ޓްރަމްޕްގެ ނިންމެވުމުން ފަލަސްތީނު ރައްޔިތުން ނިކަމެތިވާނެ: ޕީޕީއެމް

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ރަސްމީކޮށް ނިންމައި ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އެކަން އިއުލާންކުރެއްވުމަކީ ފަލަސްތީނުގެ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިކޮށްލާނެ ކަމެއް ކަމަށް ބުނެ އެކަން އަނބުރާ ގެންދިއުމަށް ޕީޕީއެމުން އިއްޔެ ގޮވާލައިފި އެވެ.


އެމެރިކާގެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވެރިކަންކުރާ ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ޓްރަމްޕުގެ ނިންމެވުން ސިފަވަނީ ގަސްދުގައި ފަލަސްތީނު ރައްޔިތުން ނިކަމެތިކޮށް، މުޅި އިސްލާމީ އުއްމަތަށް ކެހިދިނުމަށް ނިންމި ނިންމުމެއްގެ ގޮތުގަ އެވެ. އަދި އޭގެ ސަބަބުން މެދު އިރުމަތީގެ ސުލްހައިގެ ދޮރޯށި ބަންދުވެގެން ދާނެކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ޕީޕީއެމުން ބުނީ އެމެރިކާ ސަރުކާރުގެ ތާކުންތާކު ނުޖެހޭ އެ ފިޔަވަޅަކީ ބައިނަލްއަގުވާމީ އެކި ގާނޫނުތަކުން އިންސާނީ އުންތަމަށް ކަށަވަރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖައްސަހަމުން އެޅި ނާތަހުޒީބު ފިޔަވަޅެއް ކަމަށެވެ. އަދި ޒަމާނުއްސުރެ ދެކެވެމުން އައި ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތަކުގެ އަސާސް ގެއްލި، އެވާހަކަތައް އިތުރަށް ކުރިއަށް ގެންދެވިދާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ފަލަސްތީނުގެ ބިމުގެ މާތްކަމަށާއި، އިންސާނީ ކަރާމާތާއި މުސްލިމުންގެ އިއްޒަތާއި ޝަރަފާއި ގަދަރަށް ކުޑަކޮށް ވެސް ބަލައިލުމެއް ނެތި، އަދި އެމެރިކާގެ ކުރީގެ ރައީސުންނަށް ވެސް އިހުތިރާމެއް ކުރެއްވުމަކާ ނުލައި، އަދި އެ ނިންމެވުމަކާއި ދެކޮޅަށް ދުނިޔޭގެ އެތައް ގައުމެއްގެ ލީޑަރުން އަޑު އުފުއްލަވަމުން ގެންދަވާ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ނިންމެވުމުން އަނބުރާ ގެންދެވުމަށް އެމެރިކާ ސަރުކާރަށް ހަރު އަޑުން ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ފަހުން އެ ގައުމުން ކަނޑައެޅި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އެހެންކަމުން އެމެރިކާ އަކީ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ގުދުސް އަކީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމަށް ބަލައިގެން ފުރަތަމަ ގައުމެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް އިއުލާނު ކުރެއްވީ އެކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ފާޑު ކިޔަމުން ދަނިކޮށެވެ.