އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވި އެވެ.
ދީދީ ވިދާޅުވީ އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ މީހާ އެނގޭނެހެން އިތުރު ފާހަގައެއް ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރު ކަން ގެއްލޭ ކަމަށެވެ. އިސްލާހު ހުށަހެޅުއްވީ އިންތިހާބުތަކުގައި ލާ ވޯޓަކީ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސިއްރު ވޯޓު ކަމުގައި ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދީދީ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ދީދީ ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ. މި އިސްލާހު ބަލައިގަތީ 44 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ އިސްލާހުގައިވާ ގޮތުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަން ވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ކަރުދާހުގައި އިންތިހާބު ކުރަން ޖެހޭ ކެންޑިޑޭޓުންނަށް ވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައި ކަމަށާއި އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައި ކަމަށް ވެސް ދީދީ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލް ނައްސެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އޭގެ އިތުރުން ފުލުހުން ކަނޑުމަތީގައި ބޭނުންކުރާ ލޯންޗުފަހަރު، ކަނޑުގައި އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން އިސްތިސްނާ ކުރުމަށާއި ރާއްޖޭގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ އަދަދު ބޮޑު ކުރުމަށް ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު ބަލައިގަނެ އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ. މި ދެ އިސްލާހު ވެސް މަޖިލީހަށް ބަލައިގަތީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.