ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މި ހަފުތާގައި ސޮއިކުރައްވާނެކަން އިއުލާން ކުރެއްވުމާ އެކު، އިދިކޮޅު ހަރަކާތަށް، ޚާއްސަކޮށް އެ ޕާޓީ އަށް ވަނީ "ތޫފާނެއް" ކުރިމަތިވެފަ އެވެ. ޖޭޕީގެ ބައެއް އެކްޓިވިސްޓުން، އެ ޕާޓީއާ އުމަރު ގުޅިވަޑައިގަތުން ސިފަކުރަނީ ވެސް އަންނަ "ތޫފާނެއް"ގެ ގޮތުގަ އެވެ. އަނެއް ބަޔަކު ބުނަނީ އުމަރަކީ "ކަތުރުފަންޏެއް" ކަމަށާއި މަގްސަދަކީ ބަދަހިކަންމަތީގައި މިހާރު އޮތް އިދިކޮޅު ހަރަކާތް ރޫޅާލުން ކަމަށެވެ. މި ޒުވާބު ޖޭޕީގެ އެކިއެކި ވައިބާ ގްރޫޕްތަކާއި ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އުމަރު ޖޭޕީއާ ގުޅިވަޑައިގަންނަވާ އިރު، އޭނާ އަށް ބޮޑެތި ފާޑުކިޔުންތައް ރައްދުވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ޚާއްސަކޮށް އިދިކޮޅު ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އިސް ދައުރެއް އަދާކުރާ އިރު، އުމަރަކީ ފެށުނީއްސުރެ އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު ބޭފުޅަކަށް ވުމަކީ އެއް ސަބަބެވެ. ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރާ ކަނޑައެޅިގެން އުމަރު ޚިލާފެވެ. ނަޝީދުގެ ފިކުރު އުމަރު ބަލައިގަންނާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. ޖޭޕީއާ ގުޅިވަޑައިގަންނަވާއިރު ވެސް އުމަރު ހުންނެވީ އެ ވިސްނެވުމުގަ އެވެ. ނަޝީދު ދަތުރުފުޅު ކުރައްވާ "އޮޑިއަކަށް" އުމަރު އަރާވަޑައިގަންނަނަވާނެ އެއްވެސް ގޮތެއް އުމަރަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
ސުވާލަކީ އިދިކޮޅު ހަރަކާތުގައި އެމްޑީޕީ އިސް ދައުރެއް ކުޅޭއިރު، އެ ޕާޓީ ހިމެނޭ ކޯލިޝަނެއްގައި އުމަރު އަމަލީ ގޮތުން މަސައްކަތް ކުރައްވާނީ ކޮން ގޮތަކަށް ބާވަ އެވެ؟ އެމްޑީޕީގެ ލީޑަޝިޕުން ބައިވެރިވާ ކޯލިޝަންގެ ބައްދަލުވުންތަކަށް އުމަރު ވަޑައިގަންނަވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
އުމަރު އަދިވެސް ވިދާޅުވަނީ އެމްޑީޕީ އަކީ ޚާއްސަކޮށް ނަޝީދަކީ އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ. އޭނާގެ ނަޒަރުގައި އެމްޑީޕީގެ ކަންކަމުގައި ނަގައިކިޔައި އުޅެނީ ބުރަދަން ހުރި ބައެެއް ނޫނެވެ. މިފަދަ ހާލަތެއްގައި ޖޭޕީ އަށް އުމަރު ސޮއި ކުރައްވައި، އެމްޑީޕީ ހިމެނޭ ޕްލެޓްފޯމެއްގައި އޭނާ މަސައްކަތް ކުރައްވާނީ ކޮން ގޮތަކަށް ހެއްޔެވެ؟
މިކަމާ ގުޅޭ ގޮތުން އުމަރުގެ ޖަވާބު ވަރަށް ސާފެވެ.
"ރައީސް ނަޝީދާއި އެމްޑީޕީއާ އެކު ޖޭޕީ ހިމެނިގެން ބާއްވާ އެއްވެސް އިވެންޓެއްގައި އަޅުގަނޑެއް ބައިވެރިއެެއް ނުވާނަން،" އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އިން ސިޔާސީ މައިދާނަށް ނުކުންނެވި އަދި ފަހުން އެ ޕާޓީ އުވާލައި، ޑީއާރުޕީ އާއި ޖޭޕީ އަދި ޕީޕީއެމްގައި މަސައްކަތް ކުރެއްވި އުމަރު ވިދާޅުވި އެވެ.
ނަޝީދު ނޫން ބޭފުޅަކު އެމްޑީޕީން ރިޔާސީ އިންތިޚާބަށް ދައްކައިފި ނަމަ، އެމްޑީޕީއާ މެދު ދެކޭ ވިސްނުން ބަދަލުވެދާނެތޯ ދެންނެވުމުން ވިދާޅުވީ އެއީ އަނިޔާވެރި، އަދި ގާނޫނާއި ގަވާއިދާ ޚިލާފަށް އަމަލު ކޮށްފައިވާ ބޭފުޅެއްތޯ ބައްލަވާފައި ނޫނީ ގޮތެއް ނުނިންމަވާނެ ކަމަށެވެ.
"އެހެންވީމާ އެކަމާ މެދު އެއްޗެކޭ ބުނަން އަދި މާ އަވަސް. އެމްޑީޕީން ނުކުންނަ މީހަކީ އެއްވެސް ހިސާބެއްގައި އެ މީހެއްގެ ފަރާތުން އަނިޔާވެރިކަން ފެނިފައިވާ މީހެއް ނަމަ ބަލައެއް ނުގަނެވޭނެ އެ ހާލަތުގައި ވެސް،" އުމަރު ވިދާޅުވި އެވެ.
އުމަރު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާ އަމަލު ކުރައްވާނެ ގޮތްތައް:
- އެމްޑީޕީ ނުވަތަ ނަޝީދު ހިމެނޭ ގޮތަށް ޖޭޕީއާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައެއް ނުގަންނަވާނެ.
- ޖޭޕީ ހިމެނޭ ކޯލިޝަންގައި ކޮމަން ކެންޑިޑޭޓަކީ ނަޝީދު ނުވަތަ އެމްޑީޕީގެ ބޭފުޅެއް ނަމަ ޖޭޕީއާ ދުރަށް ވަޑައިގަންނަވާނެ.
- ޖޭޕީގެ އެއްވެސް މަގާމަކަށް، ކައުންސިލަކަށް ކުރިމައްޗެއް ނުލައްވާނެ. އަދި ޕާޓީން ގޮތް ނިންމާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައެއް ނުގަންނަވާނެ.
- އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުން.
- ގާސިމަށް ފުރުސަތު ގެއްލިއްޖެ ނަމަ ޖޭޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ.
އޭނާއާ މެދު ޖޭޕީގެ ބައެއް މެމްބަރުން ސުވާލު އުފައްދާ އަނެއް ކަމަކީ، އެ ޕާޓީ އަށް ސޮއިކުރައްވަން ނިންމެވިކަން މިދިޔަ ބުދަ ދުވަހު އިއުލާން ކުރެއްވަމުން މީޑިއާގައި ދެއްކެވި ވާހަކަތަކެވެ. އެއީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފުރުސަތު ބަންދުވެއްޖެ ނަމަ، އެ ޕާޓީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވުމެވެ.
މިހާ އަވަހަށް ޖޭޕީގެ ޓިކެޓާ ދިމާލަށް އުމަރު މިސްރާބު ޖެހުމަކީ އޭނާގެ މަގްސަދާ މެދު ހަގީގަތުގައި ވެސް ސުވާލު އުފެދޭ ކަމެކެވެ. ބޭނުމަކީ ޖޭޕީގެ ޓިކެޓް ހެއްޔެވެ؟ ނުވަތަ އުމަރު ވިދާޅުވާ ގޮތަށް ޖޭޕީގެ ޓިކެޓް ގާސިމަށް ލިބޭނެ ފުރުސަތު ލިބޭތޯ ގަދައަޅައި މަސައްކަތް ކުރުން ހެއްޔެވެ؟ އުމަރު ޖޭޕީ އަށް ސޮއިކުރެއްވުމުން އެ ފުރުސަތު ގާސިމަށް "ޚާއްސަ އިމްތިޔާޒަކުން" ލިބެނީ ހެއްޔެވެ؟
އުމަރު ވިދާޅުވީ އޭނާ ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު މައިގަނޑު މަސައްކަތަކަށް ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރާ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމުގެ މަސައްކަތެވެ. ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅުން ނުކުންނަ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމަށް ކުރެއްވުނުހާ މަސައްކަތެއް ހުއްޓާނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށް ތަކުރާރުކޮށް އުމަރު ވިދާޅުވި އެވެ.
އެކަމަކު އުމަރު އެކަން ކުރަން ނިންމަވާފައި ވަނީ ތަފާތު ގޮތަކަށެވެ. ޖޭޕީގެ އެއްވެސް އިސް މަގާމަކަށް ވަޑައެއް ނުގަންނަވާނެ އެވެ. ޕާޓީގެ ކައުންސިލަކަށް ކުރިމަތިލައްވާކަށް ބޭނުމެއް ނޫނެވެ. ޖޭޕީގެ ގޮތް ނިންމާ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ.
"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ގާސިމަކީ ކޮމަން ކެންޑިޑޭޓަކަށް ވުމަށްޓަކައި ގާސިމަށް ޓިކެޓް ހޯދުމަށް މަސައްކަތް ކޮށްދިނުން. އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް ޖޭޕީގެ ކަންކަން ނިންމާ ހިސާބުގައި ހުންނާކަށް ވެސް. އަޅުގަނޑު ބޭނުންވާ ކަންކަން ޓްރެކުން ނިންމާނަން. އަޅުގަނޑަކީ ގްރައުންޑް ޑްރައިވް ކުރާ މީހެއް. އަޅުގަނޑަކީ ތަންތަނުގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް ވެސް ސްޓާޓް ކޮށްގެން ދާ މީހެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އެއް ކެންޑިޑޭޓްގެ ފުރުސަތު ގާސިމަށް ގެއްލި، އެ ފުރުސަތު ނަޝީދަށް ނުވަތަ އެމްޑީޕީ އަށް ލިބިއްޖެ ނަމަ، އެ ހިސާބުން އެފަދަ ކޯލިޝަނަކުން އޭނާ ނުފެންނާނެ ކަމަށެވެ. އެކަމަކު ސިޔާސީ މަސްރަހަށް އަންނަ ބަދަލަކާ އެކު، ޖޭޕީގެ ޓިކެޓް ހޯއްދަވަން ވަކިން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ގާސިމަކީ 20 އަހަރު ވަންދެން އަޅުގަނޑުގެ ގާތް ފްރެންޑެއް. ފުރަތަމަ ސިޔާސީ ގޮތަކުން ވެސް ނޫން. ފުރަތަމަ އެއީ އަޅުގަނޑުގެ އަވައްޓެރިއެއް. ވިޔަފާރީގެ ޕާޓްނަރުންގެ ގޮތުގައި އުޅޭތާ ވެސް 20 އަހަރު ވެއްޖެ. އެހެންވީމާ ގާސިމަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ހުންނާނެ ގޮތް. ގާސިމްގެ ބްލެސިންއެއް ނެތި ޖޭޕީ އަށް ވަންނަން އަޅުގަނޑު ނޫޅޭނެ ނޫންތޯ،"
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނަމަ އެ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އެވަގުތަކު ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. މިވަގުތު އެ ޕާޓީގެ ލީޑަރަކީ ގާސިމް ކަމަށް ވީ ނަމަވެސް އެކި ސަބަބުތަކާ ހެދި އޭނާ އަކީ ޖޭޕީގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތެއް އަދިއެއް ނެތެވެ. އެކަމާ މެދު ޝަރުއީ ނިޒާމުގެ ތެރެއިން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ.
"ޖޭޕީގެ ޓިކެޓް އަޅުގަނޑު ހޯދަން ބޭނުންވަނީ އެ ޕާޓީގެ އުސޫލުތަކުގެ ތެރެއިން،" ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް ވާނީ ލީޑަރު ނޫންތޯ ދެންނެވުމުން އުމަރު ވިދާޅުވި އެވެ.
އުމަރަކީ ޖޭޕީގެ ސްލޮޓްގައި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރެވެ. ވަކި ހިސާބަކުން ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިވުމުން، އުމަރު އިޚްތިޔާރު ކުރެއްވީ ޕީޕީއެމެވެ. އޭގެ ފަހުން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެތައް ކަމެއް ދިފާއު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް އުމަރެވެ. އޭގެ ތެރޭގައި އެއްވެ އުޅުން ހަނިކުރުމަށް ގާނޫނަށް ގެނައި އިސްލާހާއި ރައީސް ޔާމީނަށް ކުރަމުން އައި ކޮރަޕްޝަންގެ ބައެއް ތުހުމަތުތަކުން އެމަނިކުފާނު ދިފާއު ކުރައްވައި ވާހަކަ ދެއްކެވުން ހިމެނެ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ހައްޔަރުކުރިއިރު ވެސް ހޯމް މިނިސްޓަރަކީ އުމަރެވެ.
މި ހުރިހާ ކަމެއް ސަރުކާރުން ހިންގަމުން ދިޔައިރު އުމަރު ހިމޭނުން ހުންނަވަމުން ގޮސް، ދާދި ފަހުން ގާސިމް ހައްޔަރުކޮށް، ޖަލު ހުކުމާ ހަމައަށް ދިޔައިރު ވެސް ގާސިމްގެ ދިފާއުގައި އުމަރު ނުނިކުންނަވާކަން ޖޭޕީގެ މެމްބަރުން ފާހަގަކުރެ އެވެ. އުމަރު ދެކެ އެ ޕާޓީގެ ބައެއް މެމްބަރުން އެންމެ ރުޅި އަންނަ އެއް ސަބަބަކީ ވެސް މިއީ ކަމަށް ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން އެނގެ އެވެ.
"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ގާސިމަކީ ކޮމަން ކެންޑިޑޭޓަކަށް ވުމަށްޓަކައި ގާސިމަށް ޓިކެޓް ހޯދުމަށް މަސައްކަތް ކޮށްދިނުން. އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް ޖޭޕީގެ ކަންކަން ނިންމާ ހިސާބުގައި ހުންނާކަށް ވެސް. އަޅުގަނޑު ބޭނުންވާ ކަންކަން ޓްރެކުން ނިންމާނަން. އަޅުގަނޑަކީ ގްރައުންޑް ޑްރައިވް ކުރާ މީހެއް. އަޅުގަނޑަކީ ތަންތަނުގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް ވެސް ސްޓާޓް ކޮށްގެން ދާ މީހެއް،"
މި މައްސަލާގައި އުމަރު ވިދާޅުވީ ގާސިމްގެ ދިފާއުގައި ބޯޑާއި ތާޅަފިލި ހިފައިގެން އޭނާ ނުކުމެވަޑައިނުގަތަސް އޭނާ ހުންނެވި ގޮތް ގާސިމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"ގާސިމަކީ 20 އަހަރު ވަންދެން އަޅުގަނޑުގެ ގާތް ފްރެންޑެއް. ފުރަތަމަ ސިޔާސީ ގޮތަކުން ވެސް ނޫން. ފުރަތަމަ އެއީ އަޅުގަނޑުގެ އަވައްޓެރިއެއް. ވިޔަފާރީގެ ޕާޓްނަރުންގެ ގޮތުގައި އުޅޭތާ ވެސް 20 އަހަރު ވެއްޖެ. އެހެންވީމާ ގާސިމަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ހުންނާނެ ގޮތް. ގާސިމްގެ ބްލެސިންއެއް ނެތި ޖޭޕީ އަށް ވަންނަން އަޅުގަނޑު ނޫޅޭނެ ނޫންތޯ،" އުމަރު ވިދާޅުވި އެވެ.
"އުމަރުގެ ހުރިހާ ވެސް ބޭނުމަކީ ޓިކެޓް"
މިއީ ސިޔާސީ މައިދާނުގައި އުމަރާ އެކު ގާތުން މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެވެ. ޖޭޕީގެ ޓިކެޓް ހޯއްދެވުމަކީ އުމަރުގެ މައިގަނޑު ބޭނުމެވެ.
"އުމަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ގާސިމަށް ޓިކެޓް ލިބުމުގެ ފުރުސަތު ބަންދުވާނެކަން. އެހެންވެ ޓިކެޓް ހޯދުމުގެ ބޭނުމުގައި އުޅުއްވަނީ،" ނަން ހާމަކުރައްވަން ބޭނުން ނުވާ، ސިޔާސީ ގޮތުން އުމަރުގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ނަމަވެސް އުމަރު މިގޮތަށް ނިންމެވި އެހެން ސަބަބެއް ވެސް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ އިދިކޮޅު ހަރަކާތުގެ ތެރޭގައި އެމްޑީޕީ ނުވަތަ ނަޝީދުގެ ނުފޫޒް ގަދަވެ، އެ ނޫން ފިކުރަކަށް ފުރުސަތު ހުޅުވިދާނެ ކަމުގެ ބިރެވެ.
"އެހެންވެ އުމަރު އެ މަސައްކަތް ކުރައްވަނީ ރައީސް މައުމޫނާއި ޖޭޕީގެ ފިކުރު ހިމެނޭ، އެ ފިކުރަށް ތާއީދު ކުރާ ވަކިވަކި މީހުންގެ އެއްބާރުލުމާއެކު ކޮމަން ކެންޑިޑޭޓަކު ނެރެން. މި ފިކުރުގައި މަސައްކަތް ކުރާނީ ރައީސް މައުމޫނާއި ޖޭޕީ ނުވަތަ އެފަރާތްތަކަށް ތާއީދު ކުރާ ވަކިވަކި އެހެން ފަރާތްތަކެއް،" 'މިހާރު'އާ ބައެއް ކަންކަން ހިއްސާ ކުރެއްވި ފަރާތުން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވެސް ވިދާޅުވި ގޮތުން އުމަރު ގެންގުޅުއްވާ "މުރަނަ" ގޮތާއި ގޮތްދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން މިދަނޑިވަޅުގައި އިދިކޮޅު ހަރަކާތައް ގެއްލުން ލިބުމުގެ ފުރުސަތު އެބައޮތެވެ. ޚާއްސަކޮށް އެމްޑީޕީ އާއި ނަޝީދާ ދެކޮޅު ފިކުރުގެ ހިޔަނި ކޯލިޝަނަށް އެޅުމުގެ ބިރު އޮވެދާނެކަން ފާހަގަކުރެއްވި އެވެ.
އުމަރަށް މި ދަނޑިވަޅުގައި ސިޔާސީ ގޮތުން ވަރުގަދަ ބަހުގެ ހަމަލާތައް އަންނައިރު، އޭނާ ހުންނެވީ މަސްލަހަތަަށްޓަކައި، އެ ވާހަކަތަކަށް ޖަވާބު ދެއްވާ ގޮތަކަށް ނޫނެވެ. އޭނާ އަކީ އިދިކޮޅު ހަރަކާތަށް އަންނަ "ތޫފާނެއް" ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް ޖަވާބު ދެއްވަން ބޭނުމެއް ނުވި އެވެ.
އެކަމަކު އުމަރު ޖޭޕީއާ ގުޅިވަޑައިގަތުން ކައިރިވާ ވަރަކަށް މި ޒުވާބު ހޫނުވުމަކީ ކައިރީގައިވާ ކަމެކެވެ. ބަލަން ތިބެމާ ހިނގާށެވެ.