ޖޭޕީގެ ކައުންސިލަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރިޔާޒް ވާހަކަ ދައްކަވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
13 ޑިސެމްބަރ 2017 - 12:26
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭ ނަމަ، އެ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނާއެކު، އެ ޕާޓީގެ ލީޑަޝިޕުން މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ ޖޭޕީގެ ހުރިހާ މެމްބަރުން ބޭނުންވަނީ ގާސިމަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތް ވުމަށް ކަމަށެވެ. އަދި އެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ މައި ޖަގަހަ އަދި އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލަރުން ބައިވެރިވަޑައިގަންނަވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެންމެން ގުޅިގެން 2018 ގައި ކެންޑިޑޭޓެއް ނެރޭ ކަމަށް ނަމަ، ޖޭޕީގެ ވިސްނުމަކަށް، ވިންދަކަށް ވާނީ އެ ފުރުސަތު ގާސިމަށް ލިބުމަށް،" ޖޭޕީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ނުކުރައްވަން ނިންމަވައި، ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހިއްޖެ ނަމަ، އެކަން ކުރެއްވުމުގެ ވިސްނުން ވެސް ގާސިމް ގެންގުޅުއްވަ އެވެ. ގާސިމްގެ ވިސްނުންފުޅަކީ ސިޔާސީ ގޮތުން މި ގައުމަށް ރަނގަޅު ގޮތް ހޯދައިދިނުން ކަމަށާއި މީގެ ކުރިން ވެސް ވަކި ބޭފުޅަކަށް ތާއީދުކޮށްގެން މަސައްކަތް ކުރެއްވި ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމަކީ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އާއި 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުން ގާސިމަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ގާސިމަށް ކުރިމަތިލެވޭ ގޮތް ހެދުމަށް ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، އޭނާގެ ޖަލު ހުކުމް މައާފްކޮށް، މިނިވަން ކުރަން ޖެހެ އެވެ. ގާސިމަށް މިހާރު ވަނީ 67 އަހަރުވެފަ އެވެ.
ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރިޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ ކަމަށްވާ އިރު، އެމްޑީޕީގެ ގިނަ މެމްބަރުންގެ ވިސްނުން ހުރީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ހޯދައި ދިނުމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ވިސްނުމަށް އިހްތިރާމް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި، ނަޝީދަކީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ. އެހެންވެ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުން އެ މަނިކުފާނަށް ވެސް އެއްވެސް އިންތިހާބެއްގައި ވާދައެއް ނުކުރެއްވޭނެ އެވެ.
ރިޔާޒް ވަނީ މިނިވަންކަމާއި ހަމަހަމަކަމާ އެކު، އޮންނަ ރިޔާސީ އިންތިހާބަކަށް މަގު ފަހި ކުރުމަށާއި ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ މެމްބަރުން ނިންމާ ކެންޑިޑޭޓަކަށް ފުރުސަތު ލިބޭ ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިދިޔަ މާޗް 24 ގައި ހަތަރު ލީޑަރުން ގުޅިވަޑައިގެން އެއްބަސްވުމެއްގައި ސޮއި ކުރެއްވިކަން ފާހަގަ ކުރައްވައިފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގާސިމާއި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިގު މުއްދަތެއްގެ ޖަލު ހުކުމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ.
"ދޭން ބޭނުންވާ ޔަގީންކަމަކީ 2018 އަދި 2019 ގައި ވެސް ގުޅިފައިވާ ޕާޓީތައް އެކުގައި ކަން ތިބޭނީ. ކޮންމެ ގޮތަކަށް ނިންމިޔަސް، ނިންމާ ނިންމުމަކަށް ވާނީ ގުޅިފައިވާ ޕާޓީތައް 2018 ގައި ވެރިކަމަށް އަންނާނެ ފޯމިއުލާއެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އަންނަ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓުވުމަށް ވަރަށް ގިނަ "ދަންތުރަ" ސަރުކާރުން ޖަހަމުން ދެ އެވެ. ލީޑަރުންނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ސަރުކާރުން ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު ގިނަ މެމްބަރުންގެ މައްޗަށް ޝަރީއަތް ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ބިރު ދެއްކުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށާއި އެކަމާ ޖެހިލުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބިރެއް ނުގެނޭ، މިތިބީ ސިޔާސީ މަސައްކަތަށް ނިކުމެގެން ރައްޔިތުންގެ ހައްގުގައި ރައްޔިތުން އިންތިހާބު ކުރި މަގާމުތަކުގައި މިތިބީ،" ރިޔާޒް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭ ނަމަ، އެ ކެންޑިޑޭޓަކަށް ވާންޖެހޭނީ ގާސިމް ކަމަށާއި އެކަމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ކުރުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް ތާއީދު ކުރި ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ހިމެނެ އެވެ. އެ ކޯލިޝަންގައި މައުމޫންގެ ފަރާތުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާސާ
20 December 2017
ކަޑައެޅިގެން ކޯލިޝަނުން ނެރޭނީ މިވެނިމީހެކޭ ކަޑައެޅިގެން އެއްވެސް ޕާޓީއަކަށް ނުބުނެވޭނެ !
އަލީމް
14 December 2017
އެއީ ބޮލުގެ އެއްޗެކޭ. އަސްލު އެއްޗެއް ނޫނޭ. އައްނިއަށް ލިބޭ ދުލެއް ގާސިމަށްވެސް ދޭންޖެހޭނެ އެންނު.
އިންސާނާ
14 December 2017
2013 ވަނަ އަހަރު ޔާމީންއަށް ވެރިކަން ހަދިޔާކުރެއްވީ ޤާސިމް. ރައްޔިތުންނަށް މިއަދު މިހާލުޖެއްސީ ޤާސިމް. މިހާރު މަންޒަރު ފެނަނަ ގޮތުން 2018 ގައިވެސް ހަޑިހާވައި ޔާމިން ވެރިކަމަށް ގެންނާނެ ކަމުގެ ނިޝާންތައް ފެންނަށްފަށައިފި.. އަމިއްލަ ވިޔަފާރިއާއިހުރެ ޤައުމު ތި ސުންނާފަތި ކުރަނީ
ވަޑި ކަބީލަ
14 December 2017
އޭރުން ދެން އަންނަ ސަރުކާރުގައި ތިބޭނީ ހައްތަހާވެސް ބަގާވާތުގެ ބައިވެރިން. ވަކި ރަނގަޅެއްވާނެބާ؟ ނުބައި ފިކުރަކުން ރަނގަޅެއް ވާނެހެނެއް ހިޔެއްނުވޭ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެޔޭ ބުނާބުނުން އެއީ ހަގީގަތެއްވިއްޔަ އެކަމެއްނުވާނެ.
ހަރުބަސް
14 December 2017
ޤާސިމަކަށް 2018 ގައި ފުރުސަތެއް ނެތެއްނޫންތޯ
އަޑުއެހިމީހާ
14 December 2017
ޫތިޔަ ޢުމަރަކީ ދައްކާވާހަކައިގައި އަގެއްވެސް ހުރިމީހެއްނޫން މީގެކުރިން ވަކި މީހަކާއިގުޅުވައިގެން ހުރިހާވާހަކަތަކެއްދައްކާފައި ފަހުން ނުދައްކާވާހަކައަކަށްހަދާ ބައިތުހިފީ މީނަހިމެނޭ ޕާޓީއަކަށްވެސް އަހަރެންވޯޓް ނުދޭނަށް.
ސަލަފް
14 December 2017
ގަމާރުބައެއް
ތުއްތޫ
14 December 2017
ރިޔާޒު އެދިފައިވާ ގޮތަށް އިތުުރު ބަދަލެއް ނުގެނަސް ހަޤީގީ އިއްތިހާާދުގެ ކެންޑިޑޭޓަކަށް އޮނަރަބަލް ގާސިމު ހަމަޖައްސާފީމެވެ
ދޮން އާމިރު
13 December 2017
ރިޔާޒު އެނެއްކާވެސް ބަގާވާތެއް ކޮށްލަބަލަ.
ހަރުބަސް
13 December 2017
ގާސިމަށް 2018 ގައި ފުރުސަތެއް ނެތް ދެއްތޯ.