މަގޫދޫ ފަޅުތެރޭން 55،000 މުށިމަސް ހިފައިފި

ފ. މަގޫދޫ ފަޅުތެރޭން ގިނަ އަދަދެއްގެ މުށި މަސް ހިފިތާ މާގިނަ ދުވަހެއް ނުވެ މިއަދު ފަޅުތެރެއަށް ވަތް ގިނަ އަދަދެއްގެ މުށިމަސް ރައްޔިތުން ނިކުމެ ހިފައިފި އެވެ.


މަގޫދޫ ކައުންސިލުން ބުނިގޮތުގައި މިއަދު ހެނދުނު 6:30 އިރު ރަށުގެ ފަޅުތެރެއަށް ވަން މި މުށިމަސްތައް ހިފީ ދާ ޖަހައިގެންނެވެ. މިއީ މި އަހަރު މަގޫދޫ ފަޅުތެރޭން މިގޮތަށް މަސް ހިފި ތިން ވަނަ ފަހަރެވެ. މިއަދު 55،000 މުށިމަސް ހިފި އެވެ.

މީގެ ދެތިން މަސް ކުރިން އެ ރަށު ފަޅުތެރޭން 27،000 މުށި މަސް ހިފި އިރު، މިދިޔަ ހަފުތާގައި ވެސް ވަނީ ބޮޑު މުށިމަސް އައިނެއް ފަޅުތެރެއަށް ވަދެފަ އެވެ. އެކަމަކު ރައްޔިތުން އެއްލި ދަލުގައި އެއްވެސް މަހެއް އެ ފަހަރަކު ނުޖެހުނެވެ.

މަގޫދޫ ކައުންސިލް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވި ގޮތުގައި އާއްމުގޮތެއްގައި އެގޮތަށް ހިފާ މަސް ބަހާނީ މަސް ހިފަން މޫދަށް އެރޭ މީހުންނަށް ހަތަރުބައިކުޅަ ތިން ބައި ލިބޭ ގޮތަށެވެ. އަދި ބާކީ ބައި ރަށުގެ އެހެން ރައްޔިތުންނަށް ދޭން ޖެހެ އެވެ. އެގޮތުގެ މަތިން މި ފަހަރު ވެސް މަސް ހިފުމުގައި ބައިވެރިވި ކޮންމެ މީހަކަށް 200 މަސް ލިބުނު އިރު، ރަށުގެ ކޮންމެ ގެއަކަށް 15 މަސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަށުގެ ފަޅުތެރެއަށް މިގޮތަށް ރާގޮނޑި މަސް އައިންތައް ވެސް ވަރަށް ގިނައިން ވަދޭ. މިއީ ﷲ އަޅުގަނޑުމެންނަށް ދެއްވާ ރިޒުގެއް ކަމަށް ދެކެނީ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ، މިގޮތަށް މަސް ހިފުމުގައި ބައިވެރިވުމަކީ ރަށުގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މީގެ ދެތިން އަހަރު ކުރިން މަގޫދޫ ފަޅުތެރެއަށް 72،000އަށް ވުރެ ގިނަ މުށި މަސް ވަނީ ވަދެފަ އެވެ.