ޖުމްހޫރީ ޕާޓީ (ޖޭޕީ) ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ހެދުމަށްޓަކައި ކޮންމެ މީހަކު ވެސް އެ ޕާޓީއަށް މުހިންމު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީ އަށް ސޮއިކުރައްވާތީ އެކަމަށް އަންނަ ފާޑުކިޔުންތަކާ ގުޅޭ ގޮތުން "މިހާރު" ގައި މިއަދު ޖެހި ރިޕޯޓް ޓެގް ކުރައްވައި، އެ ޕާޓީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ސިޔާސީ އެންމެ ބޮޑު ޕާޓީއަކަށް ހެދޭނީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ މީހުންނާއި ވަޒީފާތަކުގައި އުޅޭ މީހުންނާއި ދުވަސްވީ މީހުން އަދި ޒުވާނުންނަށް ޕާޓީގެ ދޮރު ވީހާވެސް ބޮޑަކަށް ހުޅުވާލެވިގެން ކަމަށެވެ.

ޖޭޕީގެ ސްލޮޓެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރައްވައި ފަހުން އިސްތިއުފާ ދެއްވި އުމަރު މި ހަފުތާގައި އަލުން އެ ޕާޓީއާ އަލުން ގުޅިވަޑައިގަންނަވާނެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އުމަރުގެ އެ ނިންމެވުމާ ގުޅިގެން ޖޭޕީ އަދި އިދިކޮޅު ކޯލިޝަންގެ އެކި ފޯރަމްތަކުގައި ހޫނު ޒުވާބުތަކެއް ވެސް ދަނީ ހިންގަމުންނެވެ.

ގާސިމާ އެކު އުމަރު --ފޮޓޯ/މިހާރު
ގާސިމާ އެކު އުމަރު --ފޮޓޯ/މިހާރު

ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޖޭޕީގެ އަސާސީ ގަވާއިދާއި ވިސްނުމާއި ފިކުރާ އެއްގޮތަށް މަސައްކަތް ކުރާނަމަ، އެ ޕާޓީއަށް ކޮންމެ މީހަކު ވެސް މުހިންމެވެ. އަދި ޖޭޕީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް އޮންނަ ފުރުސަތެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތަކީ. އެއީ ފެއާ ޕޮލިޓިކްސްއަކީ،" ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފުރުސަތު ބަންދުވެއްޖެ ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި އުމަރު ވާދަ ކުރައްވަން ނިންމެވުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ރިޔާޒް ވިދާޅުވި އެވެ.

އައިޑީޕީގެ ޓިކެޓުގައި 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ނާކާމިޔާބުވަޑައިގަތުމުން، އައިޑީޕީ އުވާލެއްވުމަށް ފަހު، އުމަރު ގުޅިވަޑައިގަތީ ޑީއާރުޕީއާ އެވެ. އަދި އެ ޕާޓީގައި ހުންނަވަނިކޮށް، ޖެހުނު މައްސަލަތަކެއްގެ ސަބަބުން ޑީއާރުޕީން ވަކިވެވަޑައިގެން، ޕީޕީއެމާ އޭނާ ގުޅިވަޑައިގަތެވެ. ޕީޕީއެމުން ވަކިވުމަށް ފަހު، ޖޭޕީއާ އޭނާ ގުޅިވަޑައިގެންނެވި އެވެ.

ޖޭޕީގައި ކުޑަ ދުވަސްކޮޅަކު އުޅުއްވުމަށް ފަހު، އުމަރު އެ ޕާޓީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު، އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އަދި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފަހުން، އޭނާ ފެނިގެން ދިޔައީ ސިޔާސީ ހަރަކާތްތަކުން "އެކަހެރި" ބޭފުޅެއްގެ ގޮތުގަ އެވެ.

އުމަރު ވިދާޅުވީ، ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު، މަސައްކަތް ކުރައްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމަތިލެއްވޭ ގޮތް ހެދުމަށް ކަމަށެވެ. އަދި ގާސިމަށް ކުރިމަތިލެވޭ ގޮތް ނުވެއްޖެނަމަ، ޖޭޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި އޭނާ ނިކުންނަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ޖަލްސާއަކަށް ފަހު، ގާސިމް އާއި ރިޔާޒް ސަލާމް ކުރައްވަނީ. .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ޖަލްސާއަކަށް ފަހު، ގާސިމް އާއި ރިޔާޒް ސަލާމް ކުރައްވަނީ. .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މިހާރު އައިސްފައި ވާތީ އާއި 65 އަހަރުވެފައިވާތީ މިހާރު އޮތް ގޮތުން ގާސިމަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ގާސިމަށް ކުރިމަތިލެވޭ ގޮތް ހެދުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސް، އޭނާގެ ޖަލު ހުކުމް މައާފްކޮށް، މިނިވަން ކުރަން ޖެހެ އެވެ. އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އޮތީ އިސްލާހުކޮށްފަ އެވެ.

އުމަރުގެ ނަން ފާހަގަ ނުކުރައްވައި، ރިޔާޒް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ވާދަކުރެވޭ ގޮތް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކު ވެސް ޕާޓީއަށް މުހިންމު ކަމަށެވެ. އަދި ޖޭޕީ އަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް މަރުހަބާ ވިދާޅުވާނެ ކަމަށް ތަކުރާރުކޮށް އޭނާ ފާހަގަކުރެއްވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ޖޭޕީގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ދެނެގަނެ، ޚާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން، އެ ގަވާއިދު ޑްރާފްޓްކޮށް މިހާރު ވަނީ ނިންމައިފަ އެވެ. ޖޭޕީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ ބޭނުމަކީ އެ ޕާޓީ ހަރުދަނާކޮށް، ވަރުގަދަ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖޭޕީ އަށް ގާބިލް މީހުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށާއި ކޮންމެ މީހަކަށް ޕާޓީގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް 8 2008، ގައި ރަޖިސްޓްރީ ކުރި ޖޭޕީގައި 10،000 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. އަދި އެއީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ.