ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ މިހާރު މަޖިލީހުގެ ރައީސް ނޫންކަން ހާމަކޮށްދެއްވުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ބައިނަލްއަގުވާމީ ކެމްޕެއިނެއް ފައްޓަވައިފި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮއާ އެކު މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ފޭލްކޮށްލީ، ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. ޕީޕީއެމްގެ އެދުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެ ނިންމުމާ އެކު، މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި، އެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ.

އެކަމަކު އޭގެ ފަހުން އިދިކޮޅު މެމްބަރުން ގެންދަވަނީ މަސީހުގެ ރިޔާސަތުގައި ޖަލްސާތައް ބާއްވަން ދެކޮޅުހައްދަވަމުންނެވެ. އެގޮތުން ރިޔާސަތުގެ މޭޒު ކައިރީގައި ތިއްބަވައިގެން އަޑުގަދަކުރައްވަން ފެށުމުން މިހާރު ވަނީ ރިޔާސަތު ހިމެނޭ ސަރަހައްދުގައި ލަކުޑި ފާރެއް ލައިފަ އެވެ.

މި ވަގުތު އާއިލާއާ އެކު ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރައްވަމުން ގެންދަވާ މަހުލޫފް ވަނީ އޮސްޓްރިއާ އާއި ސުވިޒަލެންޑް އަދި އިޓަލީގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުވުންތަކުގައި މަސީހާ ގުޅޭ ލިޔުމެއް ދެއްވަ އެވެ. އޭގައި މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މެމްބަރުންގެ ތަފްސީލާއި ސޮއި ވެސް ހިމެނެ އެވެ.

މަސީހަކީ މަޖިލިސް ރައީސް ނޫން ކަމަށް ބުނެ ބަހަމުން ދާ ޕޯސްޓަރު--
މަސީހަކީ މަޖިލިސް ރައީސް ނޫން ކަމަށް ބުނެ ބަހަމުން ދާ ޕޯސްޓަރު--

މިވަގުތު އިޓަލީގައި ހުންނެވި މަހުލޫފް ވިދާޅުވީ އެކި ބައްދަލުވުންތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ ގައުމުގެ މަޖިލިހުގެ މެމްބަރުންނާ ބައްދަލުކުރައްވައި މަސީހުގެ ހަގީގަތާއި ރާއްޖޭގައި އިދިކޮޅު މެމްބަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށެވެ.

"މަސީހަކީ ގަދަކަމުން އެމަގާމަށް އަރާ އިން މީހެއްކަން ބުނެދިނުމަށް ހިންގާ ކެމްޕެއިނެއް މިއީ. ދެން ރާއްޖޭގައި މި ހިނގާ ކަންކަން ވެސް ބުނެދެން. ގިނަ މެމްބަރުންނަށް އެނގޭ މިކަންކަން،" މަހުލޫފް ވިދާޅުވި އެވެ.

މަސީހަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް ބުނެ މަހުލޫފް ހިންގަމުންދާ ކެމްޕެއިން-=- ފޮޓޯ؛ މަހުލޫފް
މަސީހަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް ބުނެ މަހުލޫފް ހިންގަމުންދާ ކެމްޕެއިން-=- ފޮޓޯ؛ މަހުލޫފް

އޭނާ ވިދާޅުވީ ޔޫރަޕްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންނަށް ވެދެއްވެން ހުރި އެހީއެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް "ޓުރެވަލް ބޭން" ނެރުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު މޮނީޓަކުރަން ދުރާލާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ބޭފުޅުން ދެއްވާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މިލާންގައި ކުރިއަށްދާ ޕާލަމެންޓޭރިއަން ފޯ ގުލޯބަލް އެކްޝަންގެ ބައްދަލުވުމުގައި މަހުލޫފް ބައިވެރިވެވަޑައިގަނެ އެވެ. އަދި ޑިމޮކްރަސީގައި އިދިކޮޅު ޕާޓީގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.