ފަސިންޖަރުންގެ ހައްގުތައް ހޯދައި ދިނުމަށް ބިލެއް މަޖިލީހަށް ހުށަހަޅަނީ

ފަސިންޖަރުންގެ ހައްގުތަކާއި އިތުބާރު ހޯދައި ދެވެނޭ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރު ހުށަހަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައި ޒަމީރު ވިދާޅުވީ ފަސިންޖަރުންގެ ހައްގުތަކާއި އިތުބާރު ކުރުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަމާ ގުޅޭ ބިލެއް އަންނަ އަހަރު މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

"އެ ބިލާއެކު މި ދާއިރާ އިން ރާއްޖޭން ގާއިމް ކުރަމުން މިދާ ގާނޫނީ އޮނިގަނޑަށް އިތުރު ފުރިހަމަކަން ލިބި، އިތުބާރު ބޮޑުވެން ދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހުރިހާ ހަރަކާތްތަކެއް ފުޅާވެ، މަންފާ އިތުރުވަމުން ދާހެން، ވައިގެ ދަތުރުފަތުރުގެ ސިނާއަތް ވެސް އަންނަނީ ތަރައްގީވެ ފުޅާވަމުންނެވެ. އެގޮތުން ވައިގެ ޚިދުމަތް ހޯދާ ފަސިންޖަރުންގެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން އަންނަ ކަން ޒަމީރު ފާހަގަކުރެއްވި އެވެ.

އަދި ވިދާޅުވީ 2015 އާ އަޅާބަލާއިރު، ވައިގެ މަގުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު މިދިޔަ އަހަރު 5.1 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި މަތިންދާބޯޓު ބޭނުންކުރި ދަތުރުވެރިންގެ އަދަދު 10.1 ޕަސަންޓު ކުރިއަރާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރު ވެސް ފަސިންޖަރުންގެ އަދަދު އިތުރު ކުރުމެވެ.

ސަރުކާރުން ރާވާފައިވާ އަދަދަށް އެއާޕޯޓުތައް އެޅުމުން އެތެރޭގެ އުދުހުމުގެ ވިއުގަ ދެ ގުނައަށް ފުޅާވެގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރުކޮށް އުޅުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ދަތުރުތަކަށް ވެސް އިތުރު ދޮރޯށިތަކެއް ހުޅުވިގެން ދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދީ އެހެނިހެން ހަރަކާތްތައް އިތުރުކޮށް ފުޅާ ކުރުމުގެ މަގުތައް ވެސް ތަނަވަސްވެގެން ދާނެ އެވެ. މި ދާއިރާއާ ގުޅޭ މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެން ދާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.