ވޯލްޑް ބެންކުގެ ދިރާސާގައި، ރައީސް ޔާމީނާ ރުހޭތޯ ސުވާލުކުރި!

ވޯލްޑް ބޭންކުން ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ހެދި ދިރާސާގައި، ރައީސް އަބްދުﷲ ޔާމީން ކަންތައް ކުރައްވާ ގޮތާ މެދު ރުހެންތޯ ސުވާލު ކޮށްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ވޯލްޑް ބޭންކުން ބުނީ އެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، އެ ބޭންކުން ކަނޑައަޅާފައިވާ ސުވާލުތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ ބޭންކުގެ އިޖުރާތުތަކާ ހިލާފް ސިޔާސީ ސުވާލުތަކެއް ސާވޭގައި ޝާމިލްވި ފަރާތްތަކުން އެކި މީހުންނާ ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިދިނުމަށް ވޯލްޑް ބޭންކުން އެދިފައިވެ އެވެ.

ތިރީގައި އެވަނީ މާލީ ފުދުންތެރިކަމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ހެދި ދިރާސާ އަށް އިތުރުކުރި ސިޔާސީ ސުވާލުތަކެވެ.

• އަސްކަރިއްޔާ އަށް، ޖުޑީޝިއަރީ އަށް އިތުބާރު އޮތްތޯ؟

• ގައުމުގެ އިސް ވެރިންނަށް އިތުބާރު އޮތްތޯ؟

• ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކަން ކުރާ ގޮތާ ރުހެންތޯ؟ ނުވަތަ ނޫން ތޯ؟

އެދިރާސާ ރާއްޖޭގައި ހެދި އެލައިޓް އިންސްޓިޓިއުޓުގެ ޑިރެކްޓަ އަހުމަދު ޒާހިރު ވިދާޅުވީ އެ ދިރާސާ ހެދުމުގައި ކުރި ސުވާލުތަކަކީ ވޯލްޑް ބޭންކުން އެ މަސައްކަތް ހަވާލުކޮށްފައިވާ "ގެލަފް އިންކް" އިން ފޮނުވާފައިވާ ސުވާލުތައް ކަމަށާއި ދިވެހި ކުންފުނިން އެ ސުވާލުތަކަށް ބަދަލު ނުގެންނަ ކަމަށެވެ.

"އެބޭފުޅުން ދީފައިވާ ލިންކުން ލޮގިންވީމަ އޭގައި ހުރި ސުވާލުތައް އަޅުގަނޑުމެން ކުރީ، އެ އަށް ސުވާލުތަކެއް އިތުރުކޮށްފައެއް ނުވާނެ،" ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދިރާސާ ފެށުމުގެ ކުރިން ނެޝަނަލް ބިއުރޯޯ އޮފް ސްޓެޓިސްޓިކްސް އިން އެ ސުވާލުތައް ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން ކުރި "ގްލޯބަލް ފިކްސްޑް ޑޭޓާބޭސް" އަކީ މާލީ ފުދުންތެރިކަމާ ގުޅޭ ގޮތުން ދުނިޔޭގައި ކުރާ އެންމެ މައުލޫމާތު މުއްސަނދި އެއް ދިރާސާ އެވެ. އެ ޑޭޓާ ބޭސްގައި 140 ގައުމެއްގެ މައުލޫމާތު ހިމެނެ އެވެ. މިއީ ރާއްޖޭގައި އެ ދިރާސާ ކުރި ފުރަތަމަ ފަހަރެވެ.