ޝައިހް ނަސްރުﷲ ހައްޔަރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލައިފި

އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ފޮނުވިކަމުގެ ތުހުމަތުގައި އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޝައިހް ނަސްރުﷲ މުސްތަފާ ހައްޔަރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލައިފި އެވެ.


މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ނަސްރުﷲ ހައްޔަރުކުރީ އޭނާ މިއަހަރު ހައްޖަށް ފޮނުވި ކަމަށް ބުނާ ހަތަރު މީހަކު މައްކާގައި ހާލުގައި ޖެހުނު މައްސަލައިގެ ތުހުމަތުގަ އެވެ. އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ހައްޖަށް ފޮނުވިއިރު އެ މީހުން ތިބޭނެ ހޮޓަލެއްގެ އިންތިޒާމް ވެސް އޮތީ ހަމަނުޖައްސާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ކުރިން ބުނެފައިވެ އެވެ. އެހެންވެ، ފަހުން އެ މީހުންގެ ކަންކަމާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ.

އެ މައްސަލާގައި ނަސްރުﷲ ހައްޔަރު ކޮށްފައި ވަނިކޮށް، ޝަރުތުތަކާ އެކު އޭނާ ދޫކޮށްލީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ކުރި ޝަރުތުތަކަކީ ކޮބައިކަން ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިއެއް ނުލިބެ އެވެ.

އެ މައްސަލަ މިދިޔަ އޮކްޓޫބަރު މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ހުށަހަޅާފައި ވަނީ އެ މައްސަލާގައި ހަތަރު މީހެއްގެ މައްސަލަ ބަލައި ދިނުމަށެވެ.