އުސޫލުތަކާ ޚިލާފަށް ކުނި އުފުލާ ނަމަ ޖޫރިމަނާ ކުރަނީ

އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާ ގޮތަށް ކުނި މެނޭޖް ކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.


ކުނި މެނޭޖް ކުރުމާ ބެހޭ ގަވާއިދު ކުރިން އޮތް ގޮތުން އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ގަވާއިދާ ޚިލާފްވެއްޖެ ނަމަ ޖޫރިމަނާ ކުރުމެއް ނޯވެ އެވެ.

އެކަމަކު އެ ގަވާއިދަށް މިއަދު ގެނެސް އަމަލުކުރަން ފެށި އިސްލާހު ބުނާ ގޮތުން އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާ ޚިލާފްވެއްޖެ ނަމަ 501ރ. އިން ފެށިގެން 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ކުނި އުފުލުމުގައި އަމަލު ކުރަންޖެހޭ އުސޫލު ކަނޑައަޅާނީ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިންނެވެ.

މީގެ އިތުރުން ވިޔަފާރި ކުރާ ތަންތަނާއި ކެފޭ އަދި ރެސްޓޯރެންޓްތަކުގެ ބޭރުގައި ކުނި ބެހެއްޓުމަކީ މަނާ ކަމެއް ކަން އަންގައިދޭ އިންޒާރުގެ ސްޓިކާއެއް ހަރު ކުރަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އެ ސްޓިކާ ހަރު ނުކޮށްފި ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހު ބުނާ ގޮތުން އެފަދަ ތަންތަނުގެ ބޭރުގައި ހަރުކުރަން ޖެހެނީ އެ ގަވާއިދުގައި ބުނާ ނަމޫނާ ސްޓިކާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސްޓިކާ އެކެވެ. އެ ސްޓިކާ ހުންނަން ޖެހޭނީ އާންމުކޮށް ފެންނަ ގޮތަށް ހަރުކޮށްފަ އެވެ.

ނަމޫނާ ސްޓިކާއެއް އެ އިސްލާހުގައި ހިމަނާފައިވާ އިރު، އެ ސްޓިކާގައި ބުނާ އިންޒާރުގައި ވަނީ ގަވާއިދާ ޚިލާފަށް ކުނި ބަހައްޓާ ފަރާތްތައް 501ރ. އިން ފެށިގެން 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ނުރައްކާތެރި ކުންޏާއި ޚާއްސަ ކުނި ރާއްޖެ އިން ބޭރު ކުރާ ނަމަ އެއް މަސް ދުވަސް ކުރިން އެކަމުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ވަނީ ހަމަޖައްސައިފަ އެވެ.