މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ގައުމުން އެއްބާރުލުން ދިނުމާ ގުޅޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވައި ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސޮއިކުރީ، އެ ގައުމުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމު ކުރުމަށާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުން އަދި މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ ގުޅޭ އެއްބަސްވުމެއްގަ އެވެ.

ނަޖީބުގެ ދެކަނބަލުންގެ ޝަރަފުގައި ރައީސް ޔާމީންގެ ދެކަނބަލުން ވަނީ މިއަދު މެންދުރު ދަރުބާރުގޭގައި ޖާފަތެއް ވެސް ދެއްވައިފަ އެވެ. އަދި ބޮޑުވަޒީރުގެ އަނބިކަނބަލުން ވަނީ ހުޅުމާލޭގައި ހުންނަ، ކުޑަކުދިންގެ މަރުކަޒު، ފިޔަވައްޗަށް ވެސް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވައިފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.