އުމަރު ޖޭޕީއަށް މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
14 ޑިސެމްބަރ 2017 - 17:10
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ.
މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުމަރު ސޮއިކުރެއްވި ފޯމް، ހަވާލުކުރެއްވީ ޖޭޕީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާ އެވެ. އުމަރުގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި މީޑިއާ އަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި އުމަރު ދެއްވީ ބަޔާނެކެވެ.
އުމަރު ވިދާޅުވީ ޖޭޕީން މިދިޔަ ނުވަ އަހަރު ދުވަހު އަދާ ކުރީ އެހެން ޕާޓީތަކަށް ވެރިކަން ހޯދައި ދޭ ނުވަތަ "ކިންގް މޭކާ"އެއްގެ ދައުރު ކަމަށާއި އެކަމަކު އެކަން "ކިންގް" ރޯލަށް ނުވަތަ ވެރިކަމަށް އައުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ޖޭޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
"މި ޕާޓީ ވޭތުވެދިޔަ ނުވަ އަހަރު ކުޅުނު ކިންގް މޭކާގެ ރޯލުން ކިންގް ގެ ރޯލަށް ބަދަލުވުމަށް މި ޕާޓީއަކީ ވަކި ފިކުރެއްގެ މަތީގައި ގާއިމުވެފައި އޮތް ޕާޓީއަކަށް ހަދަން ޖެހޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކިންގް މޭކަގެ ރޯލުން ކިންގް ރޯލަށް ބަދަލުވުމަށް ޕާޓީގެ ދޮރުތަކަކީ އެންމެންނަށް ހުޅުވާލެވިފައިވާ ހުރިހާ ފިކުރެއްގެ މީހުންނަށް މަރުހަބާ ކިޔާ ޕާޓީއަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ޖޭޕީއާ ގުޅުނީ ވެރިކަން ކުރާ ޕާޓީއަކަށް ޖޭޕީ ބަދަލުވުމުގެ ޝައުގުވެރިކަން ހުރި ނަމަ، އެކަމުގައި އެހީތެރިވެ ދިނުމަށް ކަމަށާއި އެ ނޫން ވިސްނުމެއް ގެންގުޅޭނަމަ، އޭނާގެ ހިދުމަތް މުހިންމު ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު އުމަރު މިއަދު ބަޔާން ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އުމަރު ވިދާޅުވި ގޮތުގައި ޖޭޕީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ތިން ވަނަ ސިޔާސީ ބާރެވެ.
ޕާޓީތައް ވެރިކަމަށް ގެނައުމަށް ޖޭޕީން މަސައްކަތް ކުރުމުން އެކަމުގެ ހިތި ތަޖުރިބާތަކެއް ލިބުނު ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ ހިތި ތަޖުރިބާ ތަކުރާރު ކުރަން ބޭނުންނުވާ ނަމަ، މުޅިން އާ މިސްރާބަކަށް ދިއުމަށް "ފަލިތައް އަތަށް ނަގައި ރިޔާތައް ނިއުޅާލައިގެން" އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާއަށް ދެ ގޮތް ނުވެ ދަތުރު ކުރަން ފަށަން ޖެހޭ ކަމަށާއި އެހެން ނޫނީ ކުރިން ކުރި ތަޖުރިބާ އަދިވެސް ކުރަން ޖެހިދާނެ ކަމަށެވެ.
"ތިންވަނަ މަގާމުގައި އަދި އިތުރު 20 އަހަރު ވެސް މި ޕާޓީ އަށް މަޑުކޮށްލެވިދާނެ. މި ޕާޓީގެ ލީޑަޝިޕުން ނިންމަންވީ ޖޭޕީ ވާނީ 'ލީޑަރަކަށް' ތޯ ނުވަތަ 'ފޮލޯޔާ' އަކަށްތޯ؟،" މީގެ ކުރިން ވެސް ޖޭޕީ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އުމަރު ވިދާޅުވި އެވެ.
"މިއީ މި ޕާޓީގެ ދިދަތައް އުފުލައި، އަޑުތައް އިއްވާ، ކުލަތައް ދައްކަންވީ ފަހަރު. މިއީ މި ޕާޓީގެ އަތަށް ގައުމީ ދަންމަރު ގެނައުމަށްޓަކައި އަތުކުރި އޮޅާލަންވީ ވަގުތު. ދިވެހިން މި ތަޖުރިބާކުރި ވެރިކަންތަކާ އެއްގޮތަށް މި ޕާޓީ ދަތުރު ނުކުރާނެ ކަމުގެ ވައުދާއި ތެދުވެރިކަމާއި އަމާންތެރިކަމާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ މަތީގައި ގާއިމްވެ އޮންނަ އަދުލުވެރި ސަރުކާރެއް މި ގައުމުގައި އުފައްދާނެ ކަމުގެ ވައުދުގެ ބަސް އިއްވަންވީ ފަހަރު."
އުމަރު ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްއާ މިއަދު ފޯމް ހަވާލުކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ މަސައްކަތަށް ޖޭޕީން ފުރިހަމައަށް އެއްބާރުލުން ދޭން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް އޮތް ހަމައެކަނި ފޯމިއުލާއަކީ "ތިން ވަނަ ފަރާތަކަށް ހާއްސަ މަޖިލިސްގެ ރައީސްކަން ދީގެން ގާނޫނުއަސާސީ ނިންމި ފޯމިއުލާ" ކަމަށެވެ.
"ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައުމަށް ބޭނުން ކުރެވުނު ފޯމިއުލާ ބޭނުންކޮށްގެން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ހުރިހާ ޕާޓީތައް ވިސްނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އެއްބަސްވުމަކަށް ނާދެވޭ ހާލަތެއްގައި ގުޅިފައިވާ ކޯލިޝަނަށް "ވާނުވާ" ޖަހާފައި ރިޔާސީ އިންތިހާބު "ގައިދަށު ވަންދެން" ކޯލިޝަނާއި ޖޭޕީ އޮންނަން ވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގޮތެއް ނުނިމި ޕާޓީތައް ވާނުވާގައި އޮންނަ ކޮންމެ ދުވަހަކީ ވާދަވެރިޔާ އަށް ހިލޭ ލިބޭ ވަގުތެއް ކަމަށާއި ރައްޔިތުންގެ ގިނަ ބައެއްގެ އުންމީދަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ލީޑާޝިޕްގެ ދަށުން ގެނައި ފެހި ގާނޫނުއަސާސީގެ މަތީގައި ޕާޓީ ވެރިކަން ކުރާ ގޮތް ދުށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ވަނީ އަނެއް ދެ ޕާޓީގެ ތަޖުރިބާކޮށްފައި. އެހެންވެ ދިވެހިންގެ އެތައް ބަޔަކު ބޭނުންވަނީ މި ޕާޓީ ވަކަރަށް ޖަހާލަން. މި ޕާޓީގެ ވެރިކަމެއްގައި ކަން ހިނގާނެ ގޮތް ދެކެން. އަނެއް ދެ ސަރުކާރު ހެދި ގޯސްތައް އަލުން ތަކުރާރު ކުރޭތޯ ބެލުން،" އެމްޑީޕީ އާއި ޕީޕީއެމަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި މިނިވަން ޖުޑިޝަރީއެއްގެ އަދުލުވެރި ކަމުގެ ހިޔާ ރާއްޖޭގެ ރަށްތަކަށް ލިބޭތޯ ބެލުމަށާއި ވަޒީފާގެ ބިރެއް ނެތި އިންސާފުކަމާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ސިފައިންނާއި ފުލުހުންނާއި ސިވިލް ސާވިސް މުވައްޒަފުންނަށް ލިބެން ބޭނުންވާ ކަމަށެވެ.
ގާސިމްގެ އަމިއްލަ ހަޔާތުގައި ގެންގުޅުއްވާފައިވާ ސިޔާސަތުތައް ގައުމީ ލެވެލްއެއްގައި ތަންފީޒު ކުރާ މަންޒަރު ދެކެން ދިވެހިން ބޭނުންވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާސިމްގެ ހަރުދަނާ ސިޔާސަތުތައް މުޅި ގައުމުގައި ތަންފީޒު ކުރުމުގެ ފުރުސަތު ޖޭޕީ އަށް ލިބިއްޖެނަމަ، މުޅި ގައުމު އާ މިސްރާބަކަށް ބަދަލުވެ، މަތީ ތައުލީމާއި ތަހުޒީބުގެ މުޅިން އާ ޖީލެއް އުފެދި، ކޮންމެ ގެއަކަށް ވަންނަ އާމުދަނީ އެތައް ގުނައަކަށް އިތުރުވެގެން ދާނެ ކަމަށެވެ.
އުމަރު ޖޭޕީ އަށް ސޮއިކުރެއްވުމަށްޓަކައި މިއަދު ކުނޫޒށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އުމަރު ދެވަނަ ފަހަަރަށް ޖޭޕީއާ ގުޅިވަޑައިގެންނެވިއިރު، އެ ޕާޓީ ވަނީ އިދިކޮޅު ފަރާތްތަކާ އެކު ކޯލިޝަނެއް ގާއިމްކޮށްފަ އެވެ. އަދި ފެށުނީއްސުރެ އުމަރު އެންމެ ބޮޑަށް ހިޔާލު ތަފާތުވާ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޖޭޕީގެ ކޯލިޝަންގެ ތެރޭގައި ހިމެނެ އެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވެފައި ވަނީ އެމްޑީޕީ ނުވަތަ ނަޝީދު ހިމެނޭ ގޮތަށް ޖޭޕީއާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޖޭޕީ ހިމެނޭ ކޯލިޝަންގައި އެއް ކެންޑިޑޭޓަކީ ނަޝީދު ނުވަތަ އެމްޑީޕީގެ ބޭފުޅެއް ނަމަ ޖޭޕީއާ ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ.
އުމަރު ވިދާޅުވެފައި ވަނީ ޖޭޕީގެ ކައުންސިލަށް ވެސް އަދި އެހެން މަގާމަކަށް ވެސް ކުރިމަތި ނުލައްވާނެ ކަމަށާއި ޕާޓީން ގޮތް ނިންމާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އެންމެ އިސްކަން ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމަށް ކަމަށާއި ޖޭޕީގެ ޓިކެޓަށް ވާދަކުރައްވާނީ އެ ފުރުސަތު ގާސިމަށް ބަންދުވުމުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރައްވައި ފަހުން އިސްތިއުފާ ދެއްވި އުމަރު އައިޑީޕީގެ ޓިކެޓުގައި 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ނާކާމިޔާބުވަޑައިގަތުމުން، އައިޑީޕީ އުވާލެއްވުމަށް ފަހު، އުމަރު ގުޅިވަޑައިގަތީ ޑީއާރުޕީއާ އެވެ. އަދި އެ ޕާޓީގައި ހުންނަވަނިކޮށް، ޖެހުނު މައްސަލަތަކެއްގެ ސަބަބުން ޑީއާރުޕީން ވަކިވެވަޑައިގެން، ޕީޕީއެމާ އޭނާ ގުޅިވަޑައިގަތެވެ. ޕީޕީއެމުން ވަކިވުމަށް ފަހު، ޖޭޕީއާ އޭނާ ގުޅިވަޑައިގެންނެވި އެވެ.
ޖޭޕީގައި ކުޑަ ދުވަސްކޮޅަކު އުޅުއްވުމަށް ފަހު، އުމަރު އެ ޕާޓީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު، އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އަދި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފަހުން، އޭނާ ފެނިގެން ދިޔައީ ސިޔާސީ ހަރަކާތްތަކުން "އެކަހެރި" ބޭފުޅެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
14 December 2017
ބައެއްމީހުންނަކީ ކަންކަންހާސިލްކުރުމަ އެހެންމީހުންގެ ނަފްސުކަތިލާމީހުން ވެރިކަން ބޭނުންވެއްޖެޔާ ކޮމްމެފަދަކަމެއްވެސް ކޮއްފާނެ.
މަންޑޭލާ
14 December 2017
އުމަރަކީ ވަރައް އަމިލްލައެދުން ބޮޑުމީހެ އުމަރު ތިޕާޓީޔާ ގުޅުނީ ކޮމްމެހެން ޤާސިމަ ހެޔޮއެދޭކަނުން ވެރިކަން ލިބޭތޯ.
ޓޯޗުބައްތި
14 December 2017
ނަސީރު ބުނެދޭން އެބަޖެހެއެއްނޫންތަ ހަރުގަނޑު ބަހައްޓައިގެން ދިފާއިއްޔާގެ ފާރަށް އަރަން އުޅުމަކީ ކިހާވަރެއްގެ ކަމެއްތޯ.
ފޭކު
14 December 2017
އުމަރަށް އިނގޭނެ އޭނާ އަށް ވެރިކަމެއް ނުލިބޭނެ ކަން. ޢޭނާ އަސްލު ބޭނުންވަނީ މިނިސްޓަރުކަންް. ޢެހެން އުޅެލާފަ ގުޅޭނީ ޔާމިނާއި.
ހަސަނުދޮންބެ
14 December 2017
ނޮޓް ޕްރެޒިޑެންޓަލް މެޓީރިއަލް
ދީދީ
14 December 2017
ޢުމަރު ހިހޫތަނުން ކާލައިގެން ލައްކަ ދުވަހު އުޅެވިއްޖެ، ދެންވެސް ނިކަން ފިރިހެނަކައްވެ ކަންކަމާ ފޭސްކުރަން ދަސްކޮއްބަލަ. ޑެން ހުދުވާ އަވަހައް ފުއްޑަނުން ނެރެ އޭތި ގައިގަ އޮޅާލާ.
ބޮއިކޮޓް އުމަރު
14 December 2017
އެމްޑީޕީ މެންބަރުން ޖޭޕީ ޖަލްސާތަކަށް ދިއުން ހުއްޓާލީމާ އަސްލު ސައިޒުފެންނާނެ.
ސިންތިލީ ވޫމް
14 December 2017
އުމަރު ވާނީ ހަމަ އުމަރަ، ދައްކާ ވާހަކަޔަކާ ކުރާކަމަކާ ދިމަލެއްނުވާނެ، މިފަހަރުވެސް ޖޭޕީއައްދޭނީ ބޮޑި. ތިޔަނުން ހޯމް މިނިސްޓަރު ކަން ދިނީމަ ޖޭޕީ ބޮލުގައި ޖެހިމާހާ.
ހޯރަފުށި
14 December 2017
އުމަރާއި ރާއްޖެތެރެ މާލެއާއި އެއްފެއްވަރަށް ތަރަށްގީ ކުރާނަމޭ އެއްމެ ފަހަރެއްގަވެސް ބުނެބަލާށޭ ޖެފީ ވެރި ކަމެއްގައި. ވޭތުވެދިޔަ ސަރުކާރު ތަކުންވެސް ރާއްޖެތެރޭ ރަށްއިތުންނަށް ދެއްކީ ހުވަފެން. އައިހެވަން އާއި ޓާސަރީ ހޮސްފިޓަލުތަކުގެ ވާހަކަ އިބިލީސް ކައިވެއްޏަށް ވެ ނިމިންޖެ. މިސަރުކާރުން ގޮވާ ގޮވެލި ފައްޗަކީ އެއްމެން މާލެ އަރާށޭ ކުލި ދައްކާ ދައްކާ ގިޔާމަތާ ހަމަޔަށް ތިބެށް..
ނާސި
14 December 2017
ޢުމަރާ ބުނަން ކަލެއަށް ހޭލާ ހުއްޓާ ހުވަފެން ވެސް ފެންނަނީތަ