުރިކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުއްޓެވެ. އެ ހުތުރު އަމަލް ސިއްރުކުރަން ދޮންބައްޕަ ވަރަށް މަސައްކަތްކުރި އެވެ. އެކަން ތަކުރާރު ނުވާނެ ކަމަށް ބުނެ އޭނާ އަނބުރާ މާލެ ފޮނުވީ އެވެ.
މާލެ އައިސް މަންމަ އަށް އެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި މަންމަ ފުލުހުންނަށް އަންގައިގެން ދޮންބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރި އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ ހަ އަހަރަށް ޖަލަށް ވެސް ލި އެވެ.
އެ ހިސާބުން އަނެއްކާވެސް މަންމަ އެކަނިވެރިވީ އެވެ. އަދި މަންމަގެ އަމަލުތައް ވެސް ބަދަލުވި އެވެ.
"އަސްލު މަންމަ ގަބޫލުކުރީ މަންމަގެ ދިރިއުޅުން ހަލާކުވީ އަހަންނާ ހެދިއޭ. އެހެންވެ މަންމަ ހުންނަނީ އަހަންނާ ދޭތެރޭ ހިތްހަމަނުޖެހިފައި އޭރުން ފެށިގެން،" އަންހެން ކުއްޖާ ބުންޏެވެ.
އޭނާގެ ރޭޕްގެ ހަގީގަތް މަންމަގެ މުޅި އާއިލާއަށް އެނގުމުން އޭނާ ލޭބަލްވީ ޖިންސީ އަނިޔާ ލިބުނު ކުއްޖެއްގެ ގޮތުގަ އެވެ. އާއިލާގެ އެހެން މީހުން އޭނާ ބާކީކުރި އެވެ. އިހުތިރާމް ނުލިބޭ ކުއްޖަކަށް ވެގެން ދިޔަ އެވެ. އާއިލާ ތެރޭގައި މައްސަލަތައް ޖެހެން ގިނަވުމުން މަންމަ ނިންމީ އޭނާގެ ބައްޕަ ކަރިއަށް ފޮނުވާލާށެވެ.
ބައްޕަ ކައިރިން ލިބުނު ހިމާޔަތެއް ނެތް
އެހިސާބުން އަނެއްކާވެސް ދިރިއުޅުމަށް އައީ ބޮޑު ބަދަލެކެވެ. މަންމައާ ވަކިން ބައްޕަ އާއި ދޮންމަންމައާ އެކު އުޅެން ޖެހުނީ އެވެ. ބައްޕަމެން ގޭގައި އުޅެމުން ދިޔައީ ބައްޕަ އާއި ދޮން މަންމަގެ އިތުރުން ދޮންމަންމަގެ ކުދިންނާ އެކު އެއް ކޮޓަރިއެއްގަ އެވެ. އެ ދަތި ދިރިއުޅުމުގައި އޭނާގެ ހިތް ހަލާކުވީ ރައްކާތެރިކަން ލިބޭނެ ކަމަށް ބެލި ބައްޕަ އޭނާއަށް ޖިންސީ ގޯނާކުރަން އުޅުމުންނެވެ.
"ދޮންމަންމަ ސުކޫލަށް ކޮއްކޮމެން ލާން ދިޔަ ގަޑިއެއްގައި ބައްޕަ ބެހެން އުޅުނީ. ދެން ގަދަކަމުން ވެސް ކަމެއް ނުވީމަ ބުނަނީ ނޫޅެމޭ ބެހޭކަށް. އެހެން ކިޔާފައި އެ ވާހަކަ ނުދައްކަން ބުނެ 500 ރުފިޔާ ދިނީ،" އަންހެންކުއްޖާ ބުންޏެވެ.
ބައްޕަގެ އެ އަމަލް ބައްޕަގެ ތިމާގެ މީހުން ކައިރީ އޭނާ ކިޔައިދިނެވެ. ނަމަވެސް އެމީހުން އޭނާއަށް ނަސޭހަތްދިނީ އެކަން ސިއްރުކުރުމަށް ބުނެ އެވެ. ސަބަބަކީ ގެއިން ބޭރުކޮށްފި ނަމަ އޭނާ ދާނެ އެހެން ތަނެއް ނެތުމެވެ. އެހެންކަމުން މަންމައަށް ވެސް އެކަން ނާންގާ އޭނާ ދިރިއުޅެން ފެށީ އެވެ.
ޖިންސީ ގޯނާތަކާ ހެދި އޭނާއަށް ކިޔެވޭ ގޮތެއް ނުވި އެވެ. ސުކޫލުގެ އަޑުގަދަ ކުދިންގެ ތެރޭގައި އޭނާ ހިމެނުނެވެ. ކިޔެވުމާ ދުރުވި އެވެ. ފިލާވަޅުތައް ނުނިންމުމާއި ޓެސްޓް ނުހަދައި އުޅެން ފެށުމުން އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ސްކޫލްގެ ބައެއް މީހުންނަށް ފާހަގަކުރެވުނެވެ.
"ޕްރިންސިޕަލް އޮފީހަށް ގެންދިޔައީ. ދެން އެމީހުން ވަރަށް އެހީމަ ވީ ގޮތް ކިޔައިދިނީ. ދެން ސުކޫލުން ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ކުލާސް ކުއްޖެއްގެ ގެއަށް ފޮނުވީ،" އޭނާ ބުންޏެވެ.
އޭނާގެ ހާލަތު މަންމައަށް އަނެއްކާ އެނގުނީ އެހިސާބުންނެވެ. މަންމަ އެ މައްސަލަ ނެގި އެވެ. އެކަމަކު ބައްޕަގެ އާއިލާގެ މީހުން ދޮގުހެދުމުން މައްސަލަ ސާބިތުކުރެވޭ ގޮތެއް ނުވި އެވެ.
އަންހެން ކުއްޖާ އޭރު ހުރީ ދުނިޔެ މަތިން ފޫހިވެފަ އެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުންދޭން މަސައްކަތް ކުރި އެވެ. އެގޮތަށް އުޅެން ފެށުމުން އަނެއްކާވެސް އޭނާ މަންމަ ކައިރިއަށް ބަދަލުކުރި އެވެ.
ނަފުސާނީ ގޮތުން އަންހެން ކުއްޖާއަށް ލިބިފައި ހުރި ގެއްލުންތަކަށް ފަރުވާއެއް ނުލިބެ އެވެ. ގުރޭޑް ނުވައެއްގައި ތައުލީމް ހާސިލްކުރަމުން ދަނިކޮށް އޭނާ މާ ބޮޑަށް ބަލިވި އެވެ. އެ ހާލަތަށް އޭނާ ވެއްޓުނީ، ޖިންސީ ފުރައްސާރަތަކާ ހެދި ސިކުނޑިއަށް ލިބުނު ޝޮކްގަ އެވެ. އޭނާއަށް ނުހިނގޭ ގޮތް ވި އެވެ. ހަނދާންތައް ނެތުނެވެ. އައިޖީއެމްއެޗްގައި 14 ދުވަހު ބޭއްވި އެވެ. އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔަ އެވެ. އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ލިބުނު ފަރުވާތަކާ އެކު އޭނާ ހަމަޔަކަށް އެޅުނީ އަހަރެއްހާ ދުވަސް ފަހުންނެެވެ.
މުޖުތަމައުއަށް ކުރާ އިލްތިމާސް
މިހާރު އޭނާ އުޅެނީ މީހަކާ އިނދެގެންނެވެ. ދަރިއަކު ވެސް ވަނީ ލިބިފަ އެވެ. އެކަމަކު ކުޑައިރު ކުރިމަތިވި ގޯނާތަކުގެ އަސަރުތަކުން އޭނާ ސަލާމަތެއްނުވެ އެވެ. މީހުންނަކަށް އިތުބާރެއް ނުކުރެވެ އެވެ. މާޔޫސްވުމުގެ މައްސަލަ ބޮޑެވެ.
އޭނާ ބުނާ ގޮތުގައި ޖިންސީ ގޯނާތަކުގެ ޝިކާރައަކަށް ވާ ކުދިންނަށް މުޖުތަމައުން ލިބެން ޖެހޭ ރައްކާތެރިކަން އަދިވެސް ނުލިބެ އެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން އެނގޭ ހިސާބުން އެހެން މީހުން ބަލަނީ ފައިދާއެއް ނެގޭތޯ ކަމަށް އޭނާ ދެކެ އެވެ. އަދި އެފަދަ ކުދިންނާ މެދު ތިމާގެ މީހުން ދެކެނީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް ވެސް ބުންޏެވެ.
"އަސްލު ވިކްޓިމް ކުށްވެރިވެ ބޭޒާރުވަނީ އޭނާގެ ކުށަކާ ނުލާ. އޭނާ ބޭނުންކޮށްގެން ފައިދާ ނަގަން މީހުން ވިސްނަނީ. އަދި އެއްވެސް އިހުތިރާމެއް ނުކުރޭ،" އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
އޭނާ ބުނާ ގޮތުގައި ޖިންސީ ގޯނާތަކާ ކުރިމަތިވާ ކުދިންނަށް މުޖުތަމައުގެ އަޅާލުން ވަރަށް މުހިންމެވެ. އެހެން ނޫނީ އެ ކުދިން ތަހައްމަލްކުރާ އަނިޔާތަކުން ދުވަހަކު ވެސް ސަލާމަތްނުވެވޭނެ ކަމަށް ބުންޏެވެ.