ރައްޔިތުންގެ މަޖިލީހަކީ އާދައިގެ މުއައްސަސާއެއް ނޫނެވެ. އެއީ ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ގާނޫނުތައް ހެދުމާއި ސީދާ ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގެ ބާރު އޮތް ތަނެވެ. ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މަގާމުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފިޔަވައި، ދެވަނަ އަށް އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުން އޮވެގެން އިންތިޚާބު ކުރަނީ މަޖިލިސް މެމްބަރުންނެވެ. ކުރުކޮށް ބުނާ ނަމަ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ އެންމެ ބޮޑު ބާރެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އާދައިގެ ކަމެއް ނޫނެވެ. ސަބަބަކީ އެއިން ކޮންމެ ގޮނޑިއެއްގައި އިންނަވަނީ 5،000 ރައްޔިތުން ތަމްސީލުކުރައްވާ މެމްބަރެކެވެ. ކުރިން ނަމަ މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ ވަރަށް ބޮޑު ކަމެކެވެ. ގޮނޑިއެއް ހުސްވާ ހިސާބުން، ސިޔާސީ ޕާޓީތަކުގެ މެދުގައި އެ ގޮނޑިއަކާ މެދު ވާދަވެރިކަން ބޮޑުވެ، ދައުލަތުގެ އިދާރާތަކުން މަސައްކަތް ފަށަނީ އަވަހަށް އިންތިޚާބު ބާއްވައި، އެ ގޮނޑިއަކަށް މީހަކު އިންތިޚާބު ކުރުމަށެވެ.

އެކަމަކު މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިތާ އެތައް ދުވަހެކެވެ. އެ ގޮނޑިތަކަށް މީހުން އަލުން އިންތިޚާބު ކުރުމަށް މާ ބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ. ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެގެން ދިޔައިރު ވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަނުކޮށް، މުއައްސަސާތައް ތިބީ ހިމޭނުންނެވެ. ކޮން ފަދަ ބޮޑު ފަރުވާކުޑަވުމަކާއި ގާނޫނުއަސާސީއާ ހިލާފުވުމެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ އެ ގޮނޑިއެއްގެ އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި އޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ. އެ މާއްދާ ބުނާ ގޮތުން ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި، އެ ގޮނޑިއަށް މީހަކު އިންތިޚާބު ކުރަން ޖެހޭނެ އެވެ.

އެ މާއްދާ ބުނާ ގޮތުން އިންތިޚާބު ބާއްވަން ނުޖެހޭނީ އެންމެ ހާލަތެއްގަ އެވެ. އެއީ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބާ ދެމެދު ހަ މަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތުމެވެ. އެކަމަކު މަޖިލީހުގެ ދެން އަންނަ ދައުރަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ 2019 ވަނަ އަހަރު ކަމަށް ވާތީ، މި ހާލަތު ނެތްކަން ވަރަށް ސާފެވެ. އެހެންވެ، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ގާނޫނީ ގޮތުން ލާޒިމެވެ.

ނަމަވެސް އިންތިޚާބު ނުބޭއްވި އޮއްވާ ގާނޫނު އަސާސީގައި އެ ބުނާ މުއްދަތު ވެސް ހަމަވެގެން ދިޔައީ އެވެ. އެކަމަކު އަދިވެސް ބައި އިލެކްޝަނުގެ ހިލަމެއް ވެސް ނެތެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާން ކުރަން ގާނޫނު ލާޒިމްކުރޭ --- ފޮޓޯ/މިހާރު
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާން ކުރަން ގާނޫނު ލާޒިމްކުރޭ --- ފޮޓޯ/މިހާރު

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބުނެފައިވަނީ އިދާރީ ކަންކަން ނިމުމާ އެކު ބައި އިލެކްޝަން އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫނެވެ. ގޮނޑިއެއް ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ބައި އިލެކްޝަން އިއުލާން ކުރުމަކީ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ ށ. ބުނާ ގޮތުން ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެ އެވެ. އެގޮތަށް ބައި އިލެކްޝަން އިއުލާން ކުރާއިރު އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 13 ވަނަ މާއްދާގެ ށ. ގައި ބުނާ ހުރިހާ މައުލޫމާތެއް ވެސް އެ އިއުލާނުގައި ހިމަނަން ޖެހެ އެވެ. އޭގެ ތެރޭގައި އެ އިންތިޚާބެއް ބާއްވާނެ ތާރީޚު ވެސް ހިމެނެ އެވެ.

އެހެންވެ، ބައި އިލެކްޝަން ބާއްވާނެ ކަމަށް ބުނުމަކުން އަދި ނިމުނީކީއެއް ނޫނެވެ. ގާނޫނުގައި ބުނާ ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާން ކުރަން ވެސް ޖެހޭނެ އެވެ. އަދި ބައި އިލެކްޝަން ބާއްވާނެ ކަމަށް ބުނެލުމަކީ ގާނޫނުގައި އޮތް ގޮތުގެ މަތިން ބައި އިލެކްޝަން އިއުލާން ކުރީ ކަމަކަށް ވެސް ނުބެލެވޭނެ އެވެ. ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އިއުލާން ނުކުރާއިރު ވާދަކުރުމުގެ ފުރުސަތު ވެސް މިއަދާ ހަމައަށް ހުޅުވައެއް ނުލަ އެވެ.

މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާ ބުނާ ގޮތުން ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ގާނޫނެއްގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ނަމަ އެއީ އެ ގާނޫނަކުން އުފައްދާ "ބަރީއަވުމެއް ނެތް ވާޖިބެއް އަދި އިލްތިޒާމެއް" ކަމަށް ބަލަންވާނެ އެވެ. އެހެންވެ، ގާނޫނު ބުނާ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް އިންތިޚާބު ނުބޭއްވި އަދި ބައި އިލެކްޝަން އިއުލާން ނުކުރެވި އޮތުމަކީ ގާނޫނާ ޚިލާފަށް ކުރެވޭ ކަމަކަށް ނޫނީ ނުވާނެ އެވެ.

މިހާރު ގޮނޑި ހުސްވެފައި ވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ދާއިރާތަކުންނެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބަލާއިރު ވެސް، އެ ހުކުމުގެ ދަށުން ގޮނޑި ހުސްވާ ދާއިރާތަކުގެ ބައި އިލެކްޝަންތައް ކުރިން ދެންނެވި މުއްދަތުތަކުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށް ސާފު އިބާރާތުން ބުނެފައިވެ އެވެ. އަދި އެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކަށް ލާޒިމްވާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

"މިގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމާ ގުޅިގެން ގާނޫނު އަސާސީގެ 78 ވަނަ މާއްދާ އާއި (ގާނޫނު ނަމްބަރު) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ށ. ގައި ވާ ގޮތުގެ މަތިން ބައި އިލެކްޝަން ބާއްވަން ވާނެ ކަމަށް" ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ވެސް މި އޮތީ މިހާ ސާފުކޮށެވެ. އެއީ ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ބައި އިލެކްޝަންތައް ބާއްވަން ޖެހޭނެ ކަމެވެ. މިހާ ސާފުކޮށް، ގާނޫނު އަސާސީ އާއި ގާނޫނުގައި އަދި ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައި އޮތްއިރު ބައި އިލެކްޝަން ނުބޭއްވިގެން އުޅޭ ސަބަބާ މެދު ސުވާލު އުފެދެ އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް އިންތިޚާބުތައް ފަސްވެފައި އެބަ ހުއްޓެވެ. ނަމަވެސް އޭރު ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަސްވީ އެކަމުގައި ގާނޫނީ ސަބަބުތަކެއް ވެސް ހުރުމުންނެވެ. ރާއްޖޭގައި 2013 ގައި އޮތް ރިިޔާސީ އިންތިޚާބު ފަސްވީ އެ އިންތިޚާބުގައި މައްސަލަތަކެއް ހުރި ކަމަށް ސުޕްރީމް ކޯޓަށް ފާހަގަވުމުން އެ އިންތިޚާބު އަލުން ބާއްވަން ކުރި ހުކުމާ ގުޅިގެންނެވެ. ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ފަސްވީ އެ އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެކަމަކު މިހާރު ގޮނޑި ހުސްވެފައިވާ ދާއިރާތަކުގެ އިންތިޚާބު ނުބާއްވައި، ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ.

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގައި ސާފުކޮށް ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ކަމެއް ނުކޮށް ލަސް ކުރަމުންދާތީ، ދައުލަތުގެ އެއް ބާރުގެ ގޮނޑިތަކެއް މިއޮތީ ހުސްވެފަ އެވެ. މިކަމާ މެދު ދައުލަތުގެ އެއްވެސް އިދާރާއަކުން ކަންބޮޑުވެގެން އުޅޭ ތަނެއް ވެސް ނުފެނެ އެވެ. އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއަކަށް ވާތީ އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށެވެ. އެކަމަކު ޚުދު މަޖިލީހުގެ މަސްލަހަތާ ވެސް ގުޅިފައިވާ މިފަދަ ބޮޑު ކަމެއް ދިމާވެފައިވާއިރު، ސަރުކާރުން ކޮންޓްރޯލްކުރާ މަޖިލީހުން އެ ޒިންމާ އަދައެއް ނުކުރެ އެވެ.

މިހާރު މި އޮތް ހާލަތަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތައް ވެއްޓިފައެއް ނުވެ އެވެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފުވާ އިރު ވެސް ހިމޭނުންނެވެ.