ވޯލްޑް ބޭންކުގެ ދިރާސާއެއްގައި ސިޔާސީ ސުވާލުތަކެއް ކުރި މައްސަލަ ފެންމަތިވެއްޖެ

ވޯލްޑް ބޭންކުން ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ހެދި ދިރާސާއެއްގައި ސިޔާސީ ސުވާލުތަކެއް ކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.


މާލީ ފުދުންތެރިކަމާ ގުޅޭގޮތުން ވޯލްޑް ބޭންކުން ހެދި ދިރާސާ ސުވާލުތަކަށް ޖަވާބު ހޯދުމަށް އެކަން ހަވާލުކުރި ދިވެހި ކުންފުންޏަކީ "ގެލަފް އިންކް" އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެ ބޭންކުން ކަނޑައަޅާފައިވާ ސުވާލުތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ ބޭންކުގެ އިޖުރާތްތަކާ ހިލާފް ސުވާލުތަކެއް ސާވޭގައި ޝާމިލްވި ފަރާތްތަކުން އެކި މީހުންނާ ކޮށްފައިވާ ކަމަށެވެ.

"[އެއީ] މި ބޭންކުން ކުރިއަށްގެންދާ ސާވޭއާ ގުޅުމެއް ނެތް، "ގެލަފް އިންކް" އިން ކުރިއަށްގެންދާ އެހެން ސާވޭއެއްގައި ހިމެނޭ ސުވާލުތަކެއް. މިގޮތުން އިތުރު ކުރެވިފައިވާ ބައެއް ސުވާލުތަކަކީ ސިޔާސީ ކުރެވިފައިވާ ސުވާލުތަކެއް ކަމަށް ވެސް މި ބޭންކަށް ގަބޫލް ކުރެވޭ،" ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބެލުމަށް ވޯލްޑް ބޭންކުން ހުށަހަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ކުރި "ގްލޯބަލް ފިކްސްޑް ޑޭޓާބޭސް" އަކީ މާލީ ފުދުންތެރިކަމާ ގުޅޭގޮތުން ދުނިޔޭގައި ކުރާ އެންމެ މައުލޫމާތު މުއްސަނދި އެއް ދިރާސާ އެވެ. އެ ޑޭޓާ ބޭސްގައި 140 ގައުމެއްގެ މައުލޫމާތު ހިމެނެ އެވެ. މިއީ ރާއްޖޭގައި އެ ދިރާސާ ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ މާލީ ދާއިރާ ދެނެގަނެ، ރައްކާތެރި ނިޒާމެއް ގާއިމްކުރުމަށް ބާރު އަޅަން ހިންގާ އެ ދިރާސާގައި ދިވެހި ސަރުކާރާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާ ގުޅިގެން ކުރިއަށްދާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.