ކުރީގެ ހޯމް މިނިސްޓަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.

އުމަރު "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ އަންނަ ހަފުތާގައި ޖޭޕީ އަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި މަސައްކަތަކަށް ވާނީ ރިޔާސީ އިންތިޚާބަށް ޖޭޕީ ތައްޔާރުކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިގުޅެނީ ރިޔާސީ އިންތިޚާބަށް އެ ޕާޓީ ތައްޔާރު ކުރުމަށް. އެހެން މަސައްކަތަކަށް ނޫން،" ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދާ މަޝްވަރާ ކުރެއްވުމަށް ދާދި ފަހުން ލަންޑަނަށް ވަޑައިގެންނެވި އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން އަދިވެސް އޭނާ ގެންގުޅުއްވަ އެވެ. އެކަމަކު ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ އިންތިޚާބަށް ނުކުމެވަޑައިނުގަންނަވާނަމަ ޖޭޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ޖޭޕީ ވެސް ބައިވެރިވެފައިވާ އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރާއިރު، އެކަމަށް ތާއީދު ކުރައްވާނަންތޯ ދެންނެވުމުން އުމަރު ވިދާޅުވީ "އަދި އެކަމަށް އެއްޗެއް ބުނަން އަވަސް" ކަމަށެވެ.

އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކެެއްގެ މެދުގައި ޕްރައިމަރީއެއް ބާއްވަން އެމްޑީޕީން ނިންމިޔަސް އެއީ ކާމިޔާބު ވާނެ ފޯމިއުލާއެއް ނޫން ކަމަށް އުމަރު ކުރިން ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓަކު ނެރޭ ނަމަ އެކަމަށް އެންމެ އެކަށީގެންވަނީ ގާސިމް ކަމަށް އުމަރު ވިދާޅުވެފައިވާއިރު، ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މިހާރު އައިސް އަދި ގާސިމްގެ އުމުރުން 65 އަހަރުވެފައިވާތީ، މިހާރު އޮތް ގޮތުން ގާސިމަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާތީ ގާނޫނުއަސާސީ އޮތް ގޮތުން، އެ މަނިކުފާނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސް ދައުރެއް އަދާކުރައްވާ އެމްޑީޕީ ހިމެނޭ އިދިކޮޅު ހަރަކާތުގެ އެއް ބައިވެރިޔާ ޖޭޕީ އަށް އުމަރު ސޮއިކުރައްވާއިރު، އެ ހަރަކާތުން އަންނަ ރިޔާސީ އިންތިޚާބަށް ނެރޭ އެއް ކެންޑިޑޭޓަކީ ނަޝީދު ކަމަށް ހެދުމަށް އެމްޑީޕީގެ ބައެއް އިސްވެރިންނާއި އާންމު މެމްބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އިދިކޮޅު ހަރަކާތުގެ އެހެން ޕާޓީތަކުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އެކަމަށް މިހާތަނަށް އިޖާބައެއް ނުދެ އެވެ.

އުމަރަކީ އަބަދުވެސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާ ބޭފުޅަކަށް ވާއިރު، އޭނާ ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ ނަޝީދުގެ ފަހަތްޕުޅަށް އަރާވަޑައިގެންނެވެން ނެތް ކަމަށެވެ.

"ނަޝީދުގެ ފަހަތަށް ނެތް އެރޭކަށް. އެކަމަކު އެމްޑީޕީ އެހެން މީހެއްގެ ލީޑަޝިޕަށް އަންނަ ދުވަހެއްގައި އެ މީހެއްގެ ކެޕޭސިޓީ ބަލަން ޖެހޭނީ،" މި އަހަރުގެ ފެބްރުއަރީގައި "މިހާރު" އަށް ދެއްވި އިންޓަވިއުއްގައި އުމަރު ވިދާޅުވެފައިވެ އެވެ.