ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމަކީ ބަޣާވާތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ސިފަ ކުރެއްވިޔަސް އެއީ ބަޣާވާތެއް ނޫން ކަމަށާއި އެ މެމްބަރުން އަދާކުރީ ގާނޫނީ ޒިންމާ ކަމަށް، ޕާޓީ ބަދަލުކުރި މައްސަލާގައި މެމްބަރުކަމުގެ ގޮނޑި ގެއްލުނު މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް މިހާތަނަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕީޕީއެމްގެ އެތެރޭގެ ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މެމްބަރުންތަކެއް ޕާޓީން ވަކިވުން ކަމަށެވެ. އަދި އެއީ ބަޣާވާތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ޕީޕީއެމުން ވަކިވުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތު ވިދާޅުވީ ޕީޕީއެމުން ވަކިވުމަކީ ބަޣާވާތެއް ކަމަށް އެއްވެސް ގާނޫނެއްގައި ލިޔެފައި ނެތް ކަމަށެވެ. އަދި ޕާޓީން ވަކިވުމަކީ ބަޣާވާތެއް ކަމަށް ރައީސް ސިފަ ކުރައްވާއިރު، ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެކި ޕާޓީތަކުގެ 15 މެމްބަރަކު ޕީޕީއެމަށް ގެންދިޔަ ކަމަށާއި އެހެންވެ އެއީ ވެސް ބަޣާވާތަކަށް ވާނެ ކަމަށް އަމީތު ވިދާޅުވި އެވެ. އަދި އެކަން ތަކުރާރު ކުރާ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
"ޖުމްލަ 15 މެމްބަރުން ހަތަރު އަހަރު ތެރޭގައި ޕީޕީއެމަށް ސޮއިކުރި އިނގޭތޯ. އެއީ މިހާރު ޕީޕީއެމުން ބޭރުވެގެން މި އުޅޭ މެމްބަރުންނަށް ވުރެ ވެސް ގިނައިން،" އަމީތު ވިދާޅުވި އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުން މިހާރު ވެސް ތިއްބެވީ ޖަލެއްގައި ކަމަށާއި އެއިން މެމްބަރަކަށް މިނިވަންކަމެއް ނެތް ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ގިނަ މެމްބަރުން ޕީޕީއެމްގައި ތިބެން މިހާރު ވެސް ބޭނުން ނުވާ ކަމަށާއި އެކަން ރައީސްގެ ވާހަކަފުޅުން ވެސް ސާފުވެގެންދާ ކަމަށް އަމީތު ވިދާޅުވި އެވެ.
"ކުޅުދުއްފުށީގައި މި ބޭއްވި ދަރުބާރު ފެކްޝަންގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އެއްބަސްވެ ވަޑައިގެންފި އެ ޕާޓީ ދޫކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދިވެސް ވަޑައިގަންނަވާނެ ކަމަށް. ހަގީގަތް ގަބޫލު ކުރެއްވީތީ އަޅުގަނޑުމެން އުފާ ކުރަން،" އަމީތު ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ސައުދު ހުސައިން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ޕީއޭ ކިޔާ ޕާޓީއަކުން ވަޑައިގަތް ބޭފުޅުން ކަމަށެވެ. އެއީ ބަޣާވާތަކަށް ނުވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ. ޕީޕީއެމްގައި ތިބެގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި އެ މެމްބަރުން ސޮއިކުރީ ގާނޫނީ އިމުގެ ތެރެއިން ކުރި މަސައްކަތެއްގެ ދަށުން ކަމަށާއި އެކަން ބަޣާވާތަކަށް ވާންޖެހޭ ސަބަބެއް ނެތް ކަމަށް ސައުދު ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރާ މަސައްކަތަކީ ބަޣާވާތެއްގެ ގޮތުގައި ސިފަކުރާ ސިފަ ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި އަޅުވާ އިލްޒާމެއް. ހުވައެއް ކޮށްގެން އަޅުގަނޑުމެން ތިބެނީ. ޕެނަޑޯލް ބަންދުކުރާކަށް ނޫން އަޅުގަނޑުމެން ތިބެން ޖެހޭނީ،" ސައުދު ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މެމްބަރުން އަދާކުރީ ގާނޫނު އަސާސީން މެމްބަރުންނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. މެމްބަރުންގެ ޒިންމާއެއް އަދާކުރުމަކީ ބަޣާވާތެއް ކަމަށް ވަނީ ކިހިނަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަކީ ބަޣާވާތެއް ކަމަށް ވަންޏާ ބަޣާވާތުގެ ވާހަކަ އޮތީ ގާނޫނު އަސާސީގައި ލިޔެފައި ނޫންތޯ އޭނާ ސުވާލު އުފެެއްދެވި އެވެ.
"ގާނޫނު އަސާސީގައި ދިވެހި ބަހުންނޭ އެ އޮތީ ލިޔެފައި. ދިވެހި ބަހުން ލިޔެފައި އޮތް އެއްޗެއް އެ ނޫން ގޮތަކަށް ވާހަކަ ދައްކައި، މަޖިލިސްގެ ބާރު ކަނޑުވަމުންދާއިރު ކޮބައިތޯ މަޖިލިސް މެމްބަރުން؟." ވައްޑެ ވިދާޅުވި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނެވި ސައުދުﷲ ހިލްމީ ވިދާޅުވީ ޕާޓީން ވަކިވި ކަމަށް ބުނެ ގޮނޑި ގެއްލުނު 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެކަމުގައި އަމަލު ކުރަނީ ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ކަމަށެވެ. ގޮނޑި ގެއްލުނު 10 މެމްބަރުންނަކީ ވެސް ކުރިން ޕާޓީން ވަކިވެފައި ތިބި މެމްބަރުން ކަމަށާއި އެހެންވެ، އެ ހުކުމުގެ ދަށުން އެ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދޭތެރޭ ވެސް އެ ބޭފުޅުން އެބަހުރި ފިޔަވަޅު އަޅުއްވާފައި. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން. ހަމަ އިލެކްޝަންސް ކޮމިޝަން އެކަމެއް ނޫންތޯ މި ކުރަނީ؟، ސުޕްރީމް ކޯޓުގެ އަމުރާ ކަނޑައެޅިގެން ޚިލާފަށް މިހާރު މި އަމަލުކުރަނީ،" ސައުދުﷲ ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ރައީސް ޔާމީނަށް އެއްވެސް ތާއީދެއް މިހާރު ނެތް ކަމަށާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ވެސް އެމަނިކުފާނަށް ދައްކަނީ ދަޅަތަކެއް ކަމަށެވެ. ސަރުކާރުގެ ހުރިހާ ކަމެއް ވެސް ހިނގަނީ އަޑި ނޭނގޭ ގޮތްތަކަކަށް ކަމަށާއި މުޅިން އޮތީ ފަސާދަ އާއި ކޮރަޕްޝަން ކަމަށް އޭނާ ވިދާޅުވި އެވެ. ތަރައްގީގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަދުނެއް ކަމަށާއި އެކަން ރައްޔިތުން ވެސް މިހާރު ގަބޫލުކުރާ ކަމަށް އޭނާ އޭނާ ސިފަ ކުރެއްވި އެވެ.